ދުނިޔެ

މުސްލިމުން ވަނުން މަނާ ކުރުން އެމެރިކާގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ވޮޝިންގްޓަން (ޖޫން 26) - މުސްލިމް ފަސް ގައުމަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.

އެމެރިކާގެ ދަށު ކޯޓުތަކުން އެ ނިންމުމަކީ ގާނޫނު އަސާސީ އާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެންމެ މަތީ ކޯޓުން ވަނީ 4-5 އިން ބަދަލުކޮށް އެކަމަށް ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ޓްރަމްޕް ވަނީ ސިފަކުރައްވާފަ އެވެ. މި ހުކުމާއެކު މުސްލިމުންގެ އާބާދީ ބޮޑު ލީބިޔާ، އިރާނު، ސޯމާލިއާ، ސީރިއާ އަދި ޔަމަނުގެ ގިނަ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުން މަނާ ވާނެ އެވެ.

ޓްރަމްޕްގެ އެ ނިންމެވުމަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށް، ތަފާތު ކުރުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތައް، އެމެރިކާގެ އުއްތަމަ ފަނޑިޔާރު ވަނީ އެނާގެ ރައުޔުގައި ބަލައި ނުގަންނަ ކަމަށް ނިންމަވާފަ އެވެ. އަދި އެފަދަ ނިންމުމަކީ ރައީސަކަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވެސް އެ ރައުޔުގައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޓްރަމްޕުގެ އަމުރަށް އަމަލު ކުރަން ފެށުމަށް ސުޕްރީމް ކޯޓުން ވަނީ ޝަރުތަކަކާއެކު އެ ނިންމުމުގެ ބައެއް ބައިތައް ކުރިއަށް ގެންދެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދީފަ އެވެ.

މި ފަސް މުސްލިމު ގައުމުގެ އިތުރުން، ޓްރަމްޕްގެ އެ ނިންމެވުމުގައި ވެނަޒުއޭލާ އަދި އުތުރު ކޮރެއާ ވެސް ހިމެނެ އެވެ. ނަމަވެސް، އެ ދެ ގައުމުގެ ވާހަކަ ކޯޓަށް ހުށަހެޅި މައްސަލާގައި ހިމަނާފައެއްނުވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއެކު، އެ ފަސް ގައުމުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވެވޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ނަމަވެސް، ދާހިލީ ހަނގުރާމައިގެ ސަބަބުން، އަމިއްލަ ގައުމު ދޫކޮށް އެމެރިކާއަށް އެތެރެވާ ފަގީރު މީހުންނަށް އެފަދަ ހުއްދައެއް ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަމުގައި ރެފިއުޖީންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ ބުނަމުންނެވެ.

ޓްރަމްޕްގެ އެ ނިންމެވުމަށް އަމަލު ކުރަން ފެށުނުތާ އެއް މަސް ތެރޭގައި ހާއްސަ ހުއްދަ އެދި 6،000 އަށް ވުރެ ގިނަ މީހުން ހުށަހެޅި ނަމަވެސް، އެ ހުއްދަ ލިބިފައިވަނީ އެންމެ ދެ މީހުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.