ދުނިޔެ

އެމެރިކާގެ 17 ސްޓޭޓަކުން ޓްރަމްޕްގެ ސަރުކާރަށް ދައުވާ ކުރަނީ

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ ކުޑަކުދިން އާއިލާ އާއި ވަކިކުރުން ނިމުމަކަށް ގެނެވިފައިވީ ނަމަވެސް، މިހާތަނަށް ރޫޅާލާފައިވާ އާއިލާތަކުގެ ހައްގުގައި އެމެރިކާގެ 17 ސްޓޭޓަކުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވޮޝިންގްޓަން، ނިއު ޔޯކް އަދި ކެލިފޯނިއާ ފަދަ އެމެރިކާގެ ބޮޑެތި ސްޓޭޓްތައް ހިމެނޭ ގޮތަށް ސިއޭޓަލްގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި މައްސަލާގައި، މިހާރު ރޫޅާލާފައިވާ އާއިލާތައް އަލުން އަނބުރާ ގުޅުވާ ދިނުމަށް ސަރުކާރުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދިފައިވެ އެވެ.

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ގޮތުން، ބޮޑެތި މީހުންނާއެކު ކުޑަކުދިން ހައްޔަރުކޮށްފައި ނުބޭތިއްބޭތީ، އެތަކެއް ކުޑަކުދިންނެއް އެ ކުދިންގެ އާއިލާތަކާއި ވަނީ ވަކިކޮށްފަ އެވެ. ކުޑަ ކުދިންގެ ހައްގުތަކާއިބެހޭ ޖަމިއްޔާތަކުން ބުނާގޮތުގައި، ޑިޕޯޓްކުރެވޭ އެތަކެއް މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް ވީގޮތެއް ނޭނގި ގިނަ ތަކުލީފުތަކާއި ކުރިމަތިލާންޖެހެ އެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މެއި މަހާއި ހަމައަށް 2،300 ކުޑަކުދިން ވަނީ މައިންބަފައިންނާއި ވަކިކޮށްފަ އެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތައް ގެނެވުނު ބަދަލާއިއެކު، މިހާރު އާއިލާތަކާއި ވަކިކޮށްފައިވާ ކުދިންނާމެދު އަމަލު ކުރާނެ ގޮތެއް ހިމަނާފައެއްނުވެ އެވެ.

މިކަމުގެ ސަބަބުން، އެތަކެއް ސަކޭތަ އާއިލާތަކަށް ޝަރުއީ އަދި ގާނޫނީ މަރުހަލާތަކާއި ހައްގުތަކުން މަހުރޫމުވެފައިވާ ކަމަށް މައްސަލަ ހުށަހެޅި ސްޓޭޓްތަކުން ވަނީ ބުނެފަ އެވެ.