ދުނިޔެ

ރެފިއުޖީ ގާފިލާގައި ހިޖުރަކުރި އިތުރު ކުއްޖަކު އެމެރިކާގެ ބެލުމުގެ ދަށުގައި މަރުވެއްޖެ

Dec 26, 2018

ވޮޝިންގްޓަން (ޑިސެމްބަރު 25) - އެމެރިކާއަށް އެތެރެވާން މެދު އެމެރިކާގެ އެކި ގައުމުތަކުން ހިޖުރަކުރަމުންދާ ގާފިލާގައި ހިމެނޭ ދެ ވަނަ ކުއްޖަކު އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެއްޖެ އެވެ.

ގުއާޓަމާލާއިން އެމެރިކާއަށް ހިޖުރަކުރި އަށް އަހަރުގެ އެ ކުއްޖާ މަރުވީ، އިމިގްރޭޝަންގެ ބެލުމުގައި ދަށުގައި ހުއްޓާކަމަށް އެމެރިކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއީ އެމެރިކާ އިމިގްރޭޝަންގެ ބެލުމުގައި ދަށުގައި ވަނިކޮށް މި މަހު މަރުވި ދެވަނަ ކުއްޖާ އެވެ. މިމަހު ކުރީކޮޅު އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރު ހުރަސްކުރަނިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނުތާ ދެ ތިން ގަޑިއިރުގެ ތެރޭގައި ހަތް އަހަރު ކުޑަ އަންހެން ކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ.

އަށް އަހަރުގެ ފިރިހެން ކުއްޖާ މަރުވީ އިއްޔެގެ މެންދަމުކަމަށާއި، ހޯމަ ދުވަހު އެ ކުއްޖާއަށް ހުމާއި ރޯގާ ޖެހިފައިވާތީ ބޭސް ދިން ކަމަށްވެސް އެމެރިކާގެ ބޯޑަރު ބަލަހައްޓާ އިދާރާއިން ވަނީ ބުނެފަ އެވެ. ނަމަވެސް، ހޯމަ ދުވަހުގެ ރޭ އެ ކުއްޖާ ހޮޑުލާން ފެށުމާއެކު، ހާލު ދެރަވެ އަލުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެވުނުކަމަށް ވެސް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އެ ކުއްޖާ މަރުވެފައިވާ ކަމަށާއި، ނަމަވެސް އަދި އެ ކުއްޖާ މަރުވި ސީދާ ސަބަބެއް ބުނަން ނޭނގޭކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުންޏެވެ.

ފަގީރުކަމާއި، ނުހައްގުން ދައުވާކުރުމާއި، ހަމަނުޖެހުންތަކުން ސަލާމަތްވާން ކަމަށް ބުނެ އެތަކެއް ހާސް ރެފިއުޖީންނެއް ވަނީ އެމެރިކާ-މެކްސިކޯ ބޯޑަރަށް ހިޖުރަކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ، މެދު އެމެރިކާގެ ގައުމުތައް ކަމުގައިވާ ގުއާޓަމާލާގެ އިތުރުން، ހޮންޑިއުރަސް އާއި އެލް ސެލްވަޑޯ އިން ހިޖުރަކުރި ރެފިއުޖީންނެވެ.

ހިޖުރަ ކުރާ މީހުންނަށް ގަވައިދާ ހިލާފަށް އެތެރެވިޔަ ނުދޭނެކަމަށް އެމެރިކާ ސަރުކާރުން ދަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. އަދި އެގޮތަށް އެތެރެވާން މަސައްކަތް ކުރަނިކޮށް ހައްޔަރުކުރެވޭ މީހުންނަށް ދައުވާކޮށް އަނބުރާ ގައުމަށް ފޮނުވާލާނެކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އެމެރިކާގައި ވަޒަންވެރިވާން އެދި ހުށަހަޅާ ހުށަހެޅުންތައް ކޯޓުތަކުން ވަކި ގޮތެއް ކަނޑައަޅަންދެން، އެމެރިކާގެ ބޯޑަރު ހުރަސްކުރިޔަ ނުދޭނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފަ އެވެ.