ބޭރު ކުޅިވަރު

ފީފާ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ބްލެޓާ ދެކޮޅު ހައްދަވައިފި

ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޔުއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އެދިވަަޑައިގަތް ނަމަވެސް، ފީފާގެ ރައީސް ޖޯސެޕް ބްލެޓާ އެކަމަށް ދެކޮޅު ހައްދަވައިފި އެވެ.

ކޮރަޕްޝަންގެ ތުހުމުގައި ފީފާގެ ހަ އޮފިޝަލުން އިއްޔެ ހައްޔަރުކުރުމާއެކު، ބްލެޓާ ވަނީ މިއަދު ފީފާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު، ބްލެޓާ އާއި ޕްލެޓިނީ ވަކިން ބޭއްވި ބައްދަލުވުމުގައި ޕްލެޓިނީ ވަނީ ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ބްލެޓާ އަށް ދަންނަވައިފަ އެވެ. އެކަމަކު ބްލެޓާ ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.

ހުކުރު ދުވަހު އޮންނަ ފީފާގެ އިންތިހާބު ބޮައިކޮޓްކުރުމަށް ޔުއޭފާ އިން ދަނީ ވިސްނަމުންނެވެ. ބްލެޓާ ފަސް ވަނަ ދަައުރަކަށް ކުރިމަތިލައްވާޢިރު، ބްލެޓާއާ ދެކޮޅަށް އިންތިހާބުގައި ވާދަކުރައްވަނީ ޖޯޑަންގެ ޕްރިންސް އަލީ އެވެ.

ހައްޔަރުކުރި ފީފާގެ ހަ އޮފިޝަލުންގެ ތެރޭގައި ފީފާގެ ނައިބު ރައީސެއް ކަމަށްވާ ޖެފްރީ ވެބް ހިމެނެ އެވެ. ހައްޔަރުކުރި އޮފިޝަލުންގެ ތެރޭގައި ކޮސްޓަ ރީކާގެ އެޑުއާޑޯ ލީ އާއި އުރުގުއޭގެ ޔުޖީނިއޯ ފިގުއެރޭޑޯ އާއި ބްރެޒިލްގެ ހޯސޭ މަރިއާ މަރިން ވެސް ހިމެނެ އެވެ.

ހައްޔަރުކުރި ފީފާގެ ހަ އޮފިޝަލުން ރިޝްވަތުގެ ގޮތުގައި ގާތްގަނޑަށް 100 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.