ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޝަހުސު އޮޅުވާލިކަމަށް ބުނެ ކޮށްފައިވާ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުން ބުނެފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެހެން ބުނެފައިވަނީ ފާރިސް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ފާރިސް އަކީ ޕީޕީއެމް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެ ޕާޓީ ގެ މުއައްސިސް ކަމަށާއި، އެމައްސަލައިގައި ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި އިރުވެސް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވަމުން ގެންދަވަނީ ޕީޕީއެމް ކަމަށެވެ.
އަދި ފާރިސް ޝަހުސުއޮޅުވާލި ކަމަށް އެބުނާ ޕްރެސްގައި މީޑިއާ އާއި ހިއްސާ ކޮށްފައިވަނީ ޕީޕީއެމްގެ ރައީސް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ވެފައިވާ އެއްބަސް ވުމުގެ މައުލޫމާތު ކަމަށާއި، ޕީޕީއެމްގެ ރައީސް ތަމްސީލުކުރައްވާ އިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެތަނެއްގައި ހުރުމަށް ޕީޕީއެމް ގެ އެއްވެސް ގަވައިދެއް ހުރަހެއްނާޅާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ޕީޕީއެމްގެ ރައީސް ގެ ފަރާތުން ތަމްސީލުކުރާނެ ބޭފުޅަކު ކަނޑައެޅުމުގެ ބާރު ޕީޕީއެމްގެ އަސާސީ ގަވާއިދުން ޕީޕީއެމްގެ ރައީސްއަށް ލިބިގެންވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި، ގާނޫނުއަސާސީއާ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ހައްގުތަކުން މަހުރޫމްކޮށް ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ގެންގޮސްފައިވަނީ އިޖުރާއަތުތަކާ ހިލާފަށް ހައްގުތައް ގެއްލިގެންދާ ގޮތަށާއި، އެކަމުގެ ސަބަބުން ފާރިސް ހުކުމެއް ކުރުމެއްނެތި 11 މަސްދުވަސް ޖަލުގައި ހޭދަކޮށްފައިވަނީ ބޭއިންސާފުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބޭއިންސާފުން ކިތަންމެ ބައިވަރު ހުކުމެއް ކުރިޔަސް އިންސާފު އަރާ ހަމަކުރާނެ ދުވަހެއް ވަރަށްއަވަހަށް ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި، އަދި މިފަދަ އެއްވެސް ކަމެއްގެ ސަބަބުން އިސްލާހަށް މަސައްކަތްކުރެއްވުމުގައި ފާރިސް މައުމޫން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.