ބޮލީވުޑް

12 ކިލޯގެ ހެދުމެއްގައި ގޯހަރް ޚާން ނަށައިފި

"ބިގް ބޮސް" ގެ ހަތް ވަނަ ސީޒަން ކަމިޔާބުކޮށް ގިނަ ބައެއް މަގުބޫލުކަން ހޯދި އެކްޓްރެސް އަދި މޮޑެލް ގޯހަރް ޚާން، މިހާރު ކުޅެމުން އަންނަ ފިލްމުގެ ލަވައަކަށް 12 ކިލޯގެ ހެދުމެއް ލާންޖެހިއްޖެެ އެވެ. މި ހެދުމުގައި އޭނާއަށް ޖެހުނީ "މުޖުރާ" ލަވައަކަށް ނަށާށެވެ.

އެ ހެދުމުގައި 12 ކިލޯ ހުރި އިރުގައި އެއާއެކު އަޅަންޖެހުނު ގަހަނާތަކާއެކު ޖުމްލަ އަދަދުގައި 15 ކިލޯ ހަމަވެ އެވެ. ސަރޯޖް ޚާން ކޮރިއޯގުރާފްކުރި މި ލަވަ އެއްކޮށް ޝޫޓުކޮށް ނިންމުމަށް ދެ ދުވަސް ހޭދަވި އެވެ.

މި ތަޖުރިބާއާ ބެހޭގޮތުން ގޯހަރް ބުނީ، ޝޫޓުކުރުމަށް ލިބުނީ މަދު ވަގުތުކޮޅެއް ކަމަށައި ލަވައަށް ރިހާސްކޮށްގެން ތައްޔާރުވި ނަމަވެސް ހެދުމާއި ޖަވާހިރުތައް ބަރުވީމާ ވަރަށް އުނދަގޫކަމަށްވީި ކަމަށެވެ.

"ވަަރަށް ޕްރެޝާގައި މީހާ ހުރީ ވެސް އެއީ ސަރޯޖްއަށް ކަމުނުގޮސްދާނެތީ،" އޭނާ ބުންޏެވެ.

އެކަމަކު ވަރަށް މަސައްކަތުން ސަރޯޖް ބޭނުވި ގޮތަށް އެ ލަވަ ޝޫޓުކޮށް ނިންމާލެވުނެވެ.

މި ފިލްމަކީ މަހަތްމާ ގާންދީ މާރާލި ހާދިސާއާއި ގުޅުވައި ތައްޔާރު ކުރަމުން އަންނަ ހިސްޓޮރިކަލް ތްރިލާއެކެވެ. ފިލްމުގެ ނަމަކީ "ގާންދީ ހަތްޔާ: އޭކް ސާޒިޝް" އެވެ. މި ފިލްމާބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.