ހަބަރު

ފެންފުށީގެ ޒުވާނަކު ގެއްލިގެން ހޯދަނީ

އދ ފެންފުށީގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަނީ އެރަށު ޕެންޒީގެ، އަދްނާން، 29 އެވެ.

އެމްއެންޑީއެފުން ބުނީ އަދްނާންގެ ހަބަރެއްނުވެ ގެއްލިފައިވާތީ އޭނާ ހޯދަން ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުހގައި ފުލުހުން ވެސް ހަރަކާތްތެެރިވަމުންދާ ކަމަށެވެ.

ފެންފުށީގެ ކައުންސިލް ރައީސް، ޝާހިދު އަބްދުއްރަހްމާން "އަވަސް" އަށް ވިދާޅުވީ، އަދްނާން ގެއްލުނު ވަގުތެއް ސީދާ ބުންނަން ނޭނގޭ ކަމަށެވެ. އެ މައްސަލަ އާއިލާއިން ރަށު ކައުންސިލަށް ހުށަހެޅީ މިއަދު މެންދުރު ކަމަށާއި ނަމަވެސް ރޭއްސުރެ ރަށުން ޑިންގީއެއް މަދުކަން ފާހަގަވެފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި، ބޮޑަށް ބެލެވެނީ އަދްނާން އެ ޑިންގީގައި ނިކުތް ކަމަށެވެ.

ރެއިން ފެށިގެން ފެންފުށިން ގެއްލިފައިވާ ކަމަށް ބެލެވޭ ޑިންގީއެެއްވެސް ވަނީ އެ އަތޮޅު މަހިބަދޫ ކައިރިން ފެނިފަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝާހިދު އެންމެ ފަހުން ބަޔަކަށް ފެނިފައިވަނީ ރޭގެ ގަޑިއެއްގަ އެވެ. އޭރު އޭނާ ލައިގެންހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެކެވެ. އެމްއެންޑީއެފުން ވަނީ އަދްނާންގެ މައުލޫމާތެއް ވެއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް އެދިފަ އެވެ.