ދުނިޔެ

ދިއްލީގެ އާއިލާއެއް އެއްކޮށް މަރުވެފައި ތިއްބާ ފެނިއްޖެ

Jul 2, 2018
1

ނިއުދިއްލީ (ޖުލައި 1) - އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިރިއުޅޭ އާއިލާ އެއްގެ 11 މެމްބަރުން މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނެފައިވާ ގޮތުން އާއިލާގެ 10 މެމްބަރުން ދަންޖެހިފައި ތިބިއިރު، 77 އަހަރުގެ އަންހެނަކު ފެނިފައިވަނީ ބިންމަތީގައި އޮއްވަ އެވެ. ދެ ކުޑަކުދިން ވެސް ހިމެނޭ އެ އާއިލާގެ ގިނަ މެމްބަރުން ތިބީ ކަނުބަނދެ، އަނގަ ބަންދުކޮށް، ފަހަތަށް އަތް އައްސާފަ އެވެ.

ސިހުރު ކަމަށް ބެލެވޭ އަތުން ލިޔެފައިވާ ގަނޑުތަކެއް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ނަމަވެސް، އެ އާއިލާ އަމިއްލައަށް މަރުވީ ކަމެއް ނުވަތަ ބަޔަކު މަރާލީކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ވަނީ ދިއްލީގެ އިތުރުން އޮންނަ ބުރާރީ ސަރަހައްދުގައި ދިރިއުޅޭ އެ އާއިލާ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފަ އެވެ.

ސިހުރު ހެދިކަމަށް ބެލެވޭތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި ތިބި ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. މަރުވެފައި ތިއްބާ ފެނިފައިވާ އާއިލާ، ރާޖަސްތާނުން ހިޖުރަކޮށް ދިއްލީގައި ދިރިއުޅޭތާ މިހާރު 20 އަހަރު ވެއްޖެކަމަށް އަވަށްޓެރިން ވަނީ ބިނެފަ އެވެ.

މީހުން އިހުތިރާމް ލިބިފައިވާ ވަރަށް ގަދަރުވެރި، ތަނަވަސް އާއިލާއިން ތިން ބުރިއަށް ހުންނަ ގޭގައި ދެ ފިހާރަ ހިންގާ ކަމަށްވެ އެވެ.

އެ އާއިލާ މަރުވެފައި ތިއްބާ ފެނިފައިވަނީ އާދިއްތަ ދުވަހު ހެނދުނު ކިރު ޕެކެޓެއް ގަންނަން ފިހާރައަށް ދިޔަ މީހަކަށެވެ.