ސިއްހަތު

އާފަލު ކަނީ އޮށާއެކުގައިތަ؟

ބައެއް ފަހަރަށް ބުނާ އެއްޗެކެވެ. އާފަލު ކާންވާނީ އޭގެ އޮށްތައް ނެގުމަށްފަހު އެވެ. އާފަލުގެ އޮށަކީ ކާ އެއްޗެއް ނޫން ކަމަށް ބައެއް މީހުން ބުނާއިރު އެއީ ބޮޑު ވިހައެއް ކަމަށްވެސް ބައެއް މީހުން ބުނެ އެވެ. މިފަހުން ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ.

އާފަލަކީ އެތައް ގޮތަކުން ހަށިގަނޑަށް ފައިދާހުރި މާއްދާތަކެއް ހުންނަ މޭވާއަކަށްވީ ނަމަވެސް އާފަލުގެ އޮށް ކެއުމުން ހަށިގަނޑުގައި ނުރައްކާތެރި މާއްދާއެއް އުފެދުމަށް މެދުވެރިވެ އެވެ. މި ހުރިހާ މައްސަލައެއް ދިމާވަނީ އާފަލުގެ އޮށުގައި ހުންނަ މާއްދާއެއް ކަމަށްވާ "އެމީގެޑްލިން"ގެ ސަބަބުންނެވެ. އާފަލުގެ އޮށް ކެއުމުން ބަނޑުގެ ތެރޭގައި ކާނާ ހަޖަމުވާއިރު އޮށުގައި ހިމެނޭ މި މާއްދާ ބަދަލުވަނީ "ހައިޑްރޮޖެން ސައިނައިޑް" ކިޔާ ވިހަ މާއްދާ އަކަށެވެ.

އެކަމަކު މި "އެމީގެޑްލިން" ކިޔާ މާއްދާ ވިހަވުމަށް މެދުވެރިވާނީ ބަނޑުގައި ހުންނަ "ޑައިޖެސްޓީވް އެންޒައިމްސް" އާއި އެކުވުމުންނެވެ. އެއާ މި މާއްދާ އެކުވާނީ އާފަލުގެ އޮށް ހަފައިގެން ކައިފިނަމަ އެވެ. އާފަލުގެ އޮށް ކެއުމުން ހަށިގަނޑުގައި އުފެދޭ މި ވިހަ މާއްދާއިން ހަށިގަނޑަށް ކުރާނެ ނޭދެވޭ އަސަރުތައް ވަޒަން ކުރާނީ އެމީހެއްގެ ބަރުދަނުންނެވެ.

އާދައިގެ ހެޔޮވަރުގެ އާފަލެއްގެ އޮށުގައި އެއް މިލި ގްރާމުގެ މި ވިހާ މާއްދާ ހިމެނެ އެވެ. ހަށިގަނޑުގައި މި މާއްދާ 100 މިލިގްރާމަށްވުރެ މަތިވެއްޖެނަމަ ފުރާނައަށް ނުރައްކާވާނެ އެވެ. އެހެންކަމުން އާފަލުގެ އޮށްކައިގެން މީހަކު ވިހަވިޔަސް ވާނީ ގަޑިއިރެއްގެ ތެރޭގައި 50 އަށްވުރެ ގިނަ އާފަލުގެ އޮށް ކައިގެންނެވެ.