ޓެކްނޯލޮޖީ

ފޯނު ވެއްޓޭ ވަގުތު ފިޔަފަޅާ ކަވަރެއް!

އެންމެ ގިނައިން ފޯނު ހަލާކުވާން މެދުވެރިވަނީ އަތުން ދޫވެގެން ފޯނު ބިން މައްޗަށް ވެއްޓިގެންނޫން ހެއްޔެވެ. މި ގޮތަށް ފޯނު ވެއްޓިންގެން ކޮންމެ މަހަކު ފޯނެއް ގަންނަންޖެހޭ މީހުން ވެސް އުޅެ އެވެ. އެންމެފަހުން ޖެހޭނީ ފޯނު ވެއްޓިގެން ގެއްލުން ނުވާނެ ވަރުގެ ފޯނު ކަވަރެއް ހޯދާށެވެ.

ތަފާތު ވައްތަރުގެ ފޯނު ކަވަރުތައް މިހާރު ލިބެން ހުރެ އެވެ. ރީތި ޑިޒައިންތަކާއި ފޯނަށް ރައްކާތެރި އެތަށް ވައްތަރެއްގެ ކަވަރެއް ހުރެ އެވެ. އެކަމަކު މި ކަވަރަކީ މިހާތަނަށް ހެދި އެންމެ ތަފާތު ފޯނު ކަވަރަށް ވާނެ އެވެ. ފޯނު ވެއްޓެން އުޅުމުން ހަތަރު ފަރާތުން މި ކަވަރުގައި ފިޔަފަޅަނީ އެވެ.

މިއީ ޖަރުމަނުގެ ދަރިވަރެއް ކަމަށްވާ ފިލިޕް ފްރެންޒެލް އުފެއްދި ކަވަރެކެވެ. މި ކަވަރަށް ކިޔަނީ "އޭޑީ" ނުވަތަ އެކްޓީވް ޑެމްޕެނިން ފޯނު ކޭސް އެވެ. މި ކަވަރުގައި ހުންނަނީ ފޯނު ވެއްޓޭކަން ދެނެގަނެވޭ ސެންސާސްތައް ހަރުކޮށްފަ އެވެ. ފޯނު ވެއްޓެން އުޅޭކަން މި ސެންސާސްތަކަށް އެނގުމާއެކު ހަތަރު ފަރާތުން ފިޔަތަކެއް ނިކުމެވެ.

މިއާއެކު ފޯނުގެ އެއްވެސް ފަރާތެއް ބިންމަތީގައި ނުޖެހި ހުރެ އެވެ. ވެއްޓިންގެ ފޯނު ހަލާކުވުމުގެ ބިރު އޮތް މީހުނަށް މިއީ ރަނގަޅު ކަވަރަކަށް ވާނެ އެވެ. އަދި ވެއްޓިންގެ ފޯނުގައި ކޫރު އެޅުންފަދަ ކަންކަމުންވެސް މި ކަވަރުން ސަލާމަތްކޮށްދޭނެ އެވެ.

މި ކަވަރު އަދި އާންމުކޮށް ވިއްކަން ނުފެށި ނަމަވެސް ފިލިޕްއަށް ވަނީ ޖަރުމަނުގެ ސޮސައިޓީ އޮފް މެކަޓްރޯނިކްސް އިން މި ކަވަރު ތައްޔާރު ކުރުމުން އެވޯޑެއްވެސް ލިބިފަ އެވެ.