ހަބަރު

މާވަރު ފަޅުގައި ހަދާ ރިސޯޓުތައް ހިއްކަން އެމްޓީސީސީއަށް

Jul 2, 2018
1

މާލެ އަތޮޅު މާވަރު ފަޅުގައި ތަރައްގީ ކުރާ ރިސޯޓުތައް ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މާވަރުގައި ދެ ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުވެފައިވާ ގުޑް ކެޗް ކުންފުނިން ބުނީ މާވަރު ފަޅު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ފަޅުގައި ހިއްކާނީ އަށް ހެކްޓަރުގެ ދެ ރަށެވެ. މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

މާވަރު ފަޅަކީ ތިން ކިލޯ މީޓަރުގެ ފަޅެކެވެ. މި ފަޅު ފަޅު ގުޑް ކެޗް ކުންފުނިން ގަނެފައިވަނީ މިދިއަ މެއި މަހު އެވެ.

ގުޑްކެޗް ކުންފުނިން ބުނެފައިވާ ގޮތުގައި މި ފަޅުގައި ތަރައްގީ ކުރާ ދެ ރިސޯޓަކީ ވެސް އެންމެ މަތީ ފަންތީގެ ޓޫރިސްޓު ޕްރޮޕަޓީތަކަށް ވެގެންދާނެ އެވެ.

ސަރުކާރުން ވަނީ މާލެ އަތޮޅުގެ 26 ފަޅެއް ތަރައްގީ ކުރުމަށް ދޫކޮށްފަ އެވެ. މިގޮތުން ގިނަ ފަޅުތަކުގައި ތަރައްގީކުރާ ރިސޯޓުތައް މި އަހަރު ހުޅުވާނެ އެވެ. އެންމެ އަވަހަށް ހުޅުވާނީ އިތާފުށީގައި ތަރައްގީކުރާ ރިސޯޓުތަކާއި އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓުތަކެވެ. އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރިސޯޓުތަކުގައި ޑިއުޓީ ފްރީ ފިހާރަތައް ވެސް ހިމެނެ އެވެ.