ހަބަރު

"ސްނައިޕަރުގެ" ހާލަތާމެދު އެމްނެސްޓީ ކަންބޮޑުވެއްޖެ

Jul 2, 2018
3

ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާވައިގެން ރާއްޖެ ގެނައި ކަމަށް ތުހުމަތު ކުރާ، ސްރީލަންކާގެ ލަހިރު މަދުޝަންކަ އާމެދު އަމަލު ކުރަމުންދާ ގޮތާއިމެދު އެމްނެސްޓީ އިންޓަނޭޝަނަލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޮކްޓޯބަރު 2015 ގައި އެއާޕޯޓުން ހައްޔަރުކުރި މަދުޝަންކަގެ ޝަރީއަތް ކުރިއަށްދާއިރު، އޭނާއަށް މާފުށީ ޖަލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެމްނެސްޓީ އިން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައި ވެއެވެ. ދެ މީހުން ބައިތިއްބަން ހަދާފައިވާ ޖަލު ގޮޅިއެއްގައި، އިތުރު ހަ މީހަކާއެކު މަދުޝަންކަ ބަހައްޓާފައިހުރި އިރު، އޭނާއަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްނެސްޓީން އިތުރަށް ބުނީ، މަދުޝަންކައަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށް ނުދޭއިރު، އޭނާ އަކީ މުސްލިމެއް ނޫނަސް، ރޯދަ މަހު ރޯދަ ހިފަންވެސް މަޖުބޫރު ކޮށްފައިވާ ކަމަށެވެ.

އަދި ގޮޅިން ބޭރަށް އޭނާ ނުނެރި ގެންގުޅޭތީ، އޭނާ ލޮލުގެ ފެނުމަށް ވެސް މިހާރު އަސަރުކުރަން ފަށާފައިވާ ކަމަށް ބުނެ އެމްނެސްޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަދުޝަންކައަށް ދިވެހިން ވާހަކަ ދައްކަން ނޭނގުނަސް، ދިވެހި ބަހުން އޭނާގެ ޝަރީއަތް ކުރިއަށް ގެންދާތީ، އޭނާއަށް އިންސާފު ލިބޭނެ ކަމާމެދު ވެސް އެ ބަޔާނުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ރައީސް އަވަހާރަ ކޮށްލަން ރޭވި މައްސަލާގައި އަދީބާއި މަދުޝަންކާގެ އިތުރުން ދައުވާ ކޮށްފައިވަނީ މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްޗަށެވެ. މައްސަލާގައި މިހާތަނަށް ބޭއްވުނު ހަތަރު އަޑުއެހުން ވެސް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މި މައްސަލަ ވަނީ މަޑުޖެހިފަ އެވެ.

އެހެން ކަމުން، މަދުޝަންކައަށް އެކަށީގެންވާ ސިއްހީ ފަރުވާއާއި، ވަކީލުންނާއި ބައްދުލުކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން، އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތް ނަމަ އޭނާ ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

މަދުޝަންކާ ރާއްޖެ ފޮނުވުމުގައި ދިވެހިންގެ މެދުވެރިއަކަށްވީ ލަންކާ މީހާ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ، ފަސް ދިވެއްސަކު އޭނާ ކައިރީ އެދުނީ ޕްރައިވެޓް ބޮޑީ ގާޑެއްގެ ވަޒީފާއަށް މީހަކު ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ވަޒީފާއަށް މީހުން ހޯދުމަށް އޭނާ ކުރި މަސައްކަތުގައި އެކަމާ މެދު ވާހަކަ ދެއްކި ލަންކާ މީހުންގެ ތެރެއިން ވަޒީފާއަށް ރާއްޖެ ދާން އެއްބަސްވީ މަދުޝަންކަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ދިވެހިން ބޭނުންވީ، އަސްކަރިއްޔާގައި މަސައްކަތް ކޮށްފައި ހުރި މީހެއް ނަމަވެސް، މަދުޝަންކަ ވަޒީފާއެއް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން، އޭނާ އަކީ އަސްކަރިއްޔާގައި އުޅުނު މީހެއް ކަމަށް ދޮގު ހަދައިގެން މަދުޝަންކަ ރާއްޖެ އައީ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭނާއަށް ވަޒީފާ ދޭނެ ކަމަށް ބުނި ދިވެހި މީހުން މަދުޝަންކަ އާ ބައްދަލުވެސް ނުކުރި ކަމަށާއި ރައީސް އަވަހާރަ ކޮށްލުމަށް ރޭވުމެއް އޮތް ކަމަށް މަދުޝަންކަ އަށް ނޭނގޭ ކަމަށް ވެސް ލަންކާ އެޖެންޓް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ދައުލަތުން ބުނެފައި ވަނީ މަދުޝަންކާ ރާއްޖެ އައީ ރައީސް އަވަހާރަކޮށްލަން އެއްބަސްވެ އެކަމުގައި ކަމަށެވެ.