ހަބަރު

ހަބީބަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ މެމްބަރު އިސްމާއިލް ހަބީބް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލަކަށް ހުންނަވަނިކޮށް އޭނާގެ މަގާމު ދަށްކުރި މައްސަލައިގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ އޭނާއަށް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލަކަށް ހުންނަވައިގެން ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮމިޝަންގެ ހުއްދަ ނެތި ވަގުތީ މުވައްޒަފަކު ނަގާފައިވާތީ އާއި ކޮމިޝަންގެ ހުއްދަ ނެތި ހަބީބް ހުއްދަ ދީގެން ތިން މުވައްޒަފަކަށް ސްކޮލާޝިޕް ދިން ކަމަށް ބުނެ ހަބީބްގެ މަގާމު ދަށްކުރީ 2012 ގަ އެވެ. އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އޭރު ޓްރައިބިއުނަލުން ވެސް ނިންމީ ހަބީބްގެ މަގާމު ދަށްކުރީ ރަނގަޅަށް ކަމަށެވެ.

ނަމަވެސް ހަބީބްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އޮގަސްޓް މަހު އެ ކޯޓުން ހުކުމްކުރީ ހަބީބްގެ މަގާމު ދަށްކުރީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަބީބަށް ގެއްލުނު މުސާރަ އާއި އިނާޔަތްތައް ހޯދަން ޓްރައިބިއުނަލަށް ދިއުމުގެ ހައްގު ހަބީބަށް އޮންނާނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންވެ ހަބީބްގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން ޓްރައިބިއުނަލުން މިދިޔަ ހޯމަ ދުވަހު ހުކުމްކުރީ ގާނޫނާ ޚިލާފަށް މަގާމު ދަށް ކުރުމުން ހަބީބަށް ގެއްލުނު ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ހަބީބަށް ދިނުމަށެވެ. އެ ފައިސާގެ ތެރެއިން ޕެންޝަނަށް ވާ ފައިސާ ކެނޑުމަށް ފަހު 103،000 އަށް ވުރެ ގިނަ ރުފިޔާ ހަބީބަށް ދޭން ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ. އެ ފައިސާ ދިނުމަށް ދެކޮޅު ނަހަދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޓްރައިބިއުނަލްގައި ބުނެފަ އެވެ.

ހަބީބްގެ މަގާމު ދަށްކުރީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ހުކުމް ކުރިއިރު ހަބީބް ހުންނެވީ އެ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމުގަ އެވެ. އެހެންވެ ހައި ކޯޓުން ނިންމީ ހަބީބް ބޭނުންވާ ނަމަ ކުރިން ހުރި މަގާމަށް ދެވިދާނެ ކަމަށެވެ.