ވިޔަފާރި

މާލެ އަތޮޅުގައި އާ ރިސޯޓެއް ހުޅުވައިފި

Jul 2, 2018

މާލެ އަތޮޅުގައި މި އަހަރު ހުޅުވި ފުރަތަމަ ރިސޯޓު ކަމަށްވާ، އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓު އިއްޔެ ހުޅުވައިފި އެވެ.

ކ. އަކިރިފުށީގައި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓުން ތަރައްގީ ކޮށްފައިވާ 137 އެނދުގެ މި ރިސޯޓަށް ފުރަތަމަ ޓޫރިސްޓުން އައުން އިއްޔެ ވަނީ ފާހަގަކޮށްފަ އެވެ. މި ރިސޯޓު ހުޅުވުމުގެ ގޮތުން އެ ރިސޯޓުގެ މުވައްޒަފުން ވަނީ ފުރަތަމަ ޓޫރިސްޓަށް ދިވެހި ސަގާފީ ނެށުމާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އެންމެ މަތީ ފަންތީގައި ހަތަރު ތަރީގެ ހިދުމަތް ދިނުމަށް މާލެ އަތޮޅުގައި ހުޅުވާ އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓަކީ ޑުލެކްސް ފެންވަރުގެ ރިސޯޓެކެވެ. މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި 50 މިނެޓުން ދެވޭ ހިސާބުގައި ހުޅުވާ ސަންގެލި ރިސޯޓުގައި އެކި ފަންތީގެ 137 ވިލާއާއެކު މީރު ކެއުންތައް ހިމެނޭ ރެސްޓޯރެންޓުތައް ވެސް ހުންނާނެ އެވެ. މިގޮތުން މި ރިސޯޓު ފަރުމާކުރަނީ މާމުއި ހަނދުގެ ދުވަސްތައް ހޭދަ ކުރަން ރާއްޖެ އަންނަ މީހުންނަށް ހާއްސަ ހިދުމަތްތަކާއެކުގަ އެވެ.

ސަންގެލި ރިސޯޓު ތަރައްގީކޮށްފައިވާ ގޮތުން ރިސޯޓާއި ގުޅިގެން ސޭންޑްބޭންކެއް އޮވެ އެވެ. މިތަނުގެ ސަބަބުން ރިސޯޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު މިތަނުގައި ހުންނައިރު އިރު އަރާ ހިތްގައިމު މަންޒަރު ފެނިގެންދެ އެވެ. އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓްސްއިން ރާއްޖޭގައި މިހާރު ދެ ރިސޯޓެއް ހިންގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވި އޯޒެން ބައި މާދޫ އާއި
ހެނލެގެލި އައިލެންޑް ރިސޯޓެވެ.

އާ ގިނަ ރިސޯޓުތަކެއް ހުޅުވަމުންދާއިރު، މިދިޔަ އަހަރު މުޅީންއާ 25 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ. އަދި 26 ފަޅެއްގައި ޓޫރިޒަމް ފައްކާ ކުރަން މާލެ އަތޮޅުން ދޫކޮށްފައިވާއިރު، މީގެ ބައެއް ތަންތަން މި އަހަރު ހުޅުވާނެ އެވެ. މި ރިސޯޓުތަކާއެކު ގިނަ އަދަދެއްގެ ވަޒީފާތަކެއްވެސް ވަނީ އުފެދިގެން ގޮސްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދު ވެސް ވަނީ 41،000 އަށްވުރެ މަތިވެފަ އެވެ.