ހަބަރު

ކައިރި ރަށްރަށް ވެސް ބަލައިފިން، އަދުނާނުގެ ހަބަރެއް ނުވޭ: އާއިލާ

ގެއްލިފައިވާ އަދްނާން ހޯދަން އަތޮޅުގެ ކައިރި ރަށް ވެސް ހޯދާފައިވާކަމަށާއި ނަމަވެސް އަދިވެސް އޭނާގެ ހަބަރެއް ނުވާކަމަށް އާއިލާއިން ބުނެފި އެވެ.

ވަރަށް ކުއްލި ގޮތަކަށް އަދްނާން ގެއްލިފައިވާތީ އޭނާގެ އާއިލާ ވަނީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. އުމުރުން 29 އަހަރުގެ އަދްނާނުގެ އެއްބަނޑު ބޭބެ، އަބޫބަކުރު މޫސާ "އަވަސް" އާ ވާހަކަދައްކަމުން މިއަދު ބުނީ، އަދުނާން އެންމެ ފަހުން ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:30 ހާއިރު ކަމަށެވެ. އޭރު އޭނާ ލައިގެން ހުރީ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށެވެ. އޭނާ ހޯދަން ފަށާފައިވަނީ އިއްޔެ ހެނދުނު ހަބަރެއް ނުވެ ގިނައިރުވެގެން ހޯދުމުން ނުފެނިގެން ކަމަށް އަބޫބަކުރު ބުންޏެވެ.

އޭނާ ބުނީ އަދުނާނު ގެއްލިގެން ހޯދަން ފެށުމުން އެރަށުގެ ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއް މަދުކަން ވެސް ފާހަގަކުރެވުނު ކަމަށެވެ. އެ ޑިންގީ ކަމަށް ބެލެވޭ ޑިންގީއެއް އެ އަތޮޅު މަހިބަދޫ ކައިރިން ފެނުނު ކަމަށް ރަށު ކައުންސިލުން ކުރިން ބުންޏެވެ. ނަމަވެސް އެއީ އެ ޑިންގީ ނޫން ކަމަށް އަބޫބަކުރު ބުންޏެވެ.

އަބޫބަކުރު ބުނީ މުޅި ރަށާއި ކައިރި ރަށްރަށް ވެސް މިހާތަނަށް ހޯދާ ބަލާފައިވާއިރު ފެނިފައިނުވާތީ، ރަށުން މަދުވާ ޑިންގީގައި އަދުނާން ނިކުތީކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ހޮނިހިރު ދުވަހުގެ ރޭ އެންމެ ފަހުން ފެނުނީ. ނުބުނޭ ތަނަކަށް ދާ ވާހަކައެއް ވެސް. އޭނާއަކީ މަސްވެރިކަމަށް ނުކުމެ އުޅޭ މީހެއް ނޫން. މި ދުވަސްކޮޅު އެއްވެސް މަސައްކަތެއްވެސް ނުކޮށް ހުންނަނީ،" އަބޫބަކުރު ބުންޏެވެ.

އަދުނާން ގެއްލުނުތާ 24 ގަޑިއިރު ވެފައިވާއިރު އަދިވެސް އޭނާގެ ހިލަމެއް ނުވެ އެވެ. ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓުގާޑުން ދަނީ އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެރަށުގެ ފަޅުތެރެއާއި އުރަފަށް ކައިރިއަށް ފީނައިގެން އެސަރަހައްދު ވެސް ބަލަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.