ހަބަރު

ބޭރުގެ ފިއްތުންތަކުން ސަލާމަތްވާން ސަރުކާރުގެ ވަފުދުތައް އެބަ ފޮނުވަން: ރައީސް

އިދިކޮޅު އިސް ބޭފުޅުން ސަރުކާރާ ދެކޮޅަށް ބޭރުގެ ފިއްތުންތައް ކުރިމަތިކުރަން މަސައްކަތް ކުރައްވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމާ ގުޅިގެން ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރައްވަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. އެހެންނަމަވެސް ނުފޫޒުގައި ސިޔާސަތުތަކަށް ބަދަލު ނުގެންނާނެ ކަމަށް ވިދާޅުވި އެވެ.

ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިދިޔަ ހަފުތާގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން، އީޔޫއަށް ސަރުކާރުން ވަފުދެއް ފޮނުވީ އީޔޫ މެދުވެރިކޮށް ފިއްތުންތަކެއް ކުރިމަތިކުރުވަން މަސައްކަތް ކުރާތީ ކަމަށެވެ. އީޔޫއާއެކު ސަރުކާރުން ކުރި މަޝްވަރާގައި އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާ ކަންތައްތަކަކީ އިދިކޮޅު ބޭފުޅުން ކުރައްވާ ޓްވީޓްތަކުގައި ހުރި ކަންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފިއްތުން އަންނާނެ ދިމަދިމާލަށް އަޅުގަނޑުމެންގެ ވަފުދެއް މިދިޔަ ހަފުތާ ވެސް ވަޑައިގެންފި، ދެއްކުނު ވާހަކަތަކާއި އިދިކޮޅު ބޭފުޅުންގެ ކުރައްވާ ޓްވިޓްތަކުގައި ހުންނަ ވާހަކަތަކާ ތަފާތެއް ނެތް، އެހެންވީމަ ރާއްޖެއަށް ވަކި ކަމެއް ކުރުމަށް ވަކި ކަމެއް ދޫކޮށްލުމަށް ވަކި ކަހަލަ ކަންތައްތަކަކަށް ހުރަސް އަޅައި ވަކި ކަމެއް ކުރަން ބޭރުގެ ނުފޫޒުގަދަ ގައުމުތައް މެދުވެރިކޮށް މަޖުބޫރުކުރުމަކީ ރާއްޖެގެ މުސްތަގުބަލާމެދު ފިކުރާ ކޮންމެ މީހަކު ވިސްނުމަށް ގެންނަން ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ ސިޔާސަތުތައް ކަނޑައަޅާނީ ދިވެހިން ކަމަށެވެ. އެކަމާ ބަހުސްކޮށް ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގަ ކަމަށެވެ. ބޭރުގެ ގައުމުތަކުން އަންގައިގެން ސިޔާސަތުތައް ބަދަލުކުރަން ނުޖެހޭ ކަމަށެވެ.

"ބޭރުގެ އެހީތެރިކަން ހޯދައިގެން މިއުޅެނީ ކީއްކުރަންތޯ؟ ދިވެހި ރައްޔިތުން ނޫންތޯ ނިންމާނީ ދިވެހިންގެ ސިޔާސަތުތައް ކަނޑައަޅާނީ ކޮން ގޮތަކަށްތޯ؟ އަޅުގަނޑުމެންގެ މުދާ އެކްސްޕޯޓް ކުރާ ގައުމުތަކުން އަޅުގަނޑުމެން ފަންނީ އެހީތެރިކަމަށްދާ ގައުމުތަކުން އެކި ކަހަލަ މަޖުބޫރުކުރުންތަކާއި ފިއްތުންތައް އައިސްގެނެއް ނޫނޭ ސިޔާސަތުތައް ބަދަލުކުރަން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަނީ ހާމަކޮށްފަ ކަމަށާއި އޭގައި ބައެއް ގައުމުތަކުން ހިތްހަމަ ނުޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އިސްލާމް ދީނުގެ އަސްލާއި އުސޫލުތަކާ ހިލާފުވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ރެކެން ނުވަތަ އޭގައި ބައިވެރިނުވުމަށް އެ ސިޔާސަތުގައި ހިމަނާފައިވާނެ ކަމަށެވެ.

"އެކަންކަމަށް އަޅުގަނޑުމެން ބޯލަނބަން އެއްވެސް މަސައްކަތެއް ކުރާނެ ކަމެއް ނެތް، އެ ހިސާބަށް ހިޔާލު ފާޅުކުރުމުގެ މިނިވަން ގޮސްފިނަމަ އެ ދިޔައީ ހުދޫދުން ބޭރަށް،" ރައީސް ވިދާޅުވި އެވެ.

މިއަދު ނޫނީ މާދަމާ ބޭރުން މަޖުބޫރު ކުރާ ކަންތައްތަކަށް ބޯލަބައިފިނަމަ ދެން އަންނާނީ އެއަށްވުރެ ބޮޑެތި މަޖުބޫރުކުރުންތައް ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ މަޖުބޫރުކުރުންތައް ބޯލަބާ ސަރުކާރެއް ގެނެސްފިނަމަ ރާއްޖެއަށް ވާނެ ގޮތާމެދު ވިސްނާލުމަށް ވެސް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން އެންމެން މަނާވެގެން ތިބި ކަންކަމާމެދު ވިސްނަން ނުޖެހޭނެބާ މިފަދަ މަޖުބޫރުކުރުންތައް އަންނަ ކަމަށްވާނަމަ، ރާއްޖެގައި އިސްލާމްދީން ނޫން އެހެން ދީނަށް ޖާގަދީ މިސްކިތް ނޫން އެހެން އަޅުކަން ކުރާ ތަންތަން އެޅުމަށް ވަކާލާތު ކުރެވިފަ ހުރި ކަންކަން މިއީ، އަލުން އަނެއްކާވެސް މިފަދަ ކަންކަމަށް ފުރުސަތު ދޭންވީތޯ،" ރައީސް ވިދާޅުވި އެވެ.