ހަބަރު

ކަރެކްޝަނަލްގެ ނަން "ޕްރިޒަން ސާވިސް"އަށް ބަދަލު ކުރަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން "ނެޝަނަލް ޕްރިޒަން ސާވިސް"އަށް ބަދަލު ކުރުމަށް ރާއްޖޭ ޖަލުތަކުގެ ޕޭރޯލްއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރު ފަރާތުން މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ޖަލުތަކުގެ ޕޭރޯލް ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހުގެ ފުރަތަމަ ކިޔުން ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މިއަދު ވަނީ އިއްވައިފަ އެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި ބަހުސް އޮންނާނެ ކަމަށް ބެލެވެ އެވެ. އެ އިސްލާހުގައިވާ ގޮތުން އެ އިސްލާހު ފާސްކޮށް ގެޒެޓު ކުރެވޭ ދުވަހުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ޕްރިޒަން ސާވިސްއަށް ބަދަލުވާނެ އެވެ. އަދި އެ ސާވިސްއަކީ މިހާރު ވެސް އޮންނަ ގޮތަށް ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ މަދަނީ ހިދުމަތް ދޭ ޔުނިފޯމު އެޅި އޮފިސަރުން ހިމެނޭ މުއައްސަސާއެކެވެ.

އެ ގާނޫނަށް އިތުރަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ޕްރިޒަން ސާވިސްގެ ހުރިހާ މުއައްޒިފުންނަށް މަގާމުގެ ކުރިއެރުން ދޭން ޖެހޭނީ ކޮމިޝަނާ އޮފް ޕްރިޒަން އެވެ. އަދި ޝަރަފުގެ ނިޝާން ދޭނީ މިނިސްޓަރެވެ. ނަމަވެސް މުއައްޒިފުުންނަށް މަގާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަން ޖެހޭ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ޕްރިޒަން އޮފިސަރުންނާއި މުއައްޒިފުން ކުރާ ކުށްތައް ބަލައި ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ބޯޑެއް އެކުލަވާލުމަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ބޯޑުގެ މެންބަރުން މިނިސްޓަރު އައްޔަން ކުރާ އިރު ބޯޑުގެ މަސައްކަތަކަށް ވާނީ ޑިސިޕްލިނަރީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.