ދުނިޔެ

ނުވަ ދުވަހަށްފަހު ހޮހޮޅައިގެ ތެރެއިން ތައިލެންޑު ޓީމު ދިރިތިއްބާ ފެނިއްޖެ

Jul 2, 2018
2

ތައިލަންޑް (ޖުލައި 2) - ނުވަ ދުވަސް ފަހުން ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމު ދިރިތިއްބާ ފެނިއްޖެ އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ހޮނިހިރު ދުވަހު އެވެ. ނުވަ ދުވަހު 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

"ޓީމުގެ ހުރިހާ މެމްބަރުން ވެސް ތިބީ ސަލާމަތުން،" އެ ސަރަހައްދުގެ ގަވަރުނަރާއި ހަވާލާދީ ބޭރު ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެކުދިން ހޮހޮޅައިގެ ތެރެއިން ފެނިފައިވަނީ ތައިލަންޑު ކަނޑުގެ ސިފައިންގެ ޑައިވަރުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހޮހޮޅާގައި ފެންބޮޑުވެފައިވާތީ، އެ ކުދިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރުންނަށް ބޮޑެތި ހުރަސްތަކާއި ކުރިމަތިވި ނަމަވެސް، އެ ކުދިން ސަލާމަތުން ތިއްބާ ފެނިފައިވަނީ މޫސުން ރަނގަޅުވެ ޕަމްޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތަށް ބޮޑެތި ކުރުއެރުންތަކެއް ލިބިފައި ވަނިކޮށެވެ.

އެތަކެއް ސަތޭކަ ފުލުހުންނާއި ސިފައިން އަދި ވޮލަންޓިއަރުން އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައިވާއިރު، ފަރުބަދަ މަތިން ހޮހޮޅައަށް ވަދެވޭނެ އިތުރު މަގެއް ފެނޭތޯ ޑްރޯން ވެސް ވަނީ ބޭނުންކުރި އެވެ.

ޓޫރިސްޓުން މެދުގައި މަގުބޫލު އެ ހޮހޮޅައިގެ އެކި ހިސާބުތަކަށް ކާބޯތަކެއްޗާއި، ފެނާއި، މެޕްތަކާއި، މޯބައިލް ފޯނުތައް ވެސް ވަނީ ފޯރުކޮށްދީފަ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން އެ ކުދިންގެ އާއިލާތައް ތިބީ ހޮހޮޅައިގެ ކައިރީގައި އެ ކުދިން ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. އެކުދިންގެ ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދުގައި އެތަކެއް ހާސް ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި ވެސް ޝުއޫރު ފާޅުކުރަމުންނެވެ.