ދުނިޔެ

ހޮހޮޅައިން ތައިލެންޑު ޓީމު ސަލާމަތްކުރަން "އެތަކެއް މަހެއް" ނަގާފާނެ

Jul 3, 2018
2

ތައިލަންޑް (ޖުލައި 2) - ނުވަ ދުވަސް ފަހުން ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމު ދިރިތިއްބާ ފެނިފައިވީ ނަމަވެސް، އެ ކުދިން ސަލާމަތް ކުރަން "އެތަކެއް މަހެއް" ނަގާފާނެ ކަމަށް ތައިލަންޑު ސިފައިން ބުނެފި އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ހޮނިހިރު ދުވަހު އެވެ. ނުވަ ދުވަހު 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ހޮހޮޅައިގެ ތެރޭގައި އެތަކެއް ފޫޓަށް ފެންބޮޑުވެފައިވީ ނަމަވެސް، އެ ކުދިން ފެނިފައިވަނީ ހޮހޮޅައިގެ ތެރޭގައި ހުރި އުސް ތަންކޮޅެއްގެ މަތީގައި ތިއްބަ އެވެ.

މިހާރު އެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ އެ ކުދިންނަށް ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ހަތަރު މަސް ދުވަހަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި ބޭސް ފޯރުކޮށްދޭން ޖެހިދާނެ ކަމުގައި ތައިލަންޑު ސިފައިން ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ކުދިން ދިރިތިއްބާ ފުރަތަމަ ފެނިފައިވަނީ، އެ އޮޕަރޭޝަނުގައި އެހީތެރިވުމަށް އައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނަށެވެ.

ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބެން ޖެހުނީ ކިހާ ދުވަހެއްކަމެއް ވެސް އެ ކުދިންނަށް ނޭނގޭ ކަމަށްވެ އެވެ.

ހޮހޮޅާގައި ފެންބޮޑުވެފައިވާތީ، އެ ކުދިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރުންނަށް ބޮޑެތި ހުރަސްތަކާއި ކުރިމަތިވި ނަމަވެސް، އެ ކުދިން ސަލާމަތުން ތިއްބާ ފެނިފައިވަނީ މޫސުން ރަނގަޅުވެ ޕަމްޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ވަނިކޮށެވެ.

އާންމު ގޮތެއްގައި، ހޮހޮޅާގައި ފެންބޮޑުވަނީ ސެޕްޓެމްބަރު ނޫނީ އޮކްޓޯބަރު މަހުގެ ނިޔަލަށް ދިގުދެމިގެންދާ ހުޅަނގު މޫސުމުގަ އެވެ. އޭގެ ކުރިން އެ ކުދިން ހޮހޮޅައިން ސަލާމަތްކުރަން ބޭނުންނަމަ، ކަމާބެހޭ ފަރާތްތަކުން އެކުދިންނަށް ޑައިވް ކުރަން ދަސްކޮށްދޭންޖެހޭނެ އެވެ. ނަމަވެސް، ކަނު އަނދިރީގައި، ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުޑަ ކުދިންތަކެއް ގޮވައިގެން ހޮހޮޅައިގެ ތެރެއިން ނުކުތުމަށް މަސައްކަތް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި އެއް ބަޔަކު ދަނީ ބުނަމުންނެވެ.

ވަކި ގޮތެއް ނިންމަންދެން، ޑޮކްޓަރުންގެ ޓީމެއް ދަނީ އެކުދިންގެ ހާލަތު ދެނެގަތުމަށާއި، ލިބިފައިވާ ޒަހަމްތަކަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

އެތަކެއް ސަތޭކަ ފުލުހުންނާއި ސިފައިން އަދި ވޮލަންޓިއަރުން އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައިވާއިރު، ފަރުބަދަ މަތިން ހޮހޮޅައަށް ވަދެވޭނެ އިތުރު މަގެއް ފެނޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ހޮނިހިރު ދުވަހުން ފެށިގެން އެ ކުދިންގެ އާއިލާތައް ތިބީ ހޮހޮޅައިގެ ކައިރީގައި އެ ކުދިން ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. އެކުދިންގެ ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދުގައި އެތަކެއް ހާސް ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި ވެސް ޝުއޫރު ފާޅުކުރަމުންނެވެ.