(1 ޖުލައި 2018 އާ ގުޅޭ)
"ތެންކިއު..." ނިމްރާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަރްސަލް އޭނާގެ އުނަގަނޑުގައި ދެއަތް ވަށާލާ އުފުލާލައިފިއެވެ.
"ވިލް ޔޫ ބީ އޯލްރައިޓް" އަރްސަލް އަހާލިއެވެ. އެހިނދު އޭނާގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ނިމްރާ ދެފަރާތަށް ބޯހޫރުވާލިއެވެ.
"ސްކާލެޓް!... ކީއްވެ ނޫނެކޭ ތިބުނީ" ނިމްރާ ދުރަށް ޖައްސާލަމުން އޭނާގެ ކޯތާފަތުގެ ދެފަރާތުން ހިފާލައި އަރްސަލްއާ ހަތަރުކަޅި ބައްދަލުކުރުވިއެވެ.
"އައި ލަވް ދިސް... އެކަމަކު މިހާ ބޮޑުތަނެއްގައި އެކަނި އުޅެންވީމަ" ނިމްރާ ތެދު ހާމަކުރިއެވެ.
"މައި ސްކާލެޓް! ދުވަސްކޮޅަކުން އާދަވެދާނެ... ޔޫ ޑޯންޓް ހޭވް ޓު ވޮރީ... މި ހިސާބަށް އެކަކަށް ވެސް ނޭރޭނެ، ޕްރައިވެޓް އެލެވެޓާގަ އެކަނި ޕެންޓްހައުސްއާ ހަމައަށް އެރޭނީ... އެ އެލެވޭޓާ ބޭނުންކުރެވޭނީ އަހަރުމެންގެ މީހަކަށް އެކަނި، އައި މީން އަހަންނާއި ރާދުއަށް އެކަނި... ދެން އަހަރެމެންގެ ސެކިއުރިޓީ ހެޑްއަށް... ހީޒް އަ ވެރީ ކްލޯޒް ފްރެންޑް އޮފް މައިން، އައި ޓްރަސްޓް ހިމް... ސްކާލެޓް އަހަންނަށް އިތުބާރު ކުރަމެއްނު. ދޮރު ލައްޕާލާއިރަށް އޮޓޯއިން ތަޅުލެވޭނެ... ދޮރުގެ ލޮކްކޯޑު ވެސް އެނގޭނީ އަހަންނާއި ރާދުއަށް އެކަނި... ސޯ ޑޯންޓް ވޮރީ ޓޫ މަޗް" އަރްސަލްގެ ވާހަކައިން ހިތްހަމަޖައްސާލަން ބޭނުންވިޔަސް އެކަމެއް ނިމްރާއަކަށް ނުވިއެވެ.
"މީގެ ކުރީން އެކަނި ނޫޅޭތީ" ނިމްރާ މަޑުމަޑުން ބުނެލިއެވެ.
"އަހަންނަށް ދަޢުވަތުދެނީތަ މިރޭ މަޑުކުރަން؟ އައި ޑޯންޓް މައިންޑް އަސްލު... އައި ކޭން ސްލީޕް ވިތް ޔޫ، އިންފެކްޓް އައި ވުޑް ލަވް ދެޓް އައިޑީއާ" އަރްސަލްގެ ރާގު ކުއްލިއަކަށް ބަދަލުވިއެވެ. ނިމްރާގެ މޫނުން ފެންނަމުންދިޔަ ސީރިއަސްކަން ވެސް ގެއްލުނެވެ. ލުއި ހިނިތުންވުމަކާއެކު އަރްސަލްގެ އަތުގައި ނިމްރާ ޖެހިއެވެ.
"ވައި ވުޑް އައި އިންވައިޓް އަ ޑެވިލް... އެއީ ކިހާ ޕާވާޓް ފުރޭތައެއްކަން އަހަންނަށް އެނގިހުރެ އެވަރުގެ ކަމެއް ނުކުރާނެއެއްނު" ހިނިއައިސްފައި ހުރެ ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ހީނގަތެވެ. އަދި ނިމްރާ ގާތްކޮށްލުމާއެކު އޭނާގެ މޫނާއި ކަނދުރާގައި ބޮސްދޭންފެށިއެވެ. ހީލުކަރުވައިގަނެގެން ނިމްރާ ތެޅިފޮޅިގަތެވެ. އަރްސަލްގެ ދެއަތް ވަކިކޮށްލާއި އޭނާއާ ދުރަށް ދިއުމަށް އަރްސަލްގެ މޭގައި އަޅައި ކޮއްޕާލިއެވެ. އަރްސަލް ދެއަތް ދުރުކޮށްލިހާއިރަށް ނިމްރާ ދުވެފައި އައިސް ސޯފާތައް ކައިރީ ހުއްޓިއްޖެއެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލާފައި ކަނދުރާގައި އެއްއަތުން ހިފަހައްޓާލަމުން އަނެއް އަތް ޖީންސުގެ ޖީބަށް ޖަހާލައިގެން ނިމްރާއަށް ބަލަން އަރްސަލް ހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަޑުމަޑުން ކުރިއަށް އަންނަން ފެށިއެވެ. ސޯފާއެއްގެ ފަހަތުގައި އަރްސަލް މަޑުކޮށްލިއެވެ. އޭރު ސޯފާގެ އަނެއްފަރާތުގައި އަރްސަލްއާ ކުރިމަތިވާނޭހެން ނިމްރާ ހުއްޓެވެ.
"އައި ހޭވް ޓު ގޯ ސްކާލެޓް... ރާދުމެން އެބަތިބި ތިރީގައި މަޑުކޮށްގެން، ގެއަށް ދެވުނީމަ އަހަރެން މެސެޖު ކުރާނަން، ސްކާލެޓް ހޭލާ އުޅެންޏާ ލެޓް މީ ނޯ... އޭރުން ގުޅާނަން... އެގޮތް އެންމެ ރަނގަޅުތަ؟" އަރްސަލް ބުނެލިއެވެ. ނިމްރާ ނިކަން ބޮޑަށް ހިނިތުންވެލަމުން ބޯޖަހާލީ އެއްބަސްކަން އަންގާލުމަށެވެ.
"ނައު ކަމް ހިއާ" އަރްސަލް އަމުރުކޮށްލިއެވެ. އެ އަމުރުކުރުމުގައި ވެސް ލޯބިވެތި ގޮތެއް ހުރިކަން ނިމްރާއަށް އިޚްސާސްކުރެވުނެވެ. ހީނލަމުން ނިމްރާ އައިސް އަރްސަލްގެ ކުރިމަތީ މަޑުކޮށްލިއެވެ.
ނިމްރާގެ އަތުގައި ހިފާލައިގެން ހުރެ ދޮރުކައިރިއަށް އަރްސަލްއައެވެ. ދޮރުހުޅުވާލަން އުޅެފައި ވެސް އޭނާ މަޑުކޮށްލަމުން ނިމްރާއަށް ބަލާލިއެވެ. އަރްސަލް ދާން ބޭނުންވާހެނެއް ހިޔެއްނުވެއެވެ. ދޮރުހުޅުވާލާފައި އަނެއްކާ ވެސް އަރްސަލް މަޑުކޮށްލީއެވެ. އަތުގައި އޮތް ނިމްރާގެ އަތްތިލައަށް އަރްސަލް މަޑުމަޑުން ބާރުކޮށްލިއެވެ.
"އައި ހޭވް ޓު ގޯ" އަރްސަލް މަޑުމަޑުން ބުނެލި ގޮތުން ހީވީ ނިމްރާއަށް ބުނެލި އެއްޗަކަށްވުރެ އަމިއްލަ ނަފްސަށް ވިސްނައިދޭން އޭނާ މަސައްކަތްކުރިހެނެވެ.
"އިޓްސް އޯކޭ... އައި ވިލް ބީ އޯކޭ" ލުއި ހިނިތުންވުމެއް ބަދަލުކުރަމުން އަރްސަލްގެ މޭގައި ނިމްރާ އަތްޖައްސާލީ ޔަގީންކަން ދެމުންނެވެ. އަރްސަލް ގުދުވެލާ ނިމްރާގެ ތުންފަތުގައި އަވަސް ގޮތަކަށް ބޮސްދިނެވެ. އަދި ނިމްރާގެ ތުންފަތުގައި ބޮޑުވައި އިނގިލިން ފިރުމާލިއެވެ.
"އެތެރެއަށް ދޭ" އަރްސަލް ބުނެލިއެވެ. އޭނާގެ ބަހަށް ނިމްރާ ކިޔަމަންވިއެވެ. އެތެރެއަށް ނިމްރާ ވަނުމާއެކު އަރްސަލް ދޮރުލައްޕާލިއެވެ. އަދި ދޮރުގައި ނިތްކުރި ޖައްސާލުމާއެކު ހަށިފުރާ ދިގު ނޭވާއެއް ލިއެވެ.
"އޯލްވޭޒް މެސިންގް ވިތް މައި ހެޑް" ދޮރާ ދުރަށް ޖެހިލާ އިސްތަށިގަނޑު ތެރޭ އިނގިލިތައް ހިންގާލަމުން އަރްސަލް ބުނެލިއެވެ. އަދި ކޮރިޑޯގައި ހުރި އެލެވޭޓާ ކައިރިއަށް އައެވެ.
* * * * *
ގެއަށް ވަދެގެން އައި ހަލަފަށް ބޮޑުކޮޓަރީގެ ސޯފާގައި އިން ބިލާލު ގޮވާލިއެވެ. އެއާއެކު ވަގުތުން ހަލަފްގެ މިސްރާބު ބައްޕަގެ ގާތަށް ދިއުމަށް ބަދަލުކޮށްލިއެވެ. ހަމަޖެހިލައިގެން އައިސް ސޯފާތައް ކައިރީ މަޑުކޮށްލިއެވެ.
"ޔެސް ޑޭޑް" އަތުގައި އޮތް ތަޅުދަނޑިފައްޗާ ކުޅެމުން ހަލަފް ބުނެލިއެވެ.
"މިތާ އިށީނދެބަލަ" ސޯފާ ދައްކާލަމުން ބިލާލު އެދުނެވެ. އަދި ޓީވީގެ އަޑުމަޑުކޮށްލި ގޮތުން އެ އުޅެނީ ކޮންމެވެސް ވާހަކައެއް ދައްކަންކަން ހަލަފްއަށް ނަގައިގަނެވުނެވެ.
"ޑޭޑް މިރޭ އޮފީހަށް ނުނިކުންނަންތަ" ހަލަފް އަހާލިއެވެ.
"ދަރިފުޅު ހަމަ ބައްޕަކިޔަން އާދައެއްނުކުރާނަން ދޯ" މަޢުނަވީ ބެލުމަކުން ދަރިފުޅަށް ބަލާލާފައި ބިލާލު ހިނިތުންވެލިއެވެ. ހަލަފް ވެސް ބޯކަހާލަމުން ހީނލީއެވެ.
"ހަލަފް!... ބައްޕަ ހޯދީމޭ މިރޭ... ކޮންތާކުން ތި އައީ؟ މުއްޠުބެ މިގެއަށް އައިސްފައި އެ ދިޔައީ... ބުނި އެ ގޭ އާނާ ގޮވައިގެން ހަލަފް ދިޔަވާހަކަ" ބިލާލު ބުންޏެވެ.
"އާނ! ޔެސް!... އަޅުގަނޑުމެން މި އައީ ދޮންބެގެ ހޮޓެލްއަށް ގޮސްލާފައި، އެތަން ބަލާލީ... ދެޓް ޕްލޭސް އިޒް ސޯ ކޫލް ޑޭޑް... ރާދުބެއާއި ދޮންބެގެ އައިޑިއާޒް ވަރަށް ސަޅި، ޕެންޓްހައުސްވަރެއްނުވޭ އެތަނުގައި ހުރި ސޫޓްސްތައް ވެސް... ޑޭޑްއަށް އެނގޭތަ؟ ލަގްޒަރީ ސޫޓްތަކަށް ވަނީމަ ހީވަނީ ރޯމްގެ ހޮޓެލްއަކަށް ވަދެވޭހެން" ހަލަފްގެ ވާހަކަތައް އަހާފައި ބިލާލަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނީ ހިތަށް ލިބިގެންދިޔަ ފިނިކަމެއްގެ ރަމްޒެއްގެ ގޮތުންނެވެ.
"ހަލަފްއާ ވާހަކަދައްކާތަ ދޮންބެ... އަރްސަލް ރަނގަޅުތަ؟" ބިލާލު އަހާލިއެވެ.
"ހީޒް ސްޓިލް ދި އެރޮގެންޓް ބްރަދާ" ހަލަފް ބުނެލިއެވެ.
"ހަ.ލަ.ފް" ބިލާލު ގޮވާލީ ދަރިފުޅުގެ ނަން ދަމާލާފައެވެ. ބައްޕައަށް ހަލަފް ބުނި އެއްޗެއް ކަމުނުދިޔައީކަން އޭނާ ދެނެގަތެވެ.
"ޑޭޑް ކީއްވެތަ ރާދުބެ ގާތު ނޭހީ... ހީ ނޯސް ހިމް ބެޓާ ދެން އެނީވަން" ހަލަފް ބުނެލިއެވެ.
"ބައްޕައަށް އެކަން އެނގެޔޭ... ކަމެއްވެގެންނު ހަލަފް ގާތު މި އެހީ... ތި ތިންބެއިންގެ ދެމެދުގައި އޮންނަ ގުޅުން ކުރިއަށްވުރެ ރަނގަޅުވެއްޖެހެން ބައްޕައަށް ހީވަނީ، އެކަން އެހެންވާނީ އަރްސަލްއަށް ބަދަލުތަކެއް އައިސްގެން، ހަލަފް! ބައްޕައަށް ކުރިން ރޭ ޙަފުލާތެރެއިން ދޮންބެއާއެކު އެ ފެނުނީ ކޮންކުއްޖެއްތަ؟ ދަރިފުޅު އުޅުނުގޮތުން އެއީ ދަރިފުޅުގެ ވެސް ރައްޓެއްސެއްކަން އެނގޭ" ބިލާލު އުޅުނީ އޭނާއަށް ނޭނގި އޮތްކަމެއް އޮޅުން ފިލާތޯއެވެ.
"އެރޭ... އެރޭގަ ކޮންކުއްޖެއް؟" ޙަލަފް ގަސްދުގައި ނޭނގޭކަމަށް ހެދުނުކަން ބިލާލު ދެނަހުއްޓެވެ. ދަރިފުޅުގެ މޫނަށް އަރަމުންދިޔަ ކުލަވަރު ފެނިފައި ބިލާލު ގާތަށް ހިނިއަންނަގޮތް ވިއެވެ. އެހެންވިޔަސް އެ އަސަރު ފާޅުވިޔަކަނުދިނެވެ.
"ނޫކުލައާއި ރަންކުލައިގެ ނިކަން ރީތި ހެދުމެއްގައި އަރްސަލްގެ ގާތުގައި ހުއްޓެއްނު... ކުރުކުރު އިސްތަށިގަނޑެއް ހުރީ، އާން! ރަތްކުލައިގެ އިސްތަށިގަނޑުގެ ވެރި ކުއްޖާ... އެއީ ކޮންކުއްޖެއްތަ؟ އަދި ދެން ވެސް އުޅުނެއްނު ރަތްކުލައިގެ ހެދުމުގައި އުޅުނު އަންހެންކުއްޖެއް ދަރިފުޅުމެންނާއެކު" ބިލާލު އިތުރަށް ތަފްޞީލުކޮށްލިއެވެ.
"އެއީ ދޯ... އެއީ ރެޑް... ދޮންބެގެ ފްރެންޑެއް... ރާދުބެގެ ވެސް... ރެޑް ހެދުން ލާފަ ހުރީ ކީފާ... އެއީ ދޮންބެއާއި ރާދުބެއާއެކު ވޯކްކުރާ ގާލްއެއް" ނިމްރާއާ ބެހޭ ތަފްޞީލުތަކެއް ދޭން ޙަލަފް ބޭނުމެއްނުވިއެވެ.
"ރެޑް!... އެއީ އެކުއްޖާއަށް ކިޔާ ނަމެއްނޫން ދޯ... އަރްސަލްގެ ވަރަށް ގާތް ރަޙުމަތްތެރިއެއްތަ؟ ރާދިން ވެސް މިހާތަނަށް އަރްސަލްގެ އެފަދަ ރަޙުމަތްތެރިއަކު ހުރި ވާހަކައެއްނުބުނޭ، ޙަލަފްއަށް ކިހާވަރަކަށް އެނގެނީ އެކުއްޖާ؟" ބިލާލު ސުވާލުކުރިއެވެ.
"ކަމޯން ޑޭޑް... އައި ޑޯންޓް ނޯ... ރާދުބެ ގާތުގައި ޑޭޑް އަހާލަންވީނު... މީހުންގެ ޕާސަނަލް މެޓާސްއެއް އަޅުގަނޑަކަށް ނޭނގެ" ޙަލަފް އެއްވެސް ވަރަކަށް ތެދު ހާމައެއްނުކުރިއެވެ.
"ދަރިފުޅު ނުބުނިއިރު ރާދިން ބުނާނެތަ؟ ތި ތިންކުދީން މިހާރު ދުރުގައި ތިއްބަސް ބޮޑުވީ މި ބައްޕަގެ ކުރިމަތީގައޭ.... ތި ތިންބައިންގެ ގޮތް ބައްޕައަށް ރަނގަޅަށް އެނގޭ" ކުޑަކޮށް ބިލާލު ހީނލިއެވެ.
"ޑޭޑް!... ކީއްވެތަ ދޮންބެ ދުރުގައި އެ އުޅެނީ، ޑޭޑް ބުނަންވީނު ދޮންބެ ގާތު އަންނާށޭ، ދޮންބެއާއި ރާދުބެ ދުރުގައި ހުންނާތީ ޑޭޑް ވެސް އެކަމާ ފިކުރުކުރާކަން އަޅުގަނޑަށް އެނގޭ... އަޅުގަނޑު ކުޑަވީމަ އެކަކު ވެސް އަޅުގަނޑުގެ އަޑެއް ނާހާ.... ޕްލީޒް ޑޭޑް!... ދޮންބެއާއި ރާދުބެ ގާތު ބުނޭ އެނބުރި ގެއަށް އަންނާށޭ، މި ގޭގައި އަޅުގަނޑުމެން އެންމެންނަށް ނޫޅެވެންވީ ސަބަބެއްނެތް، މަންމަ ވެސް ލޯބިވޭ ދޮންބެއާއި ރާދުބެދެކެ... ވަރަށް ލޯބިވޭ" ޙަލަފް މަޑުމަޑުން ބުނެލިއެވެ. އަދި ބިލާލުގެ ގާތަށް ޖެހިލާ އޭނާގެ އަތުގައި ޙަލަފް ހިފާލިއެވެ.
"ހުރިހާ ކުދީންގެ ތެރެއިން އަރްސަލްއަކީ ގޮތްދޫނުކުރާ ދަރިއެއް، އޭނާގެ ގޮތުގައި އޭނާ ހިފަހައްޓާނެ... ބައްޕަ ވެސް ބޭނުންވަނީ ތިގޮތް، މަރުވުމުގެ ކުރީން ހުރިހާ ކުދީން އެކުގައި ބައްޕަގެ ގާތުގައި ދިރިއުޅޭނޭ ދުވަހެއް، އަރްސަލްގެ ގޮތްދޫނުކުރުމާއި ބޯހަރުކަން އެއީ ބައްޕަގެ ފަރާތުން ވާރުތަވީ ސިފަތަކެއް، މިހާ ދުވަހު ބައްޕަ ވެސް ހުރީ ގޮތެއްގެ މަތީގައި، އެކަމުން ލިބުނު އުފަލެއްނެތް، ދަރީންގެ އުފާވެރިކަމާއި ހަމަޖެހުން ދުށުމަށް ކޮންމެ ބަފަޔަކު ވެސް ބޭނުންވާނެ، މިއަދު އަރްސަލްއާއި ރާދިން އައިސްފައި އެތިބި މަޤާމާމެދު ބައްޕަ ވަރަށް ފަޚުރުވެރިވޭ، ބައްޕަގެ ހުރިހާ އެއްޗަކީ ހަމަ ތި ކުދީންގެ އެއްޗެހި... އެހެންނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ޓަކައި އަރްސަލް އެކުރި ހިތްވަރާއި އޭނާގެ ސާބިތުކަން އެއީ ނަމޫނާއެއް... ގޮތްދޫކުރަންވީ ވަގުތު އައިސް ޖެހިއްޖެ. އެ ދަރިފުޅު އެނބުރި ގެނެވެން އޮތީ އެގޮތަށް" ޙަލަފްގެ އަތުގައި މަޑުމަޑުން ބިލާލު ޖަހާލިއެވެ.
"ވަޓް ހެޕެން އެގްޒެކްޓްލީ... ޑޭޑްއާއި ދޮންބެއާ ދެމެދު އަސްލު ޖެހުނު މައްސަލައަކީ ކޮބާކަމެއް އަޅުގަނޑަށް ސާފެއްނުވޭ، ދޮންބެ ރުޅި އަންނަނީ އަޅުގަނޑުގެ މަންމަދެކެތަ؟ ބައްޕައަށް އަޅުގަނޑު ލިބުނީމަތަ؟" ޒަމާންވީ ސިއްރު އޮޅުންފިލުވަން ޙަލަފްގެ ހިތް ކެތްމަދުވިއެވެ.
"ޙަލަފް! އެއީ ދަރިފުޅާ ގުޅުމެއް އޮތްކަމެއްނޫން، ބައްޕައަށް މަޢާފުކުރޭ، މީ ހަމައެކަނި ދަރިފުޅުގެ ދޮންބެއާއި ބައްޕަގެ ދެމެދުގައި އޮތް ކަމެއް، އެ ސިއްރު ހާމަނުކުރަން ވީ ވަޢުދުގައި ބައްޕަ މި ހުރީ އަދިވެސް ބަނދެވިފައި، އެހެންވެ އެކަން ދަރިފުޅާ ޚިއްޞާކުރެވެންނެތީ" ބިލާލު ބުނެލިއެވެ. އެ މޫނުމަތިން މޮޅިވެރިކަން ފާޅުވޭވޭ ހުއްޓެވެ.
"ޑޭޑް ގުޅަންވީނު ދޮންބެއަށް... ކުރިއާ މިހާރާ ދޮންބެ ވެސް ބަދަލުވެއްޖެ" ޙަލަފް ބުނެލިއެވެ.
"އަރްސަލް ބަދަލުވެއްޖެކަން އަހަންނަށް އެނގުނު އެރޭ ޙަފުލާއިން އޭނާ ފެނިފައި ވެސް... ދެން ދޭ ދަރިފުޅު، މާދަމާ އިރާދަކުރެއްވިއްޔާ އަރްސަލްއަށް ބައްޕަ ގުޅާނަން" ޙަލަފްގެ ކޮނޑުގައި ބިލާލު ފިރުމާލަމުން ބޯޖަހާލިއެވެ.
"ތޭންކްސް ޑޭޑް" ޙަލަފްގެ މޫނުމަތިން އުންމީދުގެ ކުލަވަރު ފާޅުވިއެވެ. ފުޅާ ހިނިތުންވުމާއެކު އެ ދެ ލޮލުގައިވީ ހުވަފެނީ ވިދުމެކެވެ. މިނޫނީ އެވަރަށް ވެސް ބިލާލު މާޒީގެ ވާހަކަ ޙަލަފްއާ ޚިއްޞާކޮށްފައެއްނުވެއެވެ. ހުރިހާކަމެއް ހެޔޮގޮތުގައި ބަދަލުވާނޭކަމުގެ ލިސާން ފާޅުވެއްޖެކަން ޙަލަފްއަށް ޔަގީންކުރެވުނެވެ.
"މަންމަ ގާތަށް ވަދެލާފައި ދައްޗޭ" ޙަލަފް ސޯފާއިން ތެދުވެ ހިނގައިގަތް ވަގުތު ބިލާލު ބުނެލިއެވެ. އެއާއެކު ނިކަން އަވަހަށް ޙަލަފް ބޯޖަހާލައިފިއެވެ.
* * * * *
އާންމުކޮށް ފަތިހު ހޭލާ ގަޑީގައި ނިމްރާއަށް ހޭލެވުނެވެ. މަޑުތަންމަތީގައި ދެއަތަށް ފުރޮޅިލާފައި ތެދުވިއެވެ. ރޭގައި އަރްސަލްއާ ފޯނުން ވާހަކަދެއްކި ނަމަވެސް މާގިނައިރަކު ފޯނުގައި އޮންނަ ޚިޔާލެއް އަރްސަލް ނުކުރިއެވެ. ކޮންމެވެސް ވަރަކަށް ނިދާނުލެވިއްޖެނަމަ ކުރިއަށް އޮތް ދުވަހުގެ ކަންކަމަށް ބުރޫއަރާނޭ ކަމުގައި އަރްސަލް ބުންޏެވެ. އަދި ހެނދުނުން އޭނާއާއި ރާދިންއާއެކު ޝިހާނާ އަންނާނޭކަމުގައި ބުންޏެވެ. އެހެންވެ އެމީހުން އަންނަންވާއިރަށް ތައްޔާރުވެގެން ހުރުމަށް އަރްސަލް އެދުނެވެ. ހަމައެއާއެކު އަރްސަލް އެދުނީ ހެނދުނުގެ ސައިތައްޔާރުކޮށްފައި ބެހެއްޓުމަށެވެ.
ފަތިހުގެ ފިނީގައި ފެންވަރާލުމުން ނިމްރާއަށް ލިބިފައިހުރި ވަރުބަލިކަން ފިލައި ހިނގައްޖެއެވެ. ފާޚާނާގައި ހުރި ބޮޑު ލޯގަނޑު ކުރިމަތީ ހުރެ ފާރުގައި ހަރުކޮށްފައި ހުރި ހެއާ ޑްރަޔާ ނަގައި ބޯހިއްކަންފެށިއެވެ. އެގޮތަށް އޭނާ އިސްތަށިގަނޑު އެންމެފަހުން ހިއްކީ މާމަ ދުނިޔޭގައި އަމިއްލަ ގޭގައި ހުރިހާކަމެއް ފުދިގެން އުޅުނުއިރުއެވެ. އެ ހަނދާންތައް ނިމްރާއަށް އާވިއެވެ. މާމަ ވަކިވެގެންދިޔަ ގޮތުގެ ހިތި ހަނދާންތައް އާވެގެންދިޔައެވެ.
"އެއީ އެދުވަސް... މިހާރު މީ އާ ދުވަހެއް... ހުރިހާ ކަމެއް ވެސް ބަދަލުވެއްޖެ" ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަން ހުރެ ނިމްރާ އަމިއްލަ ނަފްސަށް ބުނެލިއެވެ. ފާޚާނާއިން ނުކުމެ ކޮޓަރިތެރޭގައި ހުރި ބޮޑު ވޯކިން ކްލޯސެޓްގެ ދަމާލެވޭ ގޮތަށް ހުރި ދޮރު ކަހާލިއެވެ. އެ ދޮރު ދަމާލާފައި ހުންނައިރު އެތަނުގައި އިތުރު ބައެއް ހުރިކަމެއް ފާހަގައެއްނުވެއެވެ. ދޮރާއެކު މުޅި ބިތުގައިވަނީ ލޯގަނޑު ހަރުކުރެވިފައެވެ. އެކަމުގެ ސަބަބުން އިތުރަށް އެ ކޮޓަރިތެރެ ބޮޑުކަމަށް ދައްކައެވެ. ހެދުންތައް އަޅުވާފައި ހުރި ދިމާގައި ނިމްރާ އައިސް ހުއްޓިލިއެވެ. ކަޅުކުލައިގެ ސްކިނީ ޖީންސަކާއި އަޅިކުލައިގެ ބެގީ ޓީޝާޓެއް ނެގިއެވެ. ހެދުން ލައިގެން ނިމްރާ ކޮޓަރިން ނުކުމެ ސިޑިން ފައިބައިގެން ތިރިއަށް އައެވެ.
ބޮޑެތި ކުޑަދޮރުތަކުގެ ފަރުދާތައް ހުރީ ރޭގައި މައްޗަށް ނެގި ގޮތަށްކަން ނިމްރާއަށް ފާހަގަވީ ދެނެވެ. ދުނިޔެމައްޗަށް އޭރު ވެސް އޮތީ އަނދިރިކަން ވެރިވެފައެވެ. ވަށައިގެންވާ އިމާރާތްތަކުގައި ދިއްލާފައި ހުރި ބޮކިތައް ރީތި ކުރެހުމެއް ފަދައިން ފެންނަމުންދިޔައެވެ. ފެހިކަން ނުފެނުނަސް ހިތްގައިމު ގޮތެއް ހުއްޓެވެ. ނިމްރާ އައިސް ފުރަތަމަ ވެސް ބަލާލީ ދެ ފަރާތަށް ހުޅުވޭ ގޮތަށް ހުރި ބޮޑު އައިސްއަލަމާރިއެވެ. ތަފާތު ވައްތަރުގެ ކާނާތަކުން އައިސްއަލަމާރި ހުރީ ބަރާކޮށްފައެވެ. ނާސްތާ ތައްޔާރުކުރުމުގެ ކުރީން ނިމްރާ ކޮފީ މެޝިނުން ކޮފީ ތައްޔާރުކުރިއެވެ.
* * * * *
ޕާކުރަން ހަދާފައި އޮތް ތަނުގައި ކާރު ޕާކުކޮށްލުމަށްފަހު ރާދިންއާއި އަރްސަލްގެ އިތުރުން ޝިހާނާ ކާރުން ފޭބިއެވެ. އަދި ތިންމީހުން ހޮޓެލަށް ވަދެގެން އައިގޮތަށް މިސްރާބު ޖެހީ ޕެންޓްހައުސްއަށެވެ. އެޕާޓްމެންޓްގެ ދޮރުހުޅުވިގެންދިއުމާއެކު ޕޭންކޭކްއާއި ބިސްގަނޑުގެ މީރު ވަސް އެންމެންގެ ނޭފަތުގައި ޖެހުނެވެ.
"ނިމް! އަވަހަށް ކާން ހަދާ... ބަނޑުހައިވެގެން މަރުވާވަރުވެއްޖެ" ޝިހާނާ މޫނުކުރިއަށްނެރެ ހުރެ ވަސްބަލަމުން ބުނެލިއެވެ. ބަދިގޭގައި އުޅުނު ނިމްރާ އޭނާ އަޅައިގެން ހުރި އޭޕްރަންގައި ދެއަތް ފުހެލަމުން އެންމެންނާ ކުރިމަތިލީ ނިކަން ހިނިއައިސްފައި ހުރެއެވެ.
"ކޮފީތަ ޖޫސްތަ؟" ނިމްރާ އަހާލިއެވެ. އޭރު ޝިހާނާ އައިސް ބްރެކްފަސްޓް އައިލެންޑް މަތީ އަތުރާފައި ހުރި ތަށިތަކުން ސުންކަންޖަހަން ފަށައިފިއެވެ.
"ޑާލިންގް! އަހަރެމެން ވެސް މިތިބީ ބަނޑަށް އިނގޭ" ރާދިން އައިސް ސްޓޫލެއްގައި އިށީންނަމުން ބުނެލިއެވެ. އޭނާއާ ޖެހިގެން އަރްސަލް އިށީނެވެ.
"ރާދު އަމިއްލައަށް ސައިނުހެދީނު" އަރްސަލް ބުނެލިއެވެ. އޭރު ނިމްރާ ތިންމީހުންނަށް އޮރެންޖު ފަނިތަށްޓާއެކު ކާތަށިތައް އަތުރައިފިއެވެ.
"އަހަރެން އެކަނި ސައިބޯންވީމަ އޭތި ކަޑައޭ... ދޯ ނިމް، އަސްލު ނިމްއާއެކު ހެނދުނު ބަދިގޭގައި އުޅެއުޅެ ފާޑަކަށް ހުރީ އާދަވެފައި، އައި ވޯސް މިސިންގް ޔޫ ޑާލިންގް، ތައްޔާރުކުރަމުން ރަހަ ދައްކާލާނޭ މީހަކު ވެސް ދެން ނުހުންނާނޭ، މި އަރްސަލްއަކަށް ނޭނގޭނެ ރަހަ ބުނާކަށް، އޭނާއަށް އެނގޭނީ ކާން" ރާދިން މިހެން ބުނުމާއެކު އޭނާގެ ކޮނޑުގައި އަރްސަލް ޖެހިގަތެވެ.
ނާސްތާކޮށްގެން ރާދިންއާއި އަރްސަލް އެމީހުންގެ އޮފީސް ހުރި ބަޔަށް އައެވެ. ކެބިންއަށް ވަދެ މޭޒު ދޮށުގައި އިށީނދެވުމާއެކު އަރްސަލް ފޯނު ނަގައި ނިމްރާއަށް މެސެޖުކޮށްލިއެވެ. ޝިހާނާއާއެކު ބާޒާރުކުރަން ގޮސް ބޭނުން އެއްޗެއް ގަތުމަށް އަރްސަލް ބުންޏެވެ. އެގޮތަށް ކަންތައް ނުކުރިކަން ޝިހާނާގެ ފަރާތުން އެނގިއްޖެނަމަ އެކަމަށް އަދަބުދޭން ޚުދު އަރްސަލް އަންނާނަން ކަމުގައި ވެސް މެސެޖުގައި ލިޔުނެވެ. ލާނެތް ހިންޏެއް އައިސްފައި އިނދެ އަރްސަލް އަދަބުދޭން ގަސްދުކުރާ ގޮތް ވެސް މެސެޖުކޮށްލިއެވެ. އެއާއެކު ނިމްރާ ރައްދުގައި ފޮނުވި މެސެޖު ކިޔާފައި އަރްސަލްއަށް ބާރަށް ހީނގަނެވުނެވެ.
"ކިހިނެއްވީ؟" ރާދިން އަހާލިއެވެ.
"ނަތިން އިމްޕޯޓެންޓް" ހެވިފައި އިނދެ އަރްސަލް ބުނެލިއެވެ.
"އެހެންތަ؟ އަހަންނަށް އެނގޭ ނިމްއާކަން ތި ވާހަކަދައްކަނީ" އަރްސަލްއަށް ބަލަން އިނދެ ރާދިން ބުނެލިއެވެ. އެއާއެކު އަރްސަލް އަނެއްކާ ވެސް ހިނިގަނޑެއް ޖަހާލިއެވެ.
މަސައްކަތުގައި ދެ ޒުވާނުން ތިއްބާ އަރްސަލްގެ މޭޒުމަތީ ބާއްވާލާފައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. އިސްކުރީނަށް ބަލާލުމާއެކު އަރްސަލްގެ މޫނުމަތިން ހާސްކަން ފާޅުވެގެންދިޔައެވެ. ފޯނު އަތަށް ނެގުމާއެކު އެއަށް ބަލަހައްޓައިގެން އަރްސަލް އިނެވެ.
"އަންސާނުކުރާ ކޯލަކީތަ؟" އަރްސަލް ފޯނު ހިފަހައްޓާލައިގެން އިންގޮތް ރާދިންއަށް ފެނި އަހާލިއެވެ.
"ބައް... ބަ.އް.ޕަ!" އަރްސަލްގެ ނަޒަރު ރާދިންއަށް ހުއްޓުނެވެ. އޭނާއަށް ވެފައި އިންގޮތް ރާދިންއަށް ވަގުތުން އޮޅުންފިލިއެވެ. ފޯނުކޯލަށް ޖަވާބު ނުދީ ގިނައިރުވެގެން ކޯލު ކެނޑުނީއެވެ. އަރްސަލްއަށް ހިންދިރުވާލެވުނެވެ. ނިމްރާއާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާނަށް އަންނަންފެށިއެވެ. ބައްޕައާ ވާހަކަދައްކަން އަރްސަލް ވެސް ނިންމިއެވެ. ނަމަވެސް އެކަން ފަސްކުރަމުން އައީ ޚުދު އޭނާއަށް އެކަން ކުރާނޭ ގޮތެއް ވިސްނުމަށް ނާންނާތީއެވެ. ޚިޔާލަށް ގެއްލިފައި އިންދާ ދެވަނަ ފަހަރަށް ފޯނުވައިބްރޭޓްވާން ފެށިއެވެ. އަނެއްކާ ވެސް ގުޅަނީ ބިލާލުކަން އެނގުނެވެ. ފޯނުގެ އިސްކުރީނުގައި އަރްސަލް އިނގިލި ހިންގާލުމާއެކު ގެނެސް ކަންފަތާ ކައިރިކޮށްލިއެވެ.
"ހެލޯ!... އަރްސަލް!... އަރްސަލްތަ؟" ބިލާލުގެ އަޑު އަރްސަލްގެ ކަންފަތުގައި ޖެހުނެވެ.
"ހޫމް!" އަރްސަލް ލައްވާލީ ހަމައެކަނި ހޫންއެކެވެ. (ނުނިމޭ)