ކާނާ

ފޮތްކިޔަން މިހާރު ލައިބްރަރީއެއް ނޫން، ހޮޓެލްތައް!

ޒަމާނާއެކު ކޮންމެ ކަމަށްވެސް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. މާލޭގައިވެސް ލައިބްރަރީއެއް ނުވަތަ ގައުމީ ކުތުބުހާނާއެއް އެބަހުއްޓެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް މި ތަން ބޭނުންކުރާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. ގައުމީ ކުތުބުހާނާ އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ލައިބްރަރީތައް ބޭނުންކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ މަދުވަމުންނެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުން މިއީ ޓެކްނޮލޮޖީ ކުރިއަރާއި އިންޓަނެޓުގެ ހިދުމަތް ފުޅާވެ ފޮތް ކިޔާ މީހުންގެ އަދަދު މަދުވަމުން ދިމާވާ ކަމެކެވެ. ނަމަވެސް މިއީ ތެދަކަށް ނުވެދާނެ އެވެ. ފޮތް ކިޔަން ފޯރި ހުންނަ މީހުންގެ އަދަދު އަދިވެސް ވަކި މަދެއް ނޫނެވެ. ސްކްރީނެއް ބަލައިގެން އެއްޗެއް ކިޔުމަށްވުރެ އަތުގައި ފޮތެއް ބާއްވައިގެން ކިޔުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުކަށް އެއްބަސްވާ މީހުން އަދިވެސް ގިނަވާނެ އެވެ.

ލައިބްރަރީތަކަށް މީހުންގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން ކުޑަވަމުން މި ދަނީ ކީއްވެ ހެއްޔެވެ. އެންމެ ކުރިއަށް ބަލާނަމަ އެންމެ ހިތްހަމަޖެހިލައިގެން ވާހަކަ ފޮތެއް ނުވަތަ އެ ނޫންވެސް ފޮތެއް ކިޔާލަން އިނދެވޭނީ ލައިބްރަރީއެއްގަ އެވެ. އެއީ އަޑު މަޑުވެފައި މީހެއްގެ އުނދަގުލެއް ކުރިމަތިނުވެ ހަމަޖެހިލައިގެން ފޮތް ކިޔާލަން އިނދެވޭނެތީ އެވެ. ބަދަލުއައީ މި ކަމަށެވެ. ލައިބްރަރީއެއްގައި މޭޒެއްގެ ދޮށުގައި އިނުމަކީ މިހާރު މީހުނަށް މާ ކަމަކުދާ ކަމެއް ނުވެ އެވެ.

މިހާރު ގިނަ މީހުނަށް ފޮތް ކިޔަން އެންމެ ކަމުދަނީ އެކަމަށް ހާއްސަކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަދާފައި ހުންނަ މަޝްހޫރު ބައެއް ހޮޓެލްސްތަކެވެ. ފޮތް ކިޔާ މީހުނަށް ހާއްސަކޮށްގެން ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު އަންނަނީ ގިނަ ހޮޓެލްސްތައް އިމާރާތްކުރަމުންނެވެ. މި ތަންތަނަށް އާންމުގެ ފަރާތުން ލިބޭ ތަރުހީބުވެސް ހީނުކުރާހާ ބޮޑެވެ. މިގޮތުން ފޮތް ކިޔާ މީހުނަށް ހާއްސަކޮށް މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި އިމާރާތްކޮށްފައި ހުރި ބައެއް ހޮޓެލްސްތަކަށް ބަލާލާނަމެވެ.

ޔުނިވާސިޓީ އާމްސް، ކޭމްބްރިޖް، އިނގެރޭސިވިލާތް

އިނގެރޭސިވިލާތުގެ ކޭމްބުރިޖުގައި ހުންނަ ޔުނިވާސިޓީ އާމްސްގައި މި ހޮޓެލް ހުޅުވީ މިދިޔަ އަހަރު އެވެ. މި ހޮޓެލް ވެގެންދިޔައީ ކޭމްބުރިޖުގެ އަދަބީ ތާރީހަށް އިތުރުވެގެންދިޔަ ބޮޅަކަށެވެ. މި ހޮޓަލުގައި ހުންނަ ކޮޓަރިތަކަށް ނަންދީފައި ވަނީ ދުނިޔޭގެ މަޝްހޫރު ލިޔުންތެރިންގެ ނަމުންނެވެ. މި ކޮޓަރިތަކުގައި ހުންނަ ފޮތްތައް ބަލަހައްޓަނީ ލަންޑަންގެ އެންމެ މަޝްހޫރު ބުކްޝޮފް "ހޭވުޑް ހިލް" ގެ ފަރާތުންނެވެ. މި ހޮޓަލްގެ ކޮޓަރިތަކުގައި ގިނަ ފޮތް ކަބަޑުތަކެއް ހުރެ އެވެ. އަދި އެނދާއި ސޯފާ އާއި ޓީވީ އަދި އިތުރު ލަގްޒަރީ ސާމާނުތައް ހުރެ އެވެ.

ލެ ޕެވެލިއަން ޑެސް ލެތްރެސް، ޕެރިސް، ފްރާންސް

މި ހޮޓަލުގައި ކޮންމެ ކޮޓަރިއެއް ހާއްސަކޮށްފައި ވަނީ އަލްފަބެޓްގެ ވަކި އަކުރަކާއި އެއިން ކޮންމެ އަކުރަކުން ނަން ފެށޭ ލިޔުންތެރިއަކަށެވެ. މިސާލަކަށް މި ހޮޓަލުގެ ކޮޓަރި "ޒެޑް" އަކީ ފްރާންސްގެ ވާހަކަ ލިޔުންތެރިޔާ އެމިލީ ޒޯލާގެ ނަމުން ނަންދީފައިވާ ކޮޓަރި އެވެ. ކޮޓަރިތަކުގެ އެނދުގައި މަތީގައި އާއި އެކި ތަންތަނުގައި ވާހަކައާއި ޕްލޭޒް، ކޮމިކްސް އަދި ޕޮއެމް ފޮތްތައް ބަހައްޓާފައި ހުރެ އެވެ. ކޮޓަރީގައި ނެތް ފޮތެއް ކިޔަން ބޭނުންވެއްޖެނަމަ ހޮޓެލްގެ ސްޓާފެއް ގާތުގައި ބޭނުންވާ ފޮތެއްގެ ނަން ބުނުމުން ގެނެސްވެސް ދޭނެ އެވެ.

ހޮޓެލް ޕުލިޓްޒާ، އެމްސްޓަޑާމް، ހޮލެންޑު

މި ހޮޓަލަށް ނަންދީފައި ވަނީ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޖޯސެފް ޕުލިޓްޒާގެ ނަމުންނެވެ. މި ހޮޓެލް އިމާރާތްކޮށްފައި ހުންނަނީ ޖުމްލަ 25 ކެނަލް ހައުސް ގުޅުވައިގެންނެވެ. ކެނަލް ހައުސްއަކީ ކުރީ ޒަމާނުގައި އާޅާ އުޅުނު ދިގުކޮށް އަދި ހިމަކޮށް ޖެހިޖެހިގެން ހުންނަ ބައިވަރު އުސް އިމާރާތްތަކެކެވެ. މި ހޮޓަލުގެ އެއާ ލޮބީތައް ހުންނަ ފޮތުން ފުރާލާފަ އެވެ. ކޮންމެ ފުލޯއެއް ތައްޔާރުކޮށްފައި ވަނީ ދެ ރޫމް ހުންނަ އެޕާޓްމަންޓެއްގެ ސްޓައިލަށެވެ. އަދި މިއިން ކޮންމެ ފުލޯއެއްގައި އުޅޭ މީހުނަށް ވަކި ހާއްސަ ލައިބްރަރީއެއްވެސް ހުރެ އެވެ. ބެޑްރޫމް އިން ލިވިން ރޫމްއާއި ހަމައަށް އަންނަން އިންނަ މަގުގެ ދެ ފަރާތް އެއްކޮށް ފުރާލާފައި ވަނީ ފޮތުންނެވެ.