ހަބަރު

އިންޑިއާ ޑްރަގު މައްސަލާގައި އިތުރު ދިވެއްސަކު ހައްޔަރުކޮށްފި

Jul 3, 2018
6

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އިންޑިއާގެ ޓްރެވިންޑްރަމް އިން މިދިޔަ މަހު ގިނަ އަދެއްގެ ޑްރަގު އަތުލައިގަތް މައްސަލާގައި އިތުރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ކެރެލާ ފުލުހުންގެ ނާކޮޓިކްސް ސްޕެޝަން އެކްޝަން ފޯސް ޑިވިޝަނުން ހިންގި އޮޕަރޭޝަނެއްގައި 17 ކިލޯގެ ހަޝިސް އޮއިލްއާއެކު ފުރަތަމަ ހައްޔަރުކޮށްފައިވާ ދިވެހިންނަކީ ޝާނީޒް މަހީރު 27، އާއި އައިމަން އަހުމަދު 24، އަދި އިބްރާހިމް ފައިޒާން ސޯލިހު 29، އެވެ.

އިންޑިއާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުން ބުނިގޮތުގައި، އެ މައްސަލާގައި ފަހުން ހައްޔަރުކޮށްފައިވަނީ ޓްރިވެންޑްރަމްގައި ޑިގްރީ ކޯހެއް ފުރިހަމަ ކުރަމުން އައި އުމުރުން 22 އަހަރުގެ އަމްހަރު ރަޝީދެވެ.

އޭނާ ހައްޔަރުކުރީ ކުރިން ހައްޔަރު ކުރި މީހުންނާއި ފުލުހުން ސުވާލު ކުރުމުގެ ތެރޭގައި، އެކަމުގައި އޭނާ ބައިވެރިވާކަމަށް މައުލޫމާތު ދިނުމުން ކަމަށްވެ އެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރި ޝާނީޒް މަހީރަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އެކި ތުހުމަތުތަކުގައި ދުނިޔޭގެ އެކި ގައުމުތަކުން ހޯދަމުން އަންނަ ފަރާތެއް ކަމަށާއި ދުނިޔޭގައި ޑްރަގް ޓްރެފިކް ކުރާ ގިނަ ނެޓްވޯކްތަކާ އޭނާއާ ގުޅުންވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އިންޑިއާގައި ދިރިއުޅޭ ގދ. ތިނަދޫއަށް ނިސްބަތްވާ އަމްހަރަކީ ކެރެލާ އިން ޑްރަގު ގަނެގެން، އަނެއް ތިން މީހުންނަށް ސަޕްލައިކޮށްދޭ މީހާ ކަމުގައި ފުލުހުންނާއި ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ. ފުލުހުން އިތުރަށް ބުނީ އެ ހަތަރު މީހުން ރޭވީ، ތަރުކާރީ ދަޅުތަކެއްގައި އެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރާށެވެ.

ދާދި ފަހުން އަވަށްޓެރި ސްރީލަންކާއިން ވެސް ތިން ދިވެއްސަކު ވަނީ ގިނަ އަދަދެއްގެ ޑްރަގާ އެކު އަތުލައިގެންފަ އެވެ. އޭގެ ތެރެއިން އެކަކު އަތުލައިގަތީ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ ދިޔަތަނުން ކަސްޓަމްސް އިން އޭނާގެ ތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި އޭގެއިން ގިނަ އަދަދެއްގެ ޑްރަގް ފެނިގެންނެވެ.