ރިޕޯޓް

ރިޔާޒު ރަޝީދުގެ ސިޔާސީ ސަމާސާ: ހުރިހައި ދިމާލަކުން ރަތް ކާޑު!

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާ މެދު ދިވެހިން ފަހުރުވެރިވާން ޖެހޭ މާ ގިނަ ސަބަބުތަކެއް ނެތެވެ. އަދި ދިވެހިން އެންމެ ބޮޑަށް ޝައުގުވެރިކަމެއް ދީގެން އެންމެ ގަދަ އަށް ފޯރި ނަގާ ދެ މައިދާން ކަމުގައިވާ ފުޓްބޯޅަ ދަނޑާއި ރައްޔިތުންގެ މަޖިލީހަށް މި ބޭފުޅާ ނިސްބަތްވެ ވަޑައިގަތުމަކީ ފަހަރެއްގައި ހުރިހައި ދިވެހިންގެ ވެސް ބަދު ނަސީބެވެ. ނޫނީ އެއީ ނަސީބެވެ. 

އެންމެ ބޮޑު ހިތާމަ އަކީ ރިޔާޒު ރަޝީދު ވިދާޅުވި ގޮތަށް އޭޓީއޭމް މެޝިނަށް އައިޑީ ކާޑު ޖަހައިގެން ޑޮލަރު ނުނެގުމެއް ނޫނެވެ. އެންމެ ބޮޑު ހިތާމަ އަކީ ދިވެހިންގެ ތެރެއިން ބަޔަކު އިންތިޚާބުކޮށްފައި ހުރި ބޭފުޅަކު އަބަދުވެސް މި ފެންވަރަށް މަޝްހޫރުވެ ވަޑައިގެން އާންމުންގެ ސަމާލުކަން ހޯއްދަވަމުން ގެންދަވާތީ އެވެ.

ފުޓްބޯޅަ ދަނޑުގައި ރެފްރީކަން ކުރެއްވިއިރު ވެސް އަދި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކޮށް ސިޔާސީ ޕޯޑިއަމްތަކުގައި މަޖާކުރައްވަމުން ގެންދަވާއިރު ވެސް ރިޔާޒު ރަޝީދުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވަނީ ހަމަ އެއް ފެންވަރެކެވެ. އޭރު ވެސް ކަށިގަނޑު ފުއްމެވީ އެވެ. އަދި މިހާރު ވެސް ހަމަ ގަޔަށް ނިކަން ބާރުލައްވަލައްވާފައި ކަށިގަނޑަށް ފުއްމަވަމުން އެހެރަ ގެންދަވަނީ އެވެ.

މި ފެންވަރަށް ދިވެހިން މިހާރު ދީފައިވާ ނަމަކީ "މަރުމޯ" އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ރިޔާޒު ރަޝީދަކީ އެއް އިރެއްގައި ދިވެހި ރާއްޖޭގައި ހުރި އެންމެ މޮޅު ރެފުރީ އެވެ. ހަވީރު ނޫހުންނާއި އެފްއޭއެމުން ވެސް އެފަހަރު އެންމެ މޮޅު ރެފުރީއަކަށް ހޮވީ އޭނާ އެވެ.

އެހެންވީމަ އޭރު ރާއްޖޭގައި ތިބި ރެފުރީންގެ ފެންވަރު ހުންނާނެ ހިސާބު މިހާރު ފެންނަން މިހުރި ރިޔާޒު ރަޝީދަށް ބަލައިލީމަ ނިކަން ރަނގަޅަށް އެނގިގެންދާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ސިޔާސީ މައިދާނުން ފާހަގަކޮށްލެވޭ "ރިޔާޒު ރަޝީދު މޮމެންޓް" ތަކަށް ދިއުމުގެ ކުރިން ފުޓްބޯޅަ ރެފުރީއެއްގެ ގޮތުގައި ދަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ރިޔާޒު ދުވި ދުވަސްތަކުގެ ކުލަ ހަނދާންތަކަށް ޖެހިލަމާ ހިނގާށެވެ.

އެގޮތުން ރެފުރީންގެ ހައްގުތައް ހޯއްދަވައި ދެއްވުމަށް އަޑުގަދަކުރެއްވި ބޭފުޅެއްގެ ގޮތުގައި ރިޔާޒު ރަޝީދު 2006 ވަނަ އަހަރު މަޝްހޫރުވެ ވަޑައިގަތެވެ. މެޗަކުން ރެފުރީއަކަށް ލިބޭ ފައިސާގެ އަގު 1،000ރ. އަށް ނާރުވަނީސް މެޗަކަށް އިންސާފުނުކޮށްދެއްވާނެ ކަމަށް ވިދާޅުވެ އެހެން ރެފުރީންތަކާ އެކު އެފަހަރު އެފްއޭއެމް ވެސް ގާތްގަނޑަކަށް ހުއްޓުވާލި ކަމަށް ބުނެވެ އެވެ.

ނަމަވެސް އާޚިރުގައި ކަންވީ ގޮތަކީ އެންމެ މޮޅު ރެފުރީގެ ފައިސާގެ އިނާމާއި ޝަރަފްވެރި ޓްރޮފީތައް ލިބިވަޑައިގެން ރިޔާޒު ރަޝީދުގެ އަގު "ހިލޭ ސާބަހަށް" ބަދަލުވީ އެވެ. ރެފުރީންނަށް ހެޔޮގޮތެއް ހަދައި ދިނުމަށް އެދި މުޒާހަރާކުރި ރިޔާޒު ރަޝީދުގެ އެ އަޑު އެއްކޮށް ކެނޑި ޖެހިގެން އައި އަހަރު ހިލޭސާބަހަށް ރެފުރީކަން ކޮށްދޭން އިއުލާނުކުރެއްވީ އެވެ.

މީގެ އިތުރުން ވެސް ފުޓްބޯޅަ ދަނޑުން ފާހަގަކޮށްލެވޭ ރިޔާޒު ރަޝީދުގެ މަޝްހޫރު އެހެން މޮމެންޓްތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ފީފާގެ މުޅި ގަވާއިދު ފޮތާ ހިލާފުވެ ވަޑައިގެން، ނިއު ރޭޑިއަންޑާއި ވިކްޓަރީގެ މެޗެއްގައި ޕެނަލްޓީއެއް ގަބޫލުނުކޮށް ދިވެހި ފުޓްބޯޅަ ގަޑުބަޑުކޮށްލި ހާދިސާ އަކީ ވެސް ނިކަން މަޝްހޫރު ވާހަކަ އެކެވެ.

ފާހަގަކޮށްލަން ޖެހެނީ ރިޔާޒު ރަޝީދުގެ މި "ބްލަންޑާއެއް" ފެނިގެން ދިޔައީ އެންމެ މޮޅު ރެފުރީގެ އެވޯޑްތައް އޭނާ އުފުލާލިތާ އަހަރު ވެސް ނުވެ އުޅެނިކޮށް ކަމެވެ.

ނަމަވެސް އެފަހަރު މާ ބޮޑު އަދަބެއް ލިބިވަޑައިނުގެން ރިޔާޒު ސަލާމަތްވެ ވަޑައިގަތީ އެވެ. އޭނާ އަށް އައީ 1،500ރ. ޖޫރިމަނާއެކެވެ.

އެ ވާހަކައެއް އެހިސާބުން ނިމުނީ އެވެ. ނަމަވެސް ފުޓްބޯޅައިގެ އާއިލާތަކުންނާއި މި ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކު ގަބޫލުކުރާ ގޮތުން ރިޔާޒު ރަޝީދަކީ ދިވެހިންގެ މި ކުޅިވަރުގެ ބަދުނަސީބެކެވެ. ހާއްސަކޮށް އެ ބޭފުޅާގެ ނިންމެވުންތަކާ ގުޅިގެން ނުކުމެފައި ހުރި މައްސަލަތަކަށް ބަލާލުމުން ވެސް އެކަން އެނގެ އެވެ.

މިސާލަކަށް، އެއް ފަހަރަކު ރިޔާޒު އެގޮތަށް ނިންމެވި ނިންމެވުމަކާ ގުޅިގެން ޓީމެއްގެ އިސް އޮފިޝަލަކު ނުކުމެ ވަޑައިގެން ގޮސް ރިޔާޒުގެ ގަޔަށް ސްޕްރޭ ވެސް ޖައްސަވާފައި އެބަހުއްޓެވެ.

ރިޔާޒުގެ މޮޅު ކަމަކީ އެ ދުވަހު އެ އޮފިޝަލަކު މި ސްޕްރޭފުޅިއެއް ރިޔާޒުގެ ގަޔަށް ޖަހައި ހުސްކޮށްލިއިރު ވެސް ހަމަ ހިރިވެސް ނުލައްވައި އެކަމަށް ފުރުސަތު ދެއްވައިގެން ހުންނެވި ކަމެވެ.

މީގެ އިތުރުން ވިކްޓަރީ އާއި ވެލެންސިއާގެ މެޗެއްގެ މެދުތެރެއިން ރިޔާޒު ރަޝީދު އަކުނިވަޔަކަށް ދަމައިގެން ގޮސް ވިކްޓަރީގެ ބެންޗު ކުރިމައްޗަށް ވެއްޓިވަޑައިގެން އެމީހުންގެ ފަރާތުން ފަރުވާ ހޯދި މައްސަލައެއް ވެސް އެއްފަހަރަކު ހޫނިވި އެވެ. އެފަހަރު އެ މެޗުން ބަލިވި ވެލެންސިއާ އިން ބުނީ ކުށްވެރިޔަކީ ރިޔާޒު ރަޝީދު ކަމަށެވެ.

އެހެންޏާ ފަހެ ވިކްޓަރީގެ ޓްރެއިނަރުން ފެށިގެން ކޯޗާއި ގައުމީ ޓީމުގެ ކުރީގެ ޑޮކްޓަރު ވެސް އެ ދުވަހު އުޅުއްވީ ރިޔާޒު ރަޝީދުގެ ފައިމޮޑެ ފަރުވާ ދެއްވުމުގަ އެވެ. އެހެންވީމަ މިވަރުން ކުށް ހީއެއް ނުކުމެދާނެ އެވެ.

ނަމަވެސް ފުޓުބޯޅައިގެ ދަނޑުން ރިޔާޒު ރަޝީދު މިހާރު ފެނިވަޑައިނުގަތުމަކީ ޔަގީނަށް ވެސް އެތައް ބަޔަކު އުފާކުރާނެ ކަމެކެވެ. އެކަމަކު އެ އުފަލެއްގައި ސިޔާސީ މީހުންނަކަށް ބައިވެރިވެވޭކަށް ނެތްކަން ޔަގީނެވެ.

އެއްގޮތަކަށް ވެސް އޭޓީއެމް އިން އައިޑީކާޑަށް ޑޮލަރު ނުލިބޭތީކީއެއް ނޫނެވެ. ފުޓްބޯޅަ ދަނޑު ދޫކޮށްލައްވާފައި ރިޔާޒުގެ ހުރިހައި ސަމާލުކަމެއް މިހާރު ސިޔާސީ މައިދާނަށް ހުސްކޮށްލައްވައިގެން އުޅުއްވާތީ އެވެ.

އެންމެ ފުރަތަމަ ވެސް ދެންނެވި ފަދައިން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާ މެދު ދިވެހިން ފަހުރުވެރިވާން ޖެހޭ މާ ގިނަ ސަބަބުތަކެއް ނެތެވެ.

މި ބޭފުޅާގެ ސިޔާސީ ސަމާސާ ނުވަތަ ކޫސަނި ސިޔާސީ ވިސްނުމާއި ފިކުރާއި އަނގަތެޅުމުގެ ވާހަކައެއް ފަށާ ނަމަ އެންމެ ރަނގަޅުވާނީ ކެމެރާގެ ރޭޑިއޭޝަނާއި އެ ބޭފުޅާގެ އިސްތަށިފުޅާ ދެމެދު އޮތް ގުޅުމުގެ ވާހަކަ އިން ފެށިއްޔާ އެވެ.

އެއީ 2006 ވަނަ އަހަރެވެ. ރިޔާޒު ރަޝީދުގެ ބޮލުން އިސްތަށި ފައިބާ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށްވީ އެވެ. އެޓާނީ ޖެނެރަލަށް މައްސަލަ ހުށަހަޅާ ވަރަށް ވެސް އެ މައްސަލަ ސީރިއަސްވީ އެވެ.

ވީގޮތަކީ ސިޔާސީ ގޮތުން މާ މޮޅު ވާހަކައެއް ކަމަށް ގަބޫލުކުރެވި، މަޖިލީހުގައި އޭރު ހަރުކޮށްފައި ހުރި ކެމެރާއަކާ ރިޔާޒު ރަޝީދު ޖައްސާލެއްވީ އެވެ.

އެއީ މިއަދު ނަމަ، ކެމެރާއަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލައި ރިޔާޒާ ދެކޮޅަށް މިއަދުގެ އިދިކޮޅު ފަރާތްތައް ނުކުންނާނެކަން ވެސް ޔަގީނެވެ. އެހެންޏާ، އައްޑޫ ކޮންވެންޝަން ސެންޓަރަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލައި ވެސް އެއް ބަޔަކު އެ ދަނީ އަޑުއުފުލަމުންނެވެ.

ކޮންމެއަކަސް 2006 ވަނަ އަހަރު އަނިޔާއާ ދެކޮޅަށް ނުކުމެ ވަޑައިގަތީ ރިޔާޒު ރަޝީދެވެ. އެ ބޭފުޅާގެ ޒުވާންކަމަށް ބުރޫ އަރާ ވައްތަރަށް މަޖިލީހުގެ ކެމެރާއަކުން އަނިޔާވެރިވާން ފެށީމަ އެވެ.

"އަޅުގަނޑުގެ އުމުރުން 34 އަހަރު ފުރިގެން ދިޔައިރު، ވޭތުވެ ދިޔަ 34 އަހަރު ދުވަހު އަޅުގަނޑަށް ނުލިބޭވަރުގެ ގެއްލުން އެބަލިބޭ މިހިރި ކެމެރާއެއްގެ ސަބަބުން. އަޅުގަނޑުގެ ބޮލުގެ އިސްތަށިގަނޑު މިހިރީ އެއްކޮށް ގޮސްފައި،" މަޖިލީހުގައި އިންނަވާ ގޮނޑިކޮޅާ ދިމާލަށް ވާގޮތަށް މަތީގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ކެމެރާއަކުން ލިބޭ އަނިޔާތައް ކުށްވެރިކޮށް ވާހަކަ ދައްކަވަމުން ރިޔާޒު ރަޝީދު އެފަހަރު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ލޯގަނޑުން ބަލާލާ ކޮންމެ ފަހަރަކު ހިތް ފަޅަފަޅައިގެން ދަނީ. ކާކުގެ ހުއްދަ ދީގެންތޯ މިތާ ކެމެރާ ބަހައްޓާފައި މިހުރީ. މީގެ ސަބަބުން އަޅުގަނޑުގެ އިސްތަށިކޮޅު މިހިރަ ފައިބައިގެން ދަނީ. އަޅުގަނޑު ޑޮކްޓަރަށް ދެއްކީމާ ވިދާޅުވީ ކެމެރާއެއްގެ ދަށުގައި ނޫނީ އެކަހަލަ ކޮންމެވެސް އެއްޗެއްގެ ރޭޑިއޭޝަންގެ ސަބަބުންނޭ އިސްތަށި ފައިބަނީ. ނުޖެހޭ މީތި މިތާ ބަހައްޓާކަށެއް. މިހިރީ ރައްޔިތުންނަށް ލިބޭ ގެއްލުންތައް."

ރައްޔިތުންނަށް ގެއްލުން ލިބެނީ މަޖިލީހުގައި ސެކިއުރިޓީ ކެމެރާއެއް ހަރުކޮށްގެންތޯ ނުވަތަ ރިޔާޒު ރަޝީދުމެން އުޅުއްވާ ގޮތަކުންތޯ މިއީ ޚުދު ރިޔާޒު ރަޝީދު ވެސް ވިސްނާލައްވަން ޖެހޭ ސުވާލެކެވެ.

ކޮންމެއަކަސް ރިޔާޒު ރަޝީދުގެ މި ސިޔާސީ ޑްރާމާ އަށް އަދިވެސް ނިމުމެއް ނާދެ އެވެ.

އިހަކަށް ދުވަހު ގައުމު ކެކިއަރައިގަތީ ސިޔާސީ މި ނާޒުކު ދަނޑިވަޅުގައި ބޭނުންކުރަން ނުޖެހޭ ފަދަ އިބާރާތްތަކެއް ބޭނުންކޮށް ދެއްވި އިންޒާރަކާ ގުޅިގެންނެވެ. އެއީ ރިޔާޒު ރަޝީދުގެ މަޝްހޫރު "ރާއްޖެތެރޭ އިންޒާރެވެ."

އެ އިންޒާރެއްގެ ހޫނުކަން ނުކެނޑިގެން އުޅެނިކޮށް ރިޔާޒު ރަޝީދުގެ ސިޔާސީ އެހެން ހިދުމަތެއް މި ވަނީ ތައާރަފްކޮށްފަ އެވެ. އޭޓީއެމަށް އައިޑީކާޑު ޖަހައިގެން ޑޮލަރު ނެގޭ އާދަޔާހިލާފު ހިދުމަތެވެ.

މިފަދަ އަމިއްލަ ރާގެއްގައި ރިޔާޒު ރަޝީދު މިހުރިހައި ވާހަކަތަކެއް ދައްކަވަމުން ގެންދަވަނީ މޮޅު ވާހަކަތަކެއް ދެއްކެވުމުގެ ބޭނުމުގައިކަން ފާހަގަކޮށްލަން ޖެހެ އެވެ. ނަމަވެސް ހިތާމަ އަކީ މިއިން އެއްވެސް ވާހަކައެއް ވަގުތާއި ހާލަތާއި ބައްދަލުނުވެ އެއްވެސް ތަނަކު ލައްވާނުލައި ގޮސް މަލާމާތާއި ފުރައްސާރަށް ބަދަލުވެ ރިޔާޒު ރަޝީދަށް އެނބުރި ރައްދުވާ ކަމެވެ.

އެކަމަކު ކޮންމެގޮތެއްވިޔަސް ބައެއް މީހުން ބުނަނީ ރާއްޖޭގެ ސިޔާސީ ފިނިހޫނުމިން ހެޔޮވަރުކުރުމަށް ރިޔާޒު ރަޝީދުމެން ކަހަލަ ޕޮލިޓީޝަނުން ވެސް ތިބެން ޖެހޭނެ ކަމަށެވެ.

އެއީ މަޖިލީހުގައި ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަވައި، ބިލުތައް ހުށަހަޅުއްވައި، އެ ބިލުތައް އަނބުރާ ގެންދަވައި ބަހުސްގައި ތާއީދުކުރައްވާ ފަރާތާ ދެކޮޅަށް ވޯޓު ދެއްވުން ފަދަ އާދަޔާހިލާފު ޑްރާމާތަކާ ނުލައި ދިވެހިންގެ ސިޔާސީ ފިލްމު ހިޓަކަށް ނުވާނެތީ އެވެ.

ރިޔާޒު ރަޝީދަކީ މި ހުރިހާ ކަމެއްގައި ވެސް "އޯލް އިން ވަން" އެކެވެ. އެއް ފަހަރަކު މަޖިލީހުގެ ބަހުސެއްގައި، މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދަށް ނިކަން ބޮޑަށް ތައުރީފުކުރައްވަމުން ގޮސް އާޚިރުގައި އެންމެފަހުން ވޯޓު ދެއްވެވީ އެ ބޭފުޅާއާ ދެކޮޅަށެވެ.

އެހެންވީމަ މިއީ އިއްޒަތްތެރި މެމްބަރު ރިޔާޒު ރަޝީދުގެ ހާލަތެވެ. ސިޔާސީ ސަމާސާއެއްގެ ގޮތުގައި މި ބޭފުޅާ މި ގެންދަވަނީ "ލައިވްކޮށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ސާވާ އަށް ވަދެ" ނިކަން ވަރުގަދަ އަށް ހަމަލާ ދެއްވަމުންނެވެ.