ހަބަރު

ފިއްތުންތައް އަތުވެދާނެ ކަމަށް އިންތިޒާރު ކުރަން: ރައީސް

ސަރުކާރަށް ބޭރުގެ ނުފޫޒުތައް އަންނާނެ ކަމުގެ އިންތިޒާރުގައި ހުންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ގާނޫނާ ހިލާފު އަމުރު ތަންފީޒު ކުރުމަށް ބޭރުގެ ގައުމުތަކުން ވަރަށް ބޮޑު ސަމާލު ކަމެއް ދިން ކަމަށާއި އޭގެން ދައްކުވައިދެނީ އެމަނިކުފާނަށް ބޭރުގެ ފިއްތުންތައް އަންނަ މިންވަރު ކަމަށެވެ.

"... އަދި މިކަންކަން ނުކުރެވިއްޖެނަމަ އެއަށްވުރެ ބޮޑެތި ފިއްތުންތައް އަންނާނެ ކަމާމެދު ވެސް އަޅުގަނޑު ޝައްކެއް ނުކުރަން، އަދި އަތުވެދާނެ ކަމަށް އިންތިޒާރު ވެސް ކުރަން،" ރައީސް ވިދާޅުވި އެވެ.

ބޭރުގެ ފިއްތުންތައް ރާއްޖެ ގެންނަން މަސައްކަތް ކުރައްވަނީ އިދިކޮޅު އިސް ބޭފުޅުން ކަމަށް ސިފަ ކުރައްވާ ރައީސް ވިދާޅުވީ އެއީ ދައުލަތަކަށް ހެޔޮ އެދިގެން މަސައްކަތް ކުރާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ތިބެންވީތޯ ބޭރުން ބުނާހާ ގޮތެއް ހަދައިގެން ކުޑަކަކޫ ޖަހާލައިގެން، އަޅުގަނޑުމެން ތިބެންވީތޯ ރާއްޖެއަށް ބޭރުގެ އަސްކަރިއްޔާ އެރުމަށް ގޮވާލާއިރު ހެޔޮ ހިތުން ބަލައިގަނެގެން އަތްޖަހަޖަހަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ކަންކަމަށް ބަސް ކިޔާނީ ދިވެހިން ކަމުގެ ހެދުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތު ކަމަށެވެ. ބޭރުގެ ފިއްތުންތަކަށް މި ސަރުކާރު ބޯނުލަނބާނެ ކަމަށެވެ. އެމަނިކުފާނުގެ ކުށަކަށް ވަނީ އެހެން އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަދު ވެސް އެ ވާހަކަ އަޅުގަނޑު ބުނާނަން، އަދި ސެޕްޓެމްބަރު 23 ގައި ތިޔަބޭފުޅުން އަޅުގަނޑު އިހްތިޔާރު ކުރައްވައިފިނަމަ ދެން ވެސް އެ ވާހަކަ ބުނާނީ އަޅުގަނޑު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކަންކަމަށް ބޭރުގެ ފަރާތްތަކުން ބަސް ކިޔައި ގޮތް އެންގުމަކީ އެމަނިކުފާނު ވެރި ކަމަށް ވަޑައިގެންނެވުމުގެ ކުރިން އާންމު ފަރުދެއްގެ ހައިިސިއްޔަތުން ވެސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.