ހަބަރު

ފައިނުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި

ރ. ފައިނުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް ޓޫރިޒަމް މިނިސްޓްރީއަށް މިއަދު ހުށަހަޅައިފި އެވެ.

ފައިނުގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއާ ހަވާލުވެފައިވަނީ އައިލެންޑް އޭވިއޭޝަނެވެ. އެ ރަށުގައި އެއާޕޯޓަކާއެކު ސިޓީ ހޮޓަލެއް ވެސް ތަރައްގީކުރާއިރު ރަށުގައި ބޭނުންނުކޮށް އޮތް ބޮޑު ބިމެއް އެ މަޝްރޫއުއަށް ނަގާނެ އެވެ. އެ ބިމަކީ ގަސް ހެދިފައިވާ ބޮޑު ސަރަހައްދެކެވެ.

މިނިސްޓްރީއަށް ޕެޓިޝަން ހުށަހެޅުމަށްފަހު ނޫސްވެރިނާ ބައްދަލުކޮށް އެ ރަށުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ވަހީދު ބުނީ، ޕެޓިޝަންގައި 140 މީހުން ސޮއިކޮށްފައިވާ ކަމަށާއި ޕެޓިޝަނުގައި ސޮއި ނުކުރާ ގިނަ ރައްޔިތުންވެސް އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އެއާޕޯޓް އެޅުމުގެ ކޮންޓްރެކްޓްތަކުގައި ސޮއި ކޮށްފައިވަނީ އެއާޕޯޓް އެޅުމާ ގުޅޭ ގޮތުން ރައްޔިތުންނާ އެއްވެސް ވަރަކަށް މައުލޫމާތު ހިއްސާނުކޮށް ކަމަށާއި އެއީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭންގެ ކިހާވަރެއްގެ ބިމެއް ކަމެއް ނަގަނީކީ، އަޑު އިވެނީ ސިޓީ ހޮޓާތަކެއް އަޅާ ވާހަކަ، އިވެނީ އޭގެ އިތުރުންވެސް އެތަނުގައި ޓްރެއިނިން ފެސިލިޓީއާ އަދިވެސް އިތުރު ބޭނުން ތަކަށް ބިންތަކެއް ނަގާ ވާހަކަ، މިވާހަކަތައް ދައްކަނިކޮށް ލީކުވީ، އެއާޕޯޓްގެ ކުރެހުމެއް، އެހާހިސާބުން ފެށިގެން ރައްޔިތުންނަށް ރޭކާލި،" ވަހީދު ބުންޏެވެ.

ވަހީދު ބުނީ، އެއާޕޯޓް އަޅަން ރަށުން ބޮޑު ބިމެއް ނަގަން ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދިރިއުޅޭނެ ޖާގަ ވަރަށް ބޮޑަށް ގެއްލިގެންދާނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަކީ ދިރިއުޅުމަށްޓަކައި ދަނޑުވެރިކަން ކުރާ ބައެއް ކަމަށާއި ކުރެހުމުގައި އޮތް ގޮތުން ރަށުގެ ދަނޑުބިންތައްވެސް ގެއްލިގެންދާާނެ ކަމަށް ވަހީދު ބުންޏެވެ.

"ރަށަކީ ވަރަށް ބޮޑު ވަލެއް އޮތް ރަށެއް، މިހާރު އޮތް ގޮތުން ރަށުގެ ބޮޑުވާ އެއްކޮށް ގެއްލިގެންދާނެ، ރަށުގަ ހުރި ރައްޔިތުންގެ ރުކާއި ރައްޔިތުންނާ ގުޅުން ހުރި ތަންތަން، ނަމަވެސް އެކަމާ ގުޅުން ހުރި އެއްވެސް ރައްޔިތަކާ މައުލޫމާތު ހިއްސާނުކޮށް މިކަން ކޮށްފައިވަނީ،" ވަހީދު ބުންޏެވެ.

ވަހީދު ބުނީ، ބައެއް ރައްޔިތުން އެއާޕޯޓް އަޅަން ތާއީދު ކުރޭ ކަމަށާއި ނަމަވެސް އެހާ ބޮޑު ބިމެއް ނަގައިގެން އެއާޕޯޓް އަޅާކަށް އެއްވެސް ރައްޔިތަކު ބޭނުންނުވާ ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑު ވަނީ މިކަމުގެ މައުލޫމާތު ކައުންސިލަށް ވެސް ނޭންގޭތީ، ރަށު ތަރައްގީއަށް ކުރާ ކަމެއް ވެއްޖިއްޔާ ރަށު ރައްޔިތުންނަށް ފައިދާ ކުރާ ކަމެއް ވެއްޖިއްުޔާ، ނުވިސްނޭ ރައްޔިތުންނަށް ފޮރުވައިގެން އެއްވެސް ކަމެއް ކުރަންވީ ސަބަބެއް، މީގެ ތަފްސީލްތައް ރައްޔިތުންނަށް ނުދޭން ޖެހޭ ސަބަބެއް، ރައްޔިތުންގެ ތަރައްގީއަށް ކުރާ ކަމެއް ވެއްޖެނަމަ ކަންކަން ސާފުކޮށްދީގެން ކުރިއަށް ގެންދަވަންވީ ނޫންތޯ،" ވަހީދު ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އައިލޭޑް އޭވިއޭޝަނާއި އީޕީއޭ އަދި ޔުނިވާސަލަށްވެސް ޕެޓިޝަން ހުށަހަޅަން ނިންމާފައިވާ ކަމަށް ވަހީދު ބުންޏެވެ.