ދުނިޔެ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ހައްޔަރުކޮށްފި

ކުއަލަ ލަމްޕޫރު (ޖުލައި 3) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ބައިވެރިވި ކަމުގެ ތުހިމަތުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ހައްޔަރުކޮށްފި އެވެ.

ނަޖީބުގެ ވަކީލާއި ހަވާލާދީ، މެލޭޝިއާ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ) ގެ ތެރެއިން ނަޖީބު ހިންގި އެތަކެއް ބިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލާގައި އޭނާ އަށް މާދަމާ ދައުވާކުރާނެ ކަމަށްވެ އެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މި ތުހުމަތުތަކާއި ގުޅިގެން، ނަޖީބާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

ދާދި ފަހުން، ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.