ރިޕޯޓް

ގޮނޑީގެ ހުކުމް، އަނެއްކާވެސް ބޮޑު ރާޅެއް!

މާދަމާއަކީ ސިޔާސީ ގޮތުން އަނެއްކާވެސް ބޮޑު ދުވަހަކަށް ވާނެ ދުވަހެކެވެ. ރާއްޖޭގެ ސިޔާސީ މައިދާން އެފުށް މިފުށަށް ޖަހާލި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މިހާރު ބާތިލް ނުވެ އޮވެ މިންވަރާމެދު ފައިނަލް ނިންމުމެއް އަންނާނެ ކަމަށް ބެލެވޭ ދުވަހެވެ. އެ އަމުރުގެ އެ ބައި ސަސްޕެންޑްކޮށް އޮންނަތާ އެތައް މަހެއްވެފައިވާއިރު ގޮތެއް ނުނިންމި އޮތީ ކަމުގެ ބޮޑުކަމުންނެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހުން ފާސްކުރި ނަމަވެސް އެ ގާނޫނު ވެސް އޮތީ ހައްލެއް ނުލިބި އެވެ.

އެކެއް ފެބުރުއަރީގެ އަމުރުގައި މިހާރު ބާތިލްނުކޮށް އޮތް އެންމެ މުހިންމު ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިއާ ގުޅޭ ބަޔެވެ. އެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެންބަރުން މަޖިލީހަށް ވެއްދުމަށް އަންގާފައިވާ ބަޔެވެ. ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ ފަރާތުން ވެއްދި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ އެ މެންބަރުންގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައެޅުމަށެވެ. އެގޮތަށް ހުކުމް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަނެއް ކޮޅަށް ވެސް ހުކުމް އެނބުރިދާނެ އެވެ.

ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށް ހުކުމް އައި ނަމަވެސް ރާއްޖޭގެ ސިޔާސީ މަންޒަރަށް ބަދަލުތަކެއް އަންނާނެ އެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ތެރެއިން މިހާތަނަށް އެއްވެސް މެންބަރަކު ސަރުކާރު ކޮޅަށް އަލުން އަރާފައިނުވާއިރު އެ މެންބަރުންގެ ގޮނޑި ސަލާމަތްވެއްޖެނަމަ އިދިކޮޅަށް މަޖިލީހުގައި ބާރުގަދަކޮށްލެވިދާނެ ބާވެ އެވެ؟

ސަރުކާރަށް ގެއްލުމެއް ނޫން، ފައިދާ!

ޕީޕީއެމާއި އެމްޑީއޭގެ މެންބަރުންނާއެކު ސަރުކާރަށް މިހާރު ހަމަވަނީ އެންމެ ގިނަވެގެން ވެސް 42 މެންބަރުންނެވެ. އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އަމިއްލަ ދެ މެންބަރުން އަދި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ 12 މެންބަރުން ހިމަނައިގެން އިދިކޮޅު ކޯލިޝަނަށް 43 މެންބަރުން ހަމަ ކުރެވެ އެވެ. އެކަމަކު އެ އަދަދު ހަމަކުރުމަށް އެހެން ހުރަސްތަކެއް އެބަ އޮތެވެ.

އެކަމަށް އެޅޭނެ ހުރަހަކީ އެހެން މައްސަލަތަކުގައި ބައެއް މެންބަރުން ޖަލުގައި ތިބުމެވެ. އެގޮތުން މެންބަރު ގާސިމް އިބްރާހިމާއި އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒަށް ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމުން ގޮނޑި ނުގެއްލުނު ނަމަވެސް މަޖިލީހުގެ ޖަލްސާތަކަށް ނުދެވޭނެ އެވެ. އެ މަދުވީ ތިން މެންބަރުންނެވެ. އަދަދު 40 އަށް ތިރިވިއިރު ގަދަވާނީ ސަރުކާރެވެ.

އެއަށްވުރެ ވެސް އަދަދު ތިރިވެދާނެ އެވެ. މެންބަރު އަހުމަދު މަހުލޫފަށް މިއަދު ޖަލު ހުކުމެއް އިއްވައި ޖަލަށް ގެންދާނެ ކަމަށް ބެލެވެ އެވެ. މެންބަރު އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދު ތިއްބެވީ ޓެރަރިޒަމް މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

އަދަދަށް ބަލާއިރު ސުޕްރީމް ކޯޓުން 12 މެންބަރުންގެ ގޮނޑި ސަލާމަތް ކުރިޔަސް ސަރުކާރަށް ލިބޭނެ ގެއްލުމެއް ނެތެވެ. މެޖޯރިޓީ އިދިކޮޅަށް ހޯދޭނެ ގޮތެއް ނުވާނެ އެވެ.

ފަހަރުގައި ސަރުކާރަށް އެގޮތަށް ހުކުމް އަތުވެއްޖެނަމަ ލިބޭނީ ފައިދާ ކަމަށް ވެސް ވެދާނެ އެވެ. އެ މެންބަރުންގެ ގޮނޑީގެ މައްސަލައަކީ ވަރަށް ބޮޑުވެ ބޭރުން ވެސް ޝަކުވާ ކުރަމުންދާ މައްސަލައެކެވެ. އިންތިހާބު ބޯމަތިވެފައިވަނިކޮށް އެއީ ސަރުކާރުގެ ބޮލު ރިހުމެއް ފިލުން ކަމަށް ވެދާނެ އެވެ.

އިބޫ އާއި އިދިކޮޅަށް ބިރެއް!

އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން ނިންމައިފިނަމަ 12 މެންބަރުންގެ ގޮނޑި ގެއްލުމުގެ ދެރައިގެ އިތުރުން އެއަށްވުރެ ބޮޑު ދެރައެއް އިދިކޮޅަށް ކުރިމަތިވެދާނެ އެވެ. ކުރިމިނަލް ކޯޓުގައި ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ކޮށްފައިވާ އިދިކޮޅު އެ 12 މެންބަރުންނާ އެކަން ސީދާ ގޮތުން ގުޅިގެން ދާނެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރުގައި ބާތިލްނުކޮށް އޮތް ބައިގައި މެންބަރުންގެ މައްސަލައަށް ސީދާ ގޮތެއްގައި އިޝާރަތްކޮށްފައިވެ އެވެ. އެ ބައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ގޮތަށް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލާފައިވާ ކަމަށާއި އެއީ ރާއްޖޭގެ ދުސްތޫރީ ނިޒާމާ ދުރު އަދި އާންމު މަސްލަހަތަށް ގެއްލުންވާ ކަމެއް ކަމަށެވެ.

އެއީ އެ މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލް ކުރެވެން އޮތް ނުކުތާއެކެވެ. އެ އިޖުރާއީ ނުކުތާ މެންބަރުން ވަނީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާހަގަ ވެސް ކުރައްވާފަ އެވެ. އޭގެ ފަހުން މައްސަލާގެ ޝަރީއަތް ވަނީ ހުއްޓިފަ އެވެ. އެއީ އަމުރާމެދު ގޮތެއް ނިމެންދެން ކަމަށް ބެލެވެ އެވެ.

އަމުރު ބާތިލްނުކޮށްފިނަމަ އެ މައްސަލަ ކުރިމިނަލް ކޯޓަށް ކުރިއަށް ގެންދެވޭނެ ހަމައެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ނަމަވެސް ބާތިލް ކޮށްފިނަމަ އެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެޅިފައިވާ ހުރަސް ނެތިގެން ނެތިޔައީ އެވެ. އިދިކޮޅުގައި ވަރަށް އިސްކޮށް އުޅުއްވާ މެންބަރުންތަކެއް ޖިނާއީ މައްސަލަ ހަލުވިކަމާއެކު ކޯޓުގައި ހިނގައި ގަންނާނެ އެވެ.

އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެންމެފަހު ވަގުތު އެތައް އުނދަގޫތަކާއި ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ނެރެ ދެއްކި ކެންޑިޑޭޓް ގެއްލިދާނެ ކަމުގެ އަނެއްކާވެސް ބުރާސްފަތި ދުވަހަށްފަހު އައުން އެކަށީގެންވެ އެވެ.

އާ ބެންޗުގެ ފުރަތަމަ ނިޔާ!

ސިޔާސީ މައިދާން އެފުށް މިފުށަށް ޖަހާލި 12 މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާނެ އެންމެފަހުގެ ނިންމުން ނިންމަވައި އިއްވާނެ ބެންޗަކީ ވެސް ފާހަގަކޮށްލެވޭ ބެންޗެކެވެ. މިއީ މިދިޔަ މަހު ނިމެނިކޮށް އެކުލަވާލި އާ ބެންޗުން ނިންމާނެ ފުރަތަމަ މައްސަލަ އެވެ.

އާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވާ އިއްވާނެ ފުރަތަމަ ހުކުމެވެ. އަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ހައިކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ބައިވެރިވަޑައިގަންނަވާނެ ސުޕްރީމް ކޯޓުގެ ފުރަތަމަ ހުކުމް ވެސްމެ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ވަޑައިގަންނަވާނެ ފުރަތަމަ ދުވަހަކީ ވެސް މާދަމާ އެވެ. ފަނޑިޔާރު އަބްދުލްޣަނީ ވަނީ އިއްޔެ ތިން ފަނޑިޔާރުން ބައްލަވާ މައްސަލައެއްގެ ބެންޗުގައި ހިމެނިވަޑައިގެންފަ އެވެ. ނަމަވެސް މިހާތަނަށް ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ވަޑައިނުގަންނަވަ އެވެ.

އާ ބެންޗުން އިއްވާނެ ކަމަށް ބެލެވޭ ފުރަތަމަ ހުކުމުން އަނެއްކާވެސް ރާއްޖޭގެ ސިޔާސީ މައިދާނަށް ބަދަލުތަކެއް އަންނާނެ އެވެ. މައްސަލަ ބޮޑުވެފައިވާ 12 މެންބަރުންގެ ގޮނޑިއާމެދު ގޮތެއް ކޮންމެ ގޮތަކަށް ނިންމިޔަސް އެއީ މައްސަލަ ބޮޑުވާނެ ކަމެކެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން މެންބަރުންގެ ގޮނޑިއާމެދު ސުޕްރީމް ކޯޓުން ގޮތް ކިޔާފައިވާއިރު ދެ ފަހަރު ވެސް ގުނޑުންތައް ވަރަށް ގަދަވި އެވެ.