ރައީސް މުހައްމަދު ނަޝީދު

ނިޒާމުގެ ތެރެއަށް ވަޑައިނުގަންނަވަނީ ކީއްވެ؟

ތޭރަ އަހަރުގެ ޖަލު ހުކުމެއްގެ މަތީގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަމިއްލަ ގޮތްތައް އިސްކުރައްވައި އަމިއްލަވަންތަ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. ސިޔާސީ ގޮތުން އެކަން ވަރަށް މަގުބޫލް ވެސްމެ އެވެ. އެކަމަކު، އެފަދަ އަމިއްލަ ގޮތްތަކެއް އިހްތިޔާރު ރައީސް ނަޝީދު އިހުތިޔާރު ކުރައްވަނީ ރާއްޖޭގެ ނިޒާމްތަކާ ތައާރަޒްވާ ގޮތަކަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް ފާޓްފުޅާ ބޮޑު ކޯލިޝަނެއް ހައްދަވައިގެން ރައީސް ނަޝީދު ވެސް ނުކުންނެވީ ނިޒާމުން ބޭރުން ނާޖައިޒު ފައިދާ ނަގައިގެން ނުފޫޒު ފޯރުވައިގެން ސަރުކާރުން ކަންތައްތައް ކުރަމުންދާތީ އެވެ. ފެންނަ އޮތް ގޮތުން ގިނަ ޝަރީއަތްތަކަކީ އެފަދަ ޝަރީއަތްތަކެވެ. ސަރުކާރުގެ ފުރިހަމަ ހިޔަނި އެ ޝަރީއަތްތަކަށް ފާޅުކަން ބޮޑުކޮށް އޮތީ އެޅިފަ އެވެ. އެފަދަ ގޮތަކަށް އެންމެ ފުރަތަމަ ހިނގައިދިޔަ ޝަރީއަތަކީ ވެސް ރައީސް ނަޝީދުގެ ޝަރީއަތެވެ.

ކުރިމިނަލް ކޯޓުން އިއްވާ ހައިކޯޓުން ތާއިދުކޮށް ސުޕްރީމް ކޯޓުން ވެސް އެ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ބުނެފައިވީ ނަމަވެސް އދ.އިން ވެސް އަދި ބައިނަލްއަގްވާމީ އެހެން ބޮޑެތި ޖަމިއްޔާތަކުން ވެސް ވަނީ ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވަނީ ޣައިރު ގާނޫނީ ޝަރީއަތެއް ކަމަށް ކަނޑައަޅާފަ އެވެ. އެގޮތަށް ކަނޑައެޅީ އެއީ ރައީސް ނަޝީދު ވީމައެއް ނޫނެވެ. ސަރުކާރަށް ވެސް ޖަވާބުދާރީނުވެވުނު ބޮޑެތި އިޖުރާއީ މައްސަލަތައް ޝަރީއަތުގައި ހުރުމުންނެވެ. މިސްކަރޭޖް އޮފް ޖަސްޓިސް އޮތީމަ އެވެ.

ސުޕްރީމް ކޯޓުން ރައީސް ނަޝީދުގެ ހުކުމް ރަނގަޅު ކަމަށް ބުނެފައިވަނީ ދައުލަތުން އެ ހުކުމް ރަނގަޅުތޯ ބަލައިދިނުމަށް އެ ކޯޓަށް ހުށަހެޅުމުންނެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ވެސް ސުޕްރީމް ކޯޓަށް ވެސް ދިޔުމުގެ އިސްތިއުނާފުގެ ހައްގު އޮތެވެ. އެ މުއްދަތުގައި މައްސަލަ ހުށަހަޅާފައިވެ އެވެ. ނަމަވެސް ބޭރުގެ ޖަމިއްޔާތަކަށް މައްސަލަތައް ހުށަހަޅުއްވަމުން ގެންދެވި އެވެ. ނިޒާމުގެ ތެރެއިން ރައީސް ނަޝީދު އޭރު ވެސް ވަޑައިނުގަންނަވަ އެވެ.

ރައީސް ނަޝީދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވެފައިވާ ގޮތުގައި، ރައީސް ނަޝީދުގެ ފަރާތުން އިސްތިއުނާފަށް ހުށަނޭޅީ ރާއްޖޭގެ ކޯޓަކުން ނަޝީދަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ. އޭރު އޮތް ހާލަތަކީ އެއީ ކަމަށް ބެލެވިދާނެ އެވެ. އެކެއް ފެބުރުއަރީގައި ރައީސް ނަޝީދު ވެސް ދޫކޮށްލަން އަމުރުކޮށް ނެރުނު އަމުރަށްފަހު ހިނގައިދިޔަ ކަންތައްތަކާއި ހާމަވެގެން ދިޔަ ވާހަކަތަކުންނާއި ދަށު ކޯޓުތަކުގެ ގާޒީންގެ ބަޔާންތަކުން މަތީ ކޯޓުތަކުގައި ވެސް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ވަރަށް ބޮޑަށް ހާމަވެ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް މައްސަލަތައް ނިންމައިދޭކަން ވެސް ހާމަވި އެވެ.

އެކަމުގެ އެންމެ ބޮޑު ތުހުމަތެއް އެޅުނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށެވެ. އެ ދެ ބޭފުޅުންގެ ބާރެއް މަގާމެއް މިހާރަކު ނެތެވެ. ރައީސް ޔާމީންގެ ނުފޫޒު ޝަރުއީ ނިޒާމްގައި އޮތް ކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވަމުންދާތީ ރައްޔިތުން އެވަނީ އެމަނިކުފާނަށް ވެސް ނޫނެކޭ ބުނެފަ އެވެ. ފުރިހަމަ މިނިވަން ޝަރުއީ ނިޒާމެއް ހޯދުމަށް ރައްޔިތުން ވަނީ އެމްޑީޕީ ހިމެނޭ ކޯލިޝަނަށް ވެރިކަން ހަވާލުކޮށްފަ އެވެ. ރައީސް ޔާމީންގެ ބާރެއް ނުފޫޒެއް ވެސް މިހާރަކު ނެތެވެ. އެކަމަކު ރައްޔިތުން ދިން ފުރުސަތުގައި ވެސް ރައީސް ނަޝީދު ނިޒާމުން ވަޑައިނުގެންނެވި އެވެ. އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެގޮތަށް އޮތްވައި ނޮވެމްބަރު އެއްވަނަ ދުވަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ.

ރައީސް ނަޝީދެކޭ އެއްފަދަ ޝަރީއަތެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ވެސް ހިންގި އެވެ. ޖަލަށް ލާން ވެސް ހުކުމް ކުރި އެވެ. އެ ހުކުމް މުއްދަތުގައި އިސްތިއުނާފު ވެސް ކުރެއްވި އެވެ. އަލާސްކަންފުޅާއެކު ވެސް ޖަލު ހުކުމް ގެންދެވީ ތަންފީޒު ކުރައްވަމުންނެވެ. ޖަލުން ބޭރަށް ވަޑައިނުގަންނަވަ އެވެ. އަމަލުތައް ބެހެއްޓީ ނިޒާމްގެ ތެރެއިންނެވެ. އެމަނިކުފާނު ވެސް އޭރު އެ ނިޒާމް ބަލައެއް ނުގަނެ އެވެ. އިންސާފު ނުލިބޭނެކަން ވެސް ގަބޫލުފުޅު ކުރެއްވި އެވެ. ނަމަވެސް ހަމަ ހިންގެވީ ނިޒާމްގެ ތެރެއިންނެވެ. އެ ނިޒާމްގެ ތެރެއިން ވަޑައިގެން މިހާރު އެ ހުންނެވީ ފުރިހަމަ މިނިވަނެއްގެ ވެސް ގޮތުގަ އެވެ. ރައްޔިތުން ދިން ފުރުސަތުގެ ބޭނުން ރައީސް މައުމޫން ހިއްޕެވި ގޮތަށް ރައީސް ނަޝީދު އަދިވެސް އޭގެ ބޭނުން ނުހިއްޕަވަ އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ވެސް ތިއްބެވީ އެމަގުން ހިންގަވާ ގޮތަށް ކަމަށް ނުބެލެވެ އެވެ. ރައީސް ނަޝީދުގެ ވަކީލްކަން ވެސް ކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދު މިނިވަން ކުރުމަށްޓަކައި ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކާއެކު ދައްކަން ޖެހޭ ވާހަކަތައް ދަނީ ދައްކަމުންނެވެ. ރާއްޖޭގެ ކޯޓަކަށް އޭގެ ފަރުވާއެއް ހޯދުމަށް ވަޑައިގަންނަވާ ވާހަކަ ވިދާޅެއް ނުވެ އެވެ. ހަސަން ގަބޫލު ކުރައްވާ ގޮތުގައި ރައީސް ނަޝީދަކީ އދ.އިން މިނިވަނެއް ކަމަށް ކަނޑައަޅާފައިވާތީ މިނިވަނެކެވެ. އެމަނިކުފާނު ހައްޔަރުކުރުމުގެ ބާރެއް ރާއްޖޭގެ އިދާރާއަކަށް ނޯންނާނެ އެވެ.

އެކަމަކު ގާނޫނީ ނިޒާމް ދަންނަ ހަގީގަތަކީ އަންނަ މަހު ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު އެމަނިކުފާނަކީ އަދިވެސް ހަމަ ކުށްވެރިއެއް ކަމެވެ. އދ.އިން މިނިވަން ކުރި ނަމަވެސް އެއީ ރާއްޖޭގެ ގާނޫނުތަކުން އެމީހެއް ކުށުން ބަރީއަވުން ކަމަށް ނުބަލާނެ އެވެ. ހުކުމް ބާތިލްކުރަން ޖެހޭނީ ރާއްޖޭގެ ކޯޓަކުންނެވެ. ރައީސް ނަޝީދުގެ މައްސަލާގައި އޮތީ ސުޕްރީމް ކޯޓެވެ.

ސުޕްރީމް ކޯޓުގައި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ބާރު އޮތްއިރު ރައީސް ނަޝީދުގެ ހުކުމަކީ އިތުރަށް ޗެލެންޖް ކުރުމުގެ ފުރުސަތު ނެތް ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅާފައިވެ އެވެ. އެހެންކަމުން ދެން އިތުރަށް ރައީސް ނަޝީދަށް އެ ކޯޓަށް ވަޑައިގެންނެވޭނެތޯ އެއީ އުފައްދާ ސުވާލެކެވެ. އަންނަ ސުވާލަކީ ސުޕްރީމް ކޯޓުގެ ހުކުމެއް އެ ކޯޓަށް އަލުން ރިވިއު ކުރެވިދާނެބާވަ އެވެ؟

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވާ ގޮތުގައި، އެކަން ކުރެވޭނެ އެވެ. ހާއްސަކޮށް ރައީސް ނަޝީދުގެ މައްސަލަގައި ކުރެވޭނެ އެވެ. އެއީ އެ ޝަރީއަތަކީ މިސްކަރޭޖް އޮފް ޖަސްޓިސް ނުވަތަ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުުންކޮށްފައިވާ ހުކުމަކަށް އދ.އިން ކަނޑައަޅާފައިވާތީ އެވެ. ދިޔާނާ ސައީދު ފާހަގަކުރެއްވީ މި ނުކުތާ އެވެ. ފަރުދީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ ހަވަނަ ނަމްބަރެވެ. ދިޔާނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން ރިވިއުކުރުމުގެ ބާރު އެ ކޯޓަށް ނުލިބޭނަމަ އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ ހަވަނަ ނަންބަރުގެ ބޭނުމެއް ނެތެވެ. އެ މާއްދާ އެގޮތަށް ނޯންނާނެ އެވެ. އެ މާއްދާގައި ބުނަނީ މިސްކަރޭޖް އޮފް ޖަސްޓިސް ނުވަތަ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުުންކޮށްފައިވާ ހުކުމަކަށް ވެއްޖެނަމަ، އެ ހުކުމެއް އައިސްފައިވާ މީހަކަށް ބަދަލު ދިނުން ގާނޫނީ އިމުގެ ތެރެއިން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ.

އެ މުއާހަދާގައި ރާއްޖެ ބައިވެރިވެ އެވެ. މިސްކަރޭޖް އޮފް ޖަސްޓިސް އޮތް ކަމަށް ބެލެވޭނަމަ އެ ހުކުމެއް ރިވިއު ކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް ކުރެވިދާނެ ކަމެކެވެ. ގާނޫނު އަސާސީގައި ވެސް ސުޕްރީމް ކޯޓަށް އެ ކޯޓުގެ ހުކުމެއް އަލުން ރިވިއު ނުކުރެވޭނެ ކަމަށް ބުނެފައެއް ނެތެވެ. އެ މުއާހަދާއަށް އެކަނި ރިޔާއަތްކޮށް ވެސް ރައީސް ނަޝީދަށް ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކުރުމަށް އެ ކޯޓަށް ހުށަހެޅުމުގައި ހުރަހެއް ނެތް ކަމަށް ގާނޫނީ ބޭފުޅުން ދެކެ އެވެ.

ނަމަވެސް އެ މަންޒަރު ނުފެނި، އަންނަ މަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ އެވެ. ނިޒާމްގެ ތެރެއަށް ވަދެވަޑައިނުގަތް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާއިރު، ކޮންމެ ގޮތެއް ވިޔަސް އެމަނިކުފާނަށް އޮތީ ޖަލެވެ. ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަކީ ވަކި މީހަކަށް ވަކި ގޮތަކަށް އޮތް ގާނޫނެއް ނޫނެވެ. އެންމެން ހަމަހަމަ އެވެ. އެކަން އެންމެ ބޮަޑަށް ޕްރޮމޯޓް ކުރައްވާ ބޭފުޅަކީ ވެސް ރައީސް ނަޝީދެވެ. އެމަނިިފާނު ރާއްޖެ އައުމުން ޖަލަށް ނުގެންދާ ނަމަ، ރާއްޖޭގައި ގާނޫނުތައް އެއް ހަމަޔަކުން އެންމެ މައްޗަށް ހިނގާ ކަމާ މެދު އެއީ ސުވާލެކެވެ.

ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ގާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި، ގައުމު އިސްލާހު ކުރަން ތިބި މީހުން އަބަދުވެސް ބަލަންޖެހޭނީ އުސޫލުގެ ތެރެއިން އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރެވޭތޯ އެވެ. ނިޒާމުގެ ތެރެއިން މިނިވަންވުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ މިތަން ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލައި އަޅުގަނޑުމެންގެ ރައްޔިތުން އަނެއްކާ ޕެނިކް ސިޓުއޭޝަނަކަށް އައިސް ހަމަ އެއްވެސް އިންސާނަކަށް އެއްވެސް މީހަކަށް ނިކަމެތިކަމެއް ލިބިގެންދާން،" ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމް ވިޔަސް އެމަނިކުފާނުގެ އެ ނަސޭހަތަކީ ވަރަށް ހަގީގީ ވާހަކައެކެވެ. ނިޒާމްގެ ތެރެއަށް ވަޑައިނުގަތް، ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުން ދެން ހިނގާ ކަންތައްތަކުން އަނެއްކާވެސް ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔުމަކީ ގާތް ކަމެވެ. އެކަން ރައީސް ނަޝީދު ވެސް ބޭނުންފުޅުވާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެމަނިކުފާނު ނުކުންނެވީ ވެސް ނިޒާމް ހަމައަކަށް އަޅުވާށެވެ. ނިޒާމް ފުނޑާނުލާ އެ މަގުން ހިންގަވާނެ ކަމުގެ އުއްމީދުގައި ރައްޔިތުން ވެސް އެބަ ތިއްބެވެ. ރައީސް ނަޝީދު ނިޒާމްގެ ތެރެއިން ވަޑައިގަންނަވާށެވެ!