ބޮލީވުޑް

ގަވާއިދާ ހިލާފަށް އިމާރާތްކުރާތީ ޕްރިޔަންކާއަށް ނޯޓިސް

ހުއްދަ ނުހޯދާއި ގަވާއިދާ ހިލާފަށް ޕްރިޔަންކާ ޗޯޕްރާގެ ގެ އޮފީސް އިމާރާތެއް ހަދަމުން އަންނާތީ އޭނާއަށް މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނުން ނޯޓިސް ފޮނުވައިފި އެވެ.

ޕްރިޔަންކާއަށް ނޯޓިސް ފޮނުވީ މުމްބާއީގެ އޮޝިވަރާގައި ހުންނަ އޭނާގެ އޮފީސް އިމާރާތާއި އެ އިމާރާތާއި ޖެހިގެން ހުންނަ ޗެރިޝްމާ ބިއުޓީ އެންޑް ސްޕާ ސެލޫން އިމާރާތް، ހުއްދަނެގުމެއް ނެތި ދެ އިމާރާތް ގުޅުވަމުން ދާތީ އެވެ. ސްޕާ ހުންނަ ބިމަކީ ޕްރިޔަންކާ މީހަކަށް ކުއްޔަށް ދީފައި ހުންނަ ބިމެކެވެ.

މުމްބާއިގެ މުނިސިޕަލް ކޯޕްރޭޝަނުން ހާމަކުރި ގޮތުގައި މިކަމާއި ގުޅިގެން އެ ސްޕާއަށް ޒިޔާރަތްކުރި ހަތަރު މީހަކާއި އެ ކޯޕަރޭޝަންގައި މަސައްކަތް ކުރަމުން އަންނަ މީހަކު މައްސަލަ ހުށަހަޅާފައިވެ އެވެ.

ޕްރިޔަންކާގެ އިތުރުން އެ ސްޕާ ހިންގަމުން އަންނަ މީހާއަށްވެސް ވަނީ ނޯޓިސް ފޮނުވާފަ އެވެ.

މުމްބާއިގެ މުނިސިޕަލް ކޯޕަރޭޝަނުން ބުނެފައި ވަނީ މީގެ ކުރިން 2013 ވަނަ އަހަރުވެސް އެ ދެ އިމާރާތް ގުޅުވުމުގެ މަސައްކަތް ހުއްޓާލުމަށާއި އަދި ގަވާއިދާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ބަދަލު ގެނެސް ހުއްދަ ހޯދައިގެން އިމާރާތްކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް އެފަހަރުވެސް އެ ފަރާތުން ޖަވާބެއްދީފައި ނުވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ފަހަރު ފޮނުވި ނޯޓިސްއަށް ތަބާ ނުވެއްޖެނަމަ އެ ދެ އިމާރާތް ތަޅާލުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ކޯޕަރޭޝަންގެ ފަރާތުން އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.