ދުނިޔެ

މެލޭޝިއާގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ނަޖީބަށް ދައުވާކޮށްފި

Jul 4, 2018

ކުއަލަލަމްޕޫރު (ޖުލައި 4) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ހިޔާނާތް، ވަންއެމްޑީޕީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހިމަތުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ދައުވާކޮށްފި އެވެ.

މެލޭޝިއާ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ) ގެ ތެރެއިން އިއްޔެ ހައްޔަރުކުރި ނަޖީބު ހިންގި އެތަކެއް ބިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލާގައި އޭނާ އަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި އަމިއްލަ ފައިދާއަށް ބޭނުންކުރުމާއެކު އިތުރު ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ.

ދައުވާތައް އިއްވުމާއެކު، 64 އަހަރުގެ ނަޖީބު ވަނީ ދައުވާތަކަށް އިންކާރު ކުރައްވައި ޝަރީއަތަށް ދާން ބޭނުންވާކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ. މެލޭޝިއާގެ ގާނޫނުގައިވާ ގޮތުން، ނަޖީބަށް ކޮށްފައިވާ ކޮންމެ ދައުވާއެއްގެ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމެކެވެ. މިހާރު ވެސް ގައުމުން ބޭރަށް ފުރުން މަނާކޮށްފައިވާއިރު، ނަޖީބަށް ދޫކޮށްފައިވާ ދެ ޕާސްޕޯޓް ވެސް އަނބުރާ ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަޖީބު ހައްޔަރު ކުރެވިފައިވާ އިރު، އޭނާ އަކީ މެލޭޝިއާގެ ތާރީހުގައި ވެސް ޖިނާއީ ދައުވާއެއް ކުރެވުނު ފުރަތަމަ ބޮޑު ވަޒީރެވެ.

ގޭގައި ހުންނަވަނިކޮށް ނަޖީބު ހައްޔަރު ކުރެވުމާއި ގުޅިގެން، އޭނާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ނަޖީބަށް ކުރަނީ ސިޔާސީ ދައުވާތަކެއްކަމަށާއި، އެކަމާއި ދެކޮޅަށް ކޯޓު މަރުހަލާތަކުގައި ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މި ތުހުމަތުތަކާއި ގުޅިގެން، ނަޖީބާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

ދާދި ފަހުން، ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.