ހަބަރު

ފާރިސްގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

Jul 4, 2018

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދު ހެނދުނަށް ތާވަލުކުރީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީއަތަށް ހުށަހަޅަން ބާއްވާ އަޑުއެހުމެވެ. އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

މިއަދު ކުރިމިނަލް ކޯޓުގައި އޮތީ ވެސް ދެ މައްސަލައެއްގެ އަޑުއެހުމެވެ. އެއީ ފާރިސް މައްސަލާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްސަލަ އެވެ.

ފާރިސްގެ މައްޗަށް ދައުވާ ކުރަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ. އަދި، ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ބައިވެރިވި ކަމަށާއި ކުރީގެ ސީޕީ އަރީފާ ގުޅިގެން ފުލުހުންތަކެއް މަގުތަކަށް ނެރެ ގައުމުގެ މަސްލަހަތު ނަގާލަން އުޅުނު ކަމަށް ވެސް އޭނާގެ މައްޗަށް ކުރާ ދައުވާގައިވެ އެވެ.

ފާރިސް ދައުވާއަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ޖުމްލަ 32 ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި 17 ސިއްރު ހެކިވެރިޔަކާއި ސިއްރު ލިޔުންތަކެއް ހިމެނެ އެވެ.