ކުޅިވަރު

އަސޯގެ ފުރަތަމަ ހެޓްރިކާއެކު މާޒިޔާއަށް ބޮޮޑު މޮޅެއް

ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސޯ) ސީޒަންގައި ހެދި ފުރަތަމަ ހެޓްރިކާއެކު، ދިވެހި ޕްރިމިއާ ލީގްގައި ފ. ނިލަންދޫގެ މައްޗަށް މާޒިޔާއިން 7-0 ގެ ނަތީޖާއަކުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އަނިޔާއާ ގުޅިގެން، އަށް މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އަސަދުﷲ ކުޅެން ނިކުތީ މާލޭ ލީގްގެ ފަހު ކޮޅުގަ އެވެ. އޭނާ ކުޅުނު ފުރަތަމަ މެޗުގައި، ވެލެންސިއާ އަތުން މާޒިޔާ މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް ނުކުމެ ކުޅެން ނިކުތްތާ ހަވަނަ މިނެޓް ތެރޭގައި އޭނާ ލަނޑު ކާމިޔާބު ކުރި އެވެ.

ރޭ ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާއަށް ގޯލް ހުޅުވައިދިނީ އަސޯ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗު ފެށިގެން ހަތް ވަނަ މިނެޓްގަ އެވެ. ޖެހިގެން އައި މިނެޓްގައި، އަހްމަދު އިމާޒު (އާއްކޮ) ވަނީ މާޒިޔާއަށް ލީޑް ފުޅާ ކޮށްދިނެވެ.

މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީވެސް އަސޯ އެވެ. އެ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފަށް ނިކުމެ، ހާފު ފެށިގެން ތިން ވަނަ މިނެޓް ތެރޭ އަސޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މާޒިޔާގެ ފަސް ވަނަ ލަނޑު، މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މެޗުގެ 79 ވަނަ މިނެޓްގައި އަސޯ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް 6-0 ގެ ލީޑެއް ނަގައިދީފަ އެވެ.

މާޒިޔާގެ ހަތް ވަނަ ލަނޑަކީ މެޗުގެ 87 ވަނަ މިނެޓްގައި، ނިލަންދޫގެ އަހްމަދު ސާޖިދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.