ހަބަރު

43 ހަމަ ނުވިޔަސް، އިންތިހާބުތަކާ ބެހޭ އިސްލާހުތައް މިއަދު ފާސް ކުރެވޭނެ: ނިހާން

މަޖިލީހުގެ ޖަލްސާއަށް 43 މެންބަރުން ޖަލްސާއަށް ހާޒިރު ނުވި ނަމަވެސް، ރިޔާސީ އިންތިހާބާ ބެހޭ އިސްލާހުތައް ފާސް ކުރުމަށް ހުރަހެއް ނެތް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް މަޖިލީހުގައި ވަނީ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހަކާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެއް ތާވަލުކޮށްފަ އެވެ. އެއީ ބޭރުގެ އެކި ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯދާފައިވާ މީހުންނަށް ރިޔާސީ އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ހަދާ އިސްލާހާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީ 100،000 ރުފިޔާއަށް ބޮޑު ކުރާ އިސްލާހު އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެވެ.

އެ އިސްލާހުތަކަކީ ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ގާނޫނަކަށް ވާތީ އެ އިސްލާހުތައް ފާސް ކުރުމަށް 43 މެންބަރުން ވޯޓަށް އަހާއިރު ތަޅުމުގައި ހާޒިރުވެ ތިބެން ޖެހެ އެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އެއެއްގެ މައްޗަށް އަމަލުކުރަންޖެހޭ ކޮންމެ ކަމެއް ފާސްކުރަންޖެހޭނީ ގާނޫނުގައިވާ މަޖިލިސް މެންބަރުންގެ އަދަދުގެ ދެބައިކޮށްފަ އެއްބައި މެންބަރުން ތިއްބަވައިގެންނެވެ. ނަމަވެސް އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައިވާތީ އެ އަދަދަށް މެންބަރުން ހަމަ ނުވެގެން މިއަދާ ހަމަޔަށް ވަނީ އެ އިސްލާހުތައް ފާސް ކުރުން ފަސްކޮށްލައިފަ އެވެ.

މިއަދު ވެސް އެ އިސްލާހުތައް ފާސް ކުރުން އެޖެންޑާކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން ނިހާން ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މުހިންމު އިސްލާހުތަކަކަށް ވާތީ މަޖިލީހުގެ ރިޔާސަތުން މިއަދާ ހަމަޔަށް ވަނީ އިދިކޮޅު މެންބަރުން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސް ކުރައްވާ އެ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ދެ ދުވަހަކަށް ވޯޓަށް އެހުން ފަސްކޮށްލާފައިވާ ކަމަށެވެ. އަދި އާންމު ގޮތެއްގައި ޖަލްސާއަށް ހާޒިރުވުމަށް ޓޭބަލް އޮފީހުން ފޮނުވާ މެސެޖުގައި ވެސް ދިގުކޮށް ލިޔުއްވާ އެ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް އިދިކޮޅު މެންބަރުންނަށް އާދޭހާ އެކު ދަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު މެންބަރުން މަޖިލީހުގެ ސައިކޮޓަރީގަ އާއި ކޮމިޓީތަކުގައި ތިއްބަވާ ކަމަށާއި ނަމަވެސް ތަޅުމަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވައިގެން ތިއްބެވި ކަމަށް ނިހާން ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެންބަރުން އެގޮތަށް އަމަލު ކުރައްވާތީ 43 މެންބަރުން ހަމަ ނުކޮށް ނެގި ވޯޓެއް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމަވާފައިވާ ކަމަށާއި އެހެންކަމުން އެ މެންބަރުންނަށް ޖަލްސާގައި ބައިވެރިވުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށް ފަހު މިއަދު ނަގާ ވޯޓުގައި 43 މެންބަރުން ހަމަ ނުވިޔަސް ފާސް ކުރެވޭނެ ކަމަށް ނިހާން ވިދާާޅުވި އެވެ.

"މެންބަރުން މިފަދަ ގޮތަކަށް ބޮއިކޮޓް ކުރައްވާތީ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް ވާނެ ލޮރޫރީ ހާލަތުގެ ދަށުން 43 ހަމަނުވިޔަސް ފާސް ކުރި ގާނޫން ރަނގަޅު ކަމަށް ނިންމާފައި، އެގޮތަށް މިހާަރު އަޅުގަނޑުމެންނަށް ވެސް އެކަށީގެންވާ ފުރުސަތެއް ވާނީ އިދިކޮޅު ފަރާތްތަކަށް ދެވިފައި، އެހެންވެ ލެޖިޓަމައިޒް ވާނެ އަނެއްކާ ވެސް 43 މެންބަރުން ހަމަ ނުވިޔަސް އެ އިސްލާހުތައް ފާސް ކުރަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މިއަދު ބާއްވާ ޖަލްސާގައި އެ އިސްލާހުތަކަށް ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިދިޔަ ދެ ދުވަހު ރައީސް އަބްދުﷲ ޔާމީންއާއެކު ށ. އަތޮޅަށް ވަޑައިގެންނެވި ޕީޕީއެމްގެ މެންބަރުންނަށް ވެސް ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އިދިކޮޅު މެންބަރުން ވިދާޅުވެފައި ވަނީ އިންތިހާބުތަކާ ބެހޭ ގޮތުން ނަގާ ވޯޓުގައި ބައިވެރިވުމަށް އެ މެންބަރުން ވެސް ބޭނުންވާ ކަމަށެވެ. އެހެންކަމުން މަޖިލީސް ގާނޫނާ އެއްގޮތަށް ހިންގައި ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ފައިބައިވަޑައިގަތުމަށް ފަހު ގޮނޑު ގެއްލުނު ކަމަށް ބުނާ 12 މެންބަރުން މަޖިލީހަށް ވައްދަން އެދޭ ކަމަށެވެ. އޭރުން ޖަލްސާތަކުގައި ބައިވެރިވާނެ ކަމަށް އިދިކޮޅު މެންބަރުން ވަނީ ވިދާޅުވެފަ އެވެ.