ބޭރު ކުޅިވަރު

އިޒްރޭލް ސަސްޕެންޑްކުރަން ހުށަހެޅި ހުށަހެޅުން ފަލަސްތީނުން އަނބުރާ ގެންގޮސްފި

ފުޓްބޯޅައިން އިޒްރޭލް ސަސްޕެންޑްކުރުމަށް ފީފާ އަށް ފަލަސްތީނުން ހުށަހެޅި ހުށަހެޅުން ފަލަސްތީނުން އަނބުރާ ގެންގޮސްފި އެވެ.

މިހާރު ސްވިޓްޒަލޭންޑްގެ ޒިއުރިކްގައި ކުރިއަށްދާ ފީފާ ކޮންގުރެސްގެ އެޖެންޑާގައި އެ ހުށަހެޅުން ހިމަނާފައި އޮތް ނަމަވެސް، ކޮންގުރެސްގައި ފަލަސްތީންގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް ވަނީ އެ ހުށަހެޅުން އަނބުރާ ގެންގޮސްފަ އެވެ.

"މި ހުށަހެޅުން އަނބުރާ ގެންދިޔަ ނަމަވެސް، އަހަރެމެންގެ ވިސްނުމަަށް ބަދަލެއް ނާންނާނެ،" ޖިބްރީލް ވިދާޅުވި އެވެ.

އިޒްރޭލް ސަސްޕެންޑްކުރުމަށް ފަލަސްތީންގެ އެފްއޭ އިން ހުށަހެޅީ އިޒްރޭލްގެ ސަބަބުން އެ ގައުމުގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެވެ. ފަލަސްތީންގެ ކުޅުންތެރިންނަށް ހުޅަނގު އައްސޭރި އަށް ދަތުރުކުރުމަށް އިޒްރޭލް އިން ވަނީ ހުރަސްތަކެއް އަޅައިފަ އެވެ.

އެކަމަކު އިޒްރޭލްގެ ފުޓްބޯލް އެސޯސިއޭޝަން އިން ބުނީ އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާމެދު އެ އިދާރާ އިން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ފަލަސްތީން އިން ހުށަހެޅުން އަނބުރާ ގެންދިއުމާއެކު، އިޒްރޭލްގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް އޮފާ އެއިނީ އާއި ފަލަސްތީންގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ވަނީ ސަލާމްކުރައްވައިފަ އެވެ. އެ ދެ ބޭފުޅުން ސަލާމްކުރެއްވި ވަގުތު، ކޮންގުރެސްގެ އެހެން ބައިވެރިން ވަނީ އެ ދެ ބޭފުޅުންނަށް ހޫނު ތަރުހީބެއް ދީފަ އެވެ.