ދުނިޔެ

ތައިލެންޑްގެ ޓީމު ހޮހޮޅައިން ނެރޭނީ ކިހިނެއް؟

Jul 4, 2018
2

ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމު ނުވަ ދުވަސް ފަހުން ދިރިތިއްބާ ފެނުމުން، މުޅި ދުނިޔެ ވަނީ އެކަމަށް އުފާފާޅުކޮށްފަ އެވެ.

މިހާރު ކަމާބެހޭ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުދިން ސަލާމަތުން ހޮހޮޅައިގެ ތެރެއިން ނެރެވޭނެ ގޮތެއް ހޯދުމެވެ. ހޮހޮޅައިގެ ތެރޭގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ އިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ކުދިންގެ ސިއްހީ ހާލަތެވެ. ހުޅަނގު މޫސުން ނިމި ހޮހޮޅައިގެ ތެރޭގައި ހެދިފައިވާ ފެން ހިނދެންދެން ގާތްގަނޑަކަށް ހަތަރު މަސް ދުވަހު އެ ކުދިން ހޮހޮޅައިގެ ތެރޭގައި ތިބެންޖެހިދާނެ ކަމަށް ތައިލަންޑު ސިފައިން ވަނީ ބުނެފަ އެވެ.

ހާދިސާގެ ހުލާސާއެއް:

  • އެ ޓީމު ކޯޗާއެކު ހޮހޮޅައަށް ވަނީ ނުވަ ދުވަސް ކުރިން
  • އެކުދިން ފެނުނީ ހޮހޮޅައިގެ ހަތަރު ކިލޯމީޓަރު އަޑިން
  • ވަރުދެރަ ނަމަވެސް، މުޅި ޓީމުގެ ހާލު ރަނގަޅު
  • ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި، ފެން، ބޭސް އަދި ވައިފުޅި ފޯރުކޮށްދެވިއްޖެ
  • ސަލާމަތް ކުރެވެންދެން އެކުދިން ކައިރީގައި ދެ ޑޮކްޓަރުން ތިބޭނެ
  • އާއިލާއާ ވާހަކަ ދައްކަން ފޯނު ލައިނެއް އަޅަން މަސައްކަތް ކުރެވޭ

ނަމަވެސް، ހޮހޮޅައިގެ ތެރޭގައި އަދިވެސް ފެންބޮޑުވަމުންދާތީ، އެހާ ގިނަ ދުވަހު އެކުދިންނަށް ހޮހޮޅައިގެ ތެރޭގައި ތިބެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ، ފެންބޮޑުވެގެން ހޮހޮޅައިގެ ތެރޭގައި ވައި ދައުރުވުމަށް ހުރަސްއެޅިއްޖެނަމަ، އެ ކުދިންނަށް އޮކްސިޖަން ނުލިބިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެ ފަދަ ބޮޑު ރިސްކެއް ނަގަން ބޭނުން ނުވާނަމަ އެ ކުދިން ސަލާމަތުން އެތަނުން ނެރޭނީ ކިހިނެއް ހެއްޔެވެ؟.

ޑައިވް ކޮށްގެން

ހޮހޮޅައިގެ ތެރެއިން ޑައިވްކޮށްގެން އެކުދިން ނެރުމަކީ އެންމެ އަވަސް މަގެވެ. ނަމަވެސް، ދުނިޔޭގެ ނަން މަޝްހޫރު ޑައިވަރުން އެކުދިންނާއި ހަމައަށް ދާން އެތަކެއް ދުވަހެއް ނެގިއިރު، ރަނގަޅަށް ފަތަން ވެސް ނޭނގޭ، ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާ އެއް ނެތް ކުދިންތަކެއް ގޮވައިގެން، ކަނު އަނދިރީގައި ނެރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދި ހޮހޮޅައިން ނުކުންނަށް އޮތް މަގުގައި، ވައި ފުޅި އަޅައިގެން ނުދެވޭ ވަރުގެ ހަނި ހިސާބެއް އޮތުމުން، އެ ކުދިން ޖެހޭނީ އެ ހިސާބު ފްރީ ޑައިވް ކުރާށެވެ.

ޑްރިލް ކޮށްގެން

ދެވަނަ އޮޕްޝަނަކީ، ހޮހޮޅައިގެ މަތިން ލޯވަޅެއް ތޮރުފައިގެން، ސީދާ މަތިން އެ ކުދިން ނެރުމެވެ. ނަމަވެސް، މިކަމަކީ ވެސް ވަރަށް ދަތި ކަމަކަށްވާނެ ކަމުގައި ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ސަބަބަކީ، ފަރުބަދަ މައްޗަށް ޑްރިލް ކުރެވޭ ވަރުގެ ވެހިކަލްތައް އަރުވަން ބޭނުންނަމަ، ފުރަތަމަ ޖެހޭނީ މަގުތަކެއް ހަދާށެވެ. ނަމަވެސް، މަގުތައް ހަދަން، ބޮޑެތި ހިލަ ވެސް ގޮއްވަން ޖެހޭނެ އެވެ. މީގެ އިތުރުން، އެއްވެސް ސާވޭ އެއް ދިރާސާ އެއް ނުކޮށް އެ ކުދިން ތިބި ސަރަހައްދާއި ދިމާލުން ތޮރުފުން ވާނީ ވަރަށް ނާދިރު ކަމަކަށެވެ.

ފެން ހިނދެންދެން ބޭތިއްބުން

ހޮހޮޅައިގެ ތެރޭގައި އަދިވެސް ފެންބޮޑުވަމުންދާތީ، އެހާ ގިނަ ދުވަހު އެކުދިންނަށް ހޮހޮޅައިގެ ތެރޭގައި ތިބެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ، ފެންބޮޑުވެގެން ހޮހޮޅައިގެ ތެރޭގައި ވައި ދައުރުވުމަށް ހުރަސްއެޅިއްޖެނަމަ، އެ ކުދިންނަށް އޮކްސިޖަން ނުލިބިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ނަމަވެސް، މި ވަގުތަށް އެންމެ ރައްކާތެރި ގޮތަކީ އެ ކުދިން ހޮހޮޅައިގެ ތެރޭގައި ބޭއްތިބުމެވެ. މިހާރު ވެސް، ކާބޯތަކެއްޗާއި، ބޯފެނާއި، ބޭސް ފޯރުކޮށްދެވިފައިވާ އިރު، އެކުދިން ސަލާމަތް ކުރެވެންދެން އެކުދިން ކައިރީގައި ކަނޑުމަތީ ސިފައިގެން ދެ ޑޮކްޓަރުން ތިބުމަށް ވަނީ ވޮލަންޓިއާ ކޮށްފަ އެވެ. އަދި އެ ކުދިން ތިބި ސަރަހައްދުގައި ފެންބޮޑުވިޔަ ނުދޭން، ބޮޑެތި ޕަމްޕު ބޭނުންކޮށްގެން ފެން ހިނދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނަމަވެސް، ހުޅަނގު މޫސުން އަދި ފެށިފައިވާތީ ބޯކޮށް ވާރޭވެހުމުގެ ފުރުސަތު ބޮޑެވެ. އެހެން ވެއްޖެނަމަ، ފެން ހިންދޭ ވަރަށް ވުރެ އަވަހަށް ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.