ދުނިޔެ

އުތުރު ކޮރެއާގެ މަޝްވަރާތައް ދަނީ ރަނގަޅަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

Jul 4, 2018

ވޮޝިންގްޓަން (ޖުލައި 3) - އުތުރު ކޮރެއާގެ ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް "ދަނީ ރަނގަޅަށް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އާއެކު ސިންގަޕޫރުގައި ބޭއްވުނު ތާރީހީ ބައްދަލުވުމަށްފަހު، އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށް އެއްބަސްވެވުނު ނަމަވެސް، އެ ގައުމުން އަދިވެސް ދަނީ ނިއުކުލިއާ މަސައްކަތްތައް ވަރުގަދަ ކުރަމުންކަމަށް ދެކެވޭ ވާހަކަތަކަށް ޓްރަމްޕް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

"ވަރަށް ބައިވަރު ރަނގަޅު ވާހަކަތައް އުތުރު ކޮރެއާ އާއެކު އެބަ ދެކެވޭ،" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

"އެކަން ކުރިއަށްދާއިރު، ރޮކެޓެއް ނުފޮނުވާތާ ނޫނީ ނިއުކުލިއާ ޓެސްޓެއް ނުހަދާތާ އަށް މަސް. މުޅި އޭޝިއާ ތިބީ އުފަލުން. މިހާރު ޝަކުވާ ކުރަނީ އިދިކޮޅު މީހުންނާއި ދޮގު ހަބަރުތައް. އަހަރެން ނެތް ނަމަ، މިހާރު އަހަރެމެން ތިބޭނީ އުތުރު ކޮރެއާ އާދެކޮޅަށް ހަނގުރާމަ ކުރަން."

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ، އުތުރު ކޮރެއާ އަށް ވަޑައިގެންނެވުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ދަތުރުފުޅުގައި، ސިންގަޕޫރުގައި ވެވުނު އެއްބަސްވުމަށް އަމަލު ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.