ބޮލީވުޑް

ސޮނާލީއަށް ކެންސަރުޖެހި ނުރައްކާތެރި މަރުހަލާއެއްގައި

ނުވަދިހައިގެ އަހަރުތަކުން ފެށިގެން ބޮލީވުޑް ފިލްމުތަައް ކަމަށްވާ "ހަމް ސާތް ސާތް ހޭ" އާއި "ޑުބްލިކޭޓް" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާ ސޮނާލީ ބެންޑްރާއަށް ކެންސަރުޖެހި ނުރައްކާތެރި ހާލަތެއްގައި ހުރިކަމަށް އޭނާ ހާމަކޮށްފި އެވެ.

ސޮނާލީ މިކަން ހާމަކުރީ އޭނާގެ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ސޮނާލީ ބުނީ، އޭނާއަށް މިހާރު ހުރީ "މެޓަސްޓޭޓިސް ހައި ގްރޭޑް ކެންސަރު" ޖެހިފައި ކަމަށެވެ. މާނައަކީ އޭނާގެ ހަށިގަނޑުގެ އެއް ގުވަނަށްވުރެ ގިނަ ގުނަވަންތަކަށް ވަނީ ކެންސަރުޖެހިފަ އެވެ.

ސޮނާލީ އިންސްޓަގުރާމްގައި ކޮށްފައިވާ ޕޯސްޓް.

"ގައިގެ ތަންތަނަށް ތަދުވާތީ ޓެސްޓުތަކެއް ހެދީ. ގިނަ ޓެސްޓުތަކެއް ހެދިފަހުން މިކަން އިނގުނީ." ސޮނާލީ ބުންޏެވެ. "އަހަރެންގެ އާއިލާގެ މީހުންނާއި ރައްޓެހިންނަށް މިކަން އިނގިގެން އެ އެންމެންގެ ފަރާތުން ވަރަށް ހިތްވަރު ލިބޭ. އެކަމަށް ވަރަށް ޝުކުރުވެރިވަން."

ޑޮކްޓަރުން އިރުޝާދުގެ މަތިން ސޮނާލީ މިހާރު ހުރީ ފަރުވާއަށް ގޮސް ނިއު ޔޯކުގެ ސްލޯން ކެޓެރިން ކެންސާ ސެންޓަރުގަ އެވެ. އޭނާ މިކަން ހާމަކުރީ އެތަނުގައި ހުރެ އެވެ. އޭނާ ގާތުގައި ފިރިމީހާއާއި ދަރިފުޅުވެސް އެބަ ތިއްބެވެ.