ބޮލީވުޑް

"އަހަރެންގެ ހަޔާތަށް ފިލްމު ހަދާނެކަމެއް ނެތް"

ސަލްމާން ޚާން އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ތައްޔާރުކުރަން ބޭނުންނުވާ ކަމަށް ބުނެފި އެވެ. ސަލްމާން މިހެން ބުނީ ދާދިފަހުން ބޮލީވުޑްގެ މަޝްހޫރު އޮންލައިން މެގަޒިނެއް ކަމަށްވާ ފިލްމު ފެއާއަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ.

އޭނާގެ ހަޔާތައް ފިލްމެއް ތައްޔާރުކުރަން އެއްބަސްވާނަންތޯ ފިލްމު ފެއާއިން ސުވާލު ކުރީ ސަލްމާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ބޮލީވުޑްގެ ސްޓާރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރި ފިލްމެއް މިހާރު ސިނަމާތަކުގައި ދައްކަމުން އަންނާތީ އެވެ. އެ ފިލްމު ތައްޔާރުކުރީ ސަންޖޭގެ އެދުމުގެ މަތިންނެވެ.

"އަހަރެންގެ ހަޔާތާއި ބެހޭގޮތުން އެންމެނަށް ހުރިހާ އެއްޗެއްވެސް އެނގޭނެ. އެހެންވީމަ ފިލްމެއް ތައްޔާރު ކުރާކަށް ބޭނުމެއް ނޫން." ސަލްމާން ބުންޏެވެ.

ސަލްމާންއަކީ ބޮލީވުޑްގެ އެންމެ ބޮޑު އެއް ސްޓާރެވެ. އޭނާއަށް މަރުދޭ އެތަށް ފޭނުންނެއް ދުނިޔޭގެ އެތަން މިތަނުގައި އެބަ ތިއްބެވެ. އޭނާގެ މަގުބޫލުކަން ބޮޑުކަން އިނގެނީ ފިލްމެއްގައި ހަމައެކަނި އޭނާގެ ނަން ބޭނުންކޮށްލައިގެންވެސް ފިލްމުތަކަށް ބޮޑު އާމްދަނީއެއް ލިބޭކަމެވެ.

އެންމެފަހުން ނިކުތް އޭނާގެ ފިލްމު "ރޭސް 3" ވެސް ކްރިޓިކުން ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރި ނަމަވެސް އެ ފިލްމަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މީހުން މުނިފޫހިފިލުވައި ދިނުމުގައި އޭނާއަކީ "ޕްރޯ" މީހެއްކަން އަބަދުވެސް ވަނީ ސާބިތުކޮށްދީފަ އެވެ.

މީގެ އިތުރުން އޭނާގެ ޒާރީތީ ދިިރިއުޅުމާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހުންގެ ވާހަކަތަކަކީވެސް ގިނަ ބަޔަކަށް އިނގޭ އަދި ސަމާލުކަން ދަމައިގަތް ވާހަކަތަކެކެވެ.