ބޮލީވުޑް

"އެމްއެސް ދޯނީ"ގެ ސީކުއެލްއެއް ގެނެސްދެނީ

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހެންދުރަ ސިންހު ދޯނީގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް 2016 ވަނަ އަހަރު ގެނެސްދިން ބަޔޮޕިކް ފިލްމު "އެމްއެސް ދޯނީ: އޭން އަންޓޯލްޑް ސްޓޯރީ" ގެ ސީކުއެލް ފިލްމެއް ގެނެސްދެން ނިންމައިފި އެވެ.

އެ އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރި އަދި ބޮޑު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގައި ރަސްކަންކުރި މި ފިލްމުގައި ދޯނީގެ ރޯލުން ފެނިގެން ދިޔައީ ސުޝާންތު ސިންހު ރާޖުޕުތު އެވެ. ބޮލީވުޑްގެ ނޫސްތައް ބުނާގޮތުން ސީކުއެލްއެއް ގެނެސްދެނީ މި ފިލްމުގެ އުފެއްދުންތެރިން ބޭނުންވެގެނެވެ. މިހާރު އެމީހުން ސްކްރިޕްޓުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށްވެ އެވެ.

"މިއަހަރު އޮތް ޓީޓްވެންޓީ ކްރިކެޓު މުބާރާތުގައި ޗެންނާއީ ވަނީ ބެންގަލޫރުގެ އަތުން ބޮޑު މޮޅެއް ހޯދާފަ. ޗެންނާއީގެ ސުޕަ ކިންގްސްއަކީ ދޯނީގެ ޓީމު. މިވާހަކަތައް ސީކުއެލްގައި ގެނެސްދޭނެ ކަމަށް ބެލެވޭ. މީގެ އިތުރުން 2015 ވަނަ އަހަރު އިންޑިއާއިން ކްރިކެޓުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ކުރި ދަތުރުގެ ވާހަކަތައް ވެސް ގެނެސްދީފާނެ." ހިންދުސްތާން ޓައިމްސްގައި ބުނެފައިވެ އެވެ.

"އެމްއެސް ދޯނީ: އޭން އަންޓޯލްޑް ސްޓޯރީ" ގެ ޓްރެއިލާ.

މި ފިލްމުގައި ގެނެސްދެނީ 2011 ވަނަ އަހަރު އޮތް ކްރިކެޓުގެ ވޯލްޑް ކަޕުގައި އިންޑިއާ މޮޅުވިފަހުން ދޯނީގެ ހަޔާތުގައި ހިނގާފައިވާ ކަންކަމެވެ. ރޯނީ ސްކްރޫވާ ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް ފަށާނެކަމަށް ބެލެވެނީ، ސުޝާންތު މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމުތަކުގެ މަސައްކަތް ނިމުމުން އަންނަ އަހަރު އެވެ.