ހަބަރު

ރައީސް ޔާމީން އެމެރިކާގެ ރައީސްއަށް ތަހުނިޔާ ފޮނުއްވައިފި

Jul 4, 2018
2

އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެގައުމުގެ ރައީސާއި ރައްޔިތުންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވައިފި އެވެ.

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން، އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، އެދުވަހަކީ ގައުމުގެ މިނިވަންކަމާ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ދުވަހެއްކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުވެފައިވާކަމަށާއި ދެގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައި ވަނީ ތާރީހާއި ދެގައުމުން ގަބޫލުކުރާ އުސޫލުތަކާއި ދެގައުމުގެ ދެމެދުގައި އޮތް އިތުބާރުގެ މައްޗަށް ކަމަށެވެ.އަދި އެމެރިކާއަކީ ރާއްޖެއަށް މުހިންމު ގައުމެއްކަމަށެވެ. އަދި މިހާރުވެސް ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތްތާގައި ބަދަހިވެ އެކުގައި ގުޅިގެން މަސައްކަތްތަކެއްކުރެވި ދެގައުމަށާއި ރައްޔިތުންނަށް ފައިދާކުރުވަނިވި ގޮތެއްގައި މަސައްކަތްތަކެއް ކުރުމަށް ބޭނުންފުޅުވާ ކަމަށެވެ.

އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ، 1776 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހެވެ. އެދުވަހަކީ އިނގިރޭސިންގެ އަޅުވެތިކަމުން އެގައުމަށް މިނިވަންކަން ލިބުނުކަން އިޢުލާން ކުރި ދުވަހެވެ.