ހުނަރަކީ ވަކި އުމުރެއްގެ މީހެއްގެ ހުންނަ އެއްޗެއް ނޫންކަން އެންމެންވެސް ގަބޫލުކުރެ އެވެ. ހަގު އުމުރުގައި މޮޅު ހުނަރުތައް ދައްކާލާ މީހުން ހައިރާންކޮށްލި އެތައް ކުއްޖަކު މިހާރުވެސް އެބަ ތިއްބެވެ. މީގެ ތެރެއިން އެއް ކުއްޖަކަށް ވާނީ އަދްވައިތު ކޮލަރްކަރް އެވެ.
އުމުރުން އެންމެ ހަތަރު އަހަރުގެ އަދްވައިތުއަކީ އެމެރިކާގެ ނިއު ޔޯކުގައި ބާއްވާ އެންމެ ބޮޑު އާޓް އެގްޒިބިޝަން ކަމަށްވާ، އާޓްއެކްސްޕޯގައި ކުރެހުންތައް ދައްކާލުމުގެ ފުރުސަތު ލިބުނު އެންމެ ހަގު ކުރެހުންތެރިޔާ އެވެ. އޭނާގެ ހުނަރު ފެނި ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ. ބައެއް މީހުން ވަނީ މި ކުރެހުންތައް އެއްހާސް ޑޮލަރަށްވުރެ މަތިން ގަނެފަ އެވެ.
ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން އަދްވައިތު ވަނީ މީގެ ކުރިން އެހެން ދެ އާޓް އެގްޒިބިޝަނެއްގައިވެސް އޭނާގެ ކުރެހުންތައް ދައްކާލާފަ އެވެ. އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ބުނެފައި ވާގޮތުން އޭނާއަކީ "ދި ޔަންގެސްޓް އެބްސްޓުރެކްޓު އެކްސްޕްރެޝަނިސްޓް ޕެއިންޓާ" އެވެ.
އިންޑިއާގެ ޕޫނޭއަށް އުފަން އަދްވައިތުގެ އަމިއްލަ ވެބްސައިޓުގައި ބުނެފައި ވާގޮތުން، އޭނާގެ އުމުރުން އެންމެ އަށް މަހުގައި ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. ކުރެހުންތަކުގައި ފެންނަނީ އޭނާގެ އަމިއްލަ ހިޔާލީ މަންޒަރުތަކެވެ. ގެލެކްސީއާއި ޑްރެގަންއަކީ އޭނާ އެންމެ ޝައުގުވެރިކަން ހުންނަ ތަކެއްޗެވެ.
އަދްވައިތު އޭނާގެ މައިންބަފައިންނާއެކު ދިރިއުޅެމުން އަންނަނީ ކެނެޑާގެ އެވެ. އޭނާގެ ބައްޕައަކީ ސޮފްޓުވެއާ އިންޖީނިއަރެކެވެ. އޭނާގެ މަންމައަކީ ކޮމާޝިއަލް އާޓިސްޓެކެވެ. އަދްވައިތުގެ އެއްބަނޑު އެއްބަފާ ދައްތައެއްވެސް ހުރެ އެވެ. އެމީހުން ދިރިއުޅެމުން އަންނަ ގޭގެ ހުރިހާ ފާރުތަކެއްގައި އަދްވައިތުގެ ކުރެހުންތައް ހަރުކޮށްފައި ހުރެ އެވެ.
މި ކުރެހުންތަކަށް އެންމެ ފުރަތަމަ ސަމާލުކަން ލިބުނީ ޕޫނޭގައި އޮތް އާޓް އެގްޒިބިޝަނެއްގައި އަދްވައިތުގެ މަންމަ މި ކުރެހުންތައް ދައްކާލި ހިސާބުންނެވެ. މަޝްހޫރު މިއުޒިއަމެއް ހިންގާ މީހަކަށް މި ކުރެހުންތައް ފެނިގެން ވަނީ އޭނާއާއި ބައްދަލުވެސްކޮށްފަ އެވެ.