ދުނިޔެ

މިސްރުގެ މުރުސީ ހިމެނޭ ބޮޑު ޓެރަރިސްޓު ލިސްޓު ބާތިލުކޮށްފި

Jul 5, 2018
1

ކާއިރޯ (ޖުލައި 5) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީއާއެކު އެ ގައުމުގެ 1،500 އަށް ވުރެ ގިނަ މީހުން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅައި އެކުލަވާލި ލިސްޓް، އެ ގައުމުގެ އެންމެ މަތީ ކޯޓުން އަނބުރާ ދަށު ކޯޓަށް ފޮނުވާލައިފި އެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުރެ ސިފައިން ގެނައި ބަޣާވާތެއްގަ އެވެ. އޭގެ ފަހުން، މިދިޔަ މާޗު މަހު ސީސީ ވަނީ އަލުން އިތުރު ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.

މުރްސީގެ ޕާޓީ މުސްލިމް ބްރަދާހުޑް އަކީ ޓެރަރިސްޓް ޖަމިއްޔާއެއް ކަމަށް ކަނޑައަޅައި، އެ ޕާޓީގެ އެތަކެއް ހާސް ސަޕޯޓަރުންނަށް އެކި ދައުވާތައް ކުރެވި ޖަލަށްލެވިފައިވާ އިރު، އޭގެ ތެރެއިން ގިނަ ބަޔަކު ދަނީ އެ މައްސަލަތައް މަތީ ކޯޓުތަކުގައި އިސްތިއުނާފަށް ހުށަހަޅަމުންނެވެ. ނަމަވެސް، މިސްރުގެ އެންމެ މަތީ ކޯޓުގެ އެ ނިންމުމާއެކު މުސްލިމް ބްރަދާހުޑް އަކީ ޓެރަރިސްޓް ޖަމިއްޔާއެއް ކަމަށް ކަނޑައެޅި ނިންމުން ވެސް ބަދަލުވާނެ ކަމެއް ސާފެއްނުވެ އެވެ.

މި ނިންމުމުގެ ސަބަބުން، މުރްސީ އާއެކު ޖަލުގައި ތިބި އެތައް ހާސް ބަޔަކަށް އިންސާފު ލިބުމަށް މާބޮޑު ކުރިއެރުންތަކެއް ނުލިބޭނެ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ، އެ ލިސްޓު މުޅިން އުވާނުލާ، ދަށު ކޯޓުން މުރާޖައާ ކުރުމަށް އަންގާފައިވާތީ އެވެ.

ސީސީގެ ސަރުކާރުން ވަނީ މުރްސީގެ މައްޗަށް އެތަކެއް ދައުވާއެއް ކޮށްފަ އެވެ. އޭޕްރީލް 2015 ގައި ރައީސްގެ ރަސްމީ ގެކޮޅު ކުރިމަތީގައި ކުރި މުޒާހަރާއެއްގައި ފުލުހުން ލައްވާ މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރި މައްސަލާގައި، މުރްސީގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މީގެ އިތުރުން، ސެޕްޓެމްބަރު 2016 ގައި، ގަތަރަށް ޖާސޫސުކޮށްދިން ކަން ސާބިތުވެ، މުރްސީއަށް ވަނީ އިތުރުން 25 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި އޭގެ ފަހުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2017 ގައި މުރްސީގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ.