ދުނިޔެ

މިސްރަށް ހަތިޔާރު ވިއްކާނީ ވަކި ކަމެއް ޝަރުތު ނުކޮށް: މެކްރޮން

މިސްރަށް ހަތިޔާރު ވިއްކުމުގައި އިންސާނީ ހައްގުތައް ޝަރުތު ނުކުރައްވާނެ ކަމަށް، ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ. ސަބަބެއް ކަމަށް މެކްރޮން ވިދާޅުވީ އެއީ ޓެރަރިޒަމާ ދެކޮޅަށް މިސްރުން ކުރާ މަސައްކަތްތައް ކަމީނާވާން އެދިވަޑައި ނުގަންނަވާތީ ކަމަށެވެ.

މެކްރޮން ވިދާޅުވި ގޮތުގައި، އަބްދުލް ފައްތާހު އައްސީސީއާ އެކު އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ވަރަށް ގާތްކޮށް ވާހަކަ ދައްކަވައި މަޝްވަރާކުރެވިފައި ވާނެ އެވެ.

ފްރާންސްގެ ރިޔާސީ ގަނޑުވަރު، އެލިސީ ޕެލަސްގައި، ދެ ބޭފުނުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މެކްރޮން ވިދާޅުވީ "ޚިޔާލު ތަފާތުވާ ކަމެއް އޮތް ނަމަ ހައްލުކުރުން ބުއްދިވެރީ ދެ ގައުމުގެ ދެމެދުގައި، ޕޮލިސީ ލެވެލްގައި މަޝްވަރާކުރެވިގެން" ކަމަށެވެ.

"ދިފާއީ އަދި އިގްތިސޯދީ އެއްބާރުލުލުމުގެ ތެރެ އަށް ކަންތައްތަކެއް ވައްދައި، ޝަރުތުކުރާކަށް ނޭދެން،" މެކްރޮން ވިދާޅުވި އެވެ. "ބޮއިކޮޓްކުރުމަށް ވުރެ މުހިންމީ ހައްލުކުރަން ކަމެއް އޮތް ނަމަ ސީރިއަސް ހުށަހެޅުމެއް."

ފްރާންސުން މިސްރާ މެދު ދެކެނީ ހަރުކަށި ފިކުރު ނައްތާލުމުގައި ފްރާންސަށް އޮތް ހިތްވަރެއް ގޮތުގަ އެވެ. އަދި ލީބިޔާ އާއި މިސްރުގެ ސިނާއީ ޕެނިންސުލާގައި ގަދަވެގަނެގެން އުޅޭ އައިސިސް ހަނގުރާމަވެރިންނަށް ހަރަކާތްތެރިނުވެވި، ފޮރުވިގަނެގެން އުޅެންޖެހިފައި ވަނީ މިސްރުގެ ސަބަބުން ކަމަށެވެ.

މިސްރަކީ ފްރާންސުން ވަރަށް ގިނައިން ހަތިޔާރު ގަންނަ ގައުމެކެވެ. އޭގެ އިތުރުން ފްރާންސްގައި އުފައްދާ ހެލިކޮޕްޓަރު އުުފުލާ މަނަވަރާއި ފައިޓާ ޖެޓް ވެސް މިސްރުން ވަނީ ގަނެފަ އެވެ.