ވިޔަފާރި

އިންޑިޔާ ޓޫރިސްޓުންނަށް ވިސާގެ މައްސަލައެއް ދިމަލެއް ނުވޭ: ޓޫރިޒަމް ދާއިރާ

Jul 5, 2018
6

އިންޑިއާއަށް ވިސާ ނުދޭ މައްސަލަ ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކޮށްފާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނި ނަމަވެސް، އިންޑިޔާގެ އެއްވެސް ޓޫރިސްޓަކަށް ވިސާގެ މައްސަލައެއް ދިމާނުވާ ކަމަށް، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފި އެވެ.

"އަވަސް" އާ ވާހަކަ ދެއްކި ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީގެ ވެރިއަކު ވިދާޅުވީ އެ ކުންފުނިން މިދިޔަ ތިން މަހު 50 އަށްވުރެ ގިނަ މީހުން އިންޑިޔާ އިން ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ވިސާގެ އެއްވެސް މައްސަލައެއް ދިމާވެފައި ނެތް ކަމަށެވެ.

"ކަނޑައެޅިގެން ދޮގެއް އެއީ. ވިސާގެ އެއްވެސް މައްސަލައެއް ހަމަ ގައިމު ވެސް އިންޑިޔާއިން އަންނަ ޓޫރިސްޓަކަށް ހަމަ ގައިމު ވެސް ދިމަލެއް ނުވޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އެންމެ ގިނައިން އިންޑިޔާ ޓޫރިސްޓުން ގެންނަ ވިލާ ހޮޓެލްސްގެ ގްރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ އިންޑިޔާ ޓޫރިސްޓުންނަށް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އެއްވެސް މައްސަލައެއް ޓޫރިސްޓުންނަށް ދިމަލެއް ނުވޭ،" އަހަރު އެތަށް ސަތޭކަ މީހުން ޗުއްޓީ ހޭދަކުރާ ސަން އައިލެންޑާއި ޕެރަޑައިސް ހިންގާ ކުންފުނީގެ ގްރޫޕް ޖީއެމް، ގައިސަރު ވިދާޅުވި އެވެ.

އިންޑިޔާގައި ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް އިޝްތިހާރު ކޮށްފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންނެވެ. އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން ދަނީ މިދިޔަ އަހަރު އިންޑިޔާއިން 83,019 މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން ދަނީ މި އަދަދު އެއްލައްކައަށް އަރުވަން މަސައްކަތް ކުރަމުންނެވެ. މި ޓާގެޓަށް ވާސިލްވާ އެ ޖަމިއްޔިއިން ވަނީ ސަޓޭ ފެއާ އިންޑިޔާ ފެއާ 2016 އާއި ބީއައިޓީބީ ނިއުދިއްލީ 2016 އަދި އިންޑިއާ އިންޓަނޭޝަނަލް ޓްރެވަލް މާޓް (އައިއައިޓީއެމް) 2017 އަދި ސަޓޭ އިންޑިޔާ 2017 ގައި ބައިވެފަ އެވެ. އަދި މާޗް މަހު އިންޑިޔާގެ ތިން ސިޓީއެއްގައި ރޯޑްޝޯވް ތަކެއް ވެސް ބާއްވާފަ އެވެ. އަދި މިދިޔަ މަހު މޯލްޑިވިއަން ނައިޓެއް ވެސް މުމްބާއީގައި ބޭއްވި އެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވީ އެ ޖަމިއްޔާ އިން އިންޑިޔާގެ ގިނަ ފެއާތަކެއްގައި ބައިވެރިވަމުންދާ ކަމަށާ، ނަމަވެސް އިންޑިޔާގެ އެއްވެސް ޓޫރިސްޓަކަށް ރާއްޖެ އަންނަން މައްސަލަ ދަތިވެފައިވާ ކަމުގެ ޝަކުވާއެއް ނުލިބޭ ކަމަށެވެ

"ޓުއާ އޮޕަރޭޓަރުންނާ ވެސް ބައްދަލުވޭ. އެކަހަލަ އެއްވެސް ޝަކުވާއެއް ނެތް. އެއްވެސް މައްސަލައެއް ނޫޅޭ،" އަސްރާ ވިދާޅުވި އެވެ.

އިންޑިޔާ ޓޫރިސްޓުން އައުން މަދުވެދާނެ ކަމަށް އެ ގައުމުން ބުނެފައި މިވަނީ އިންޑިޔާ މީހުން ރާއްޖޭގައި މަސައްކަތް ކުރަން ވޯކް ވިސާ ނުދޭ ކަމަށް ބައެއް ކުންފުނިތަކުން ބުނެފައިވެ އެވެ. އެގޮތުން ގާތްގަނޑަކަށް 29،000 އިންޑިޔާ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރާ އިރު 2000 މީހުން ވިސާ ހޯދުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް ހަމަޖައްސައި ނުދީ ހިފަހައްޓާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް، ރާއްޖޭގެ އިމިގްރޭޝަނުން ވަނީ ތަކުރާރުކޮށް މި ވާހަކަތައް ދޮގު ކޮށްފަ އެވެ. އިންޑިއާ މީހުންނަށް ވިސާ ނުދިނުމަށް ރަސްމީ ކޮށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އެފަދަ ޝަކުވާއެއް ވެސް ނެތް ކަމަށް، އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބުނެ ފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާ ގޮތުން އިންޑިޔާއިން މި އަހަރުގެ މިހާތަނަށް 33,734 ޓޫރިސްޓުން އައިސްފައިވެ އެވެ.މި އަދަދަކީ މިދިޔަ އަހަރުގެ އައި 30,610 މީހުންނާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވުމެކެވެ.