ދުނިޔެ

ތައިލަންޑު ޓީމު ހޮހޮޅައިން ނުނެރެވި ވަގުތު ކުޑަތަންވަނީ

Jul 5, 2018

ތައިލަންޑް (ޖުލައި 5) - މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމު ސަލާމަތް ކުރުމަށް ވަގުތު ކުޑަތަންވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ބުނެފި އެވެ.

ނުވަ ދުވަސް ފަހުން އެ ބާރަ ކުދިންނާއި އެ ކުދިންގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ދިރިތިއްބާ ފެނިފައިވީ ނަމަވެސް، ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެފައިވާތީ އެ ކުދިން ސަލާމަތް ކުރެވޭނެ ގޮތްތައް އަދިވެސް ދަނީ ހޯދަމުންނެވެ.

ނަމަވެސް، ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭއިރު، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވެ، އެކުދިން ސަލާމަތުން ތިބި ސަރަހައްދުގައި ފެންބޮޑުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ހޮހޮޅައިގެ ތެރެއިން ޑައިވްކޮށްގެން އެ ކުދިން ނެރުމަކީ އެންމެ އަވަސް މަގު ކަމުގައި ވަނީ ބުނެފަ އެވެ. ނަމަވެސް، ދުނިޔޭގެ ނަން މަޝްހޫރު ޑައިވަރުން އެކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނުކުންނަން ޖުމްލަ 11 ގަޑިއިރު ހޭދަވެ އެވެ. އެއީ އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ. އޭގެ ތެރެއިން ގިނަ ކުދިންނަށް ރަނގަޅަށް ފަތަން ވެސް ނޭނގޭ، ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާ އެއް ނެތް ކުދިންތަކެއް ގޮވައިގެން، ކަނު އަނދިރީގައި ނެރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހާދިސާގެ ހުލާސާއެއް

  • އެ ޓީމު ކޯޗާއެކު ހޮހޮޅައަށް ވަނީ ނުވަ ދުވަސް ކުރިން
  • އެ ކުދިން ފެނުނީ ހޮހޮޅައިގެ ހަތަރު ކިލޯމީޓަރު އަޑިން
  • ވަރުދެރަ ނަމަވެސް، މުޅި ޓީމުގެ ހާލު ރަނގަޅު
  • ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި، ފެން، ބޭސް އަދި ވައިފުޅި ފޯރުކޮށްދެވިފައި
  • ސަލާމަތް ކުރެވެންދެން އެ ކުދިން ކައިރީގައި ދެ ޑޮކްޓަރުން ތިބޭނެ

ހުޅަނގު މޫސުން ނިމި ހޮހޮޅައިގެ ތެރޭގައި ހެދިފައިވާ ފެން ހިނދެންދެން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް އެ ކުދިން ހޮހޮޅައިގެ ތެރޭގައި ތިބެން ޖެހިދާނެ ކަމަށް ތައިލެންޑު ސިފައިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން، ގިނަ އަދަދެއްގެ ބޯފެނާއި، ކާނާ އަދި ބޭސް ވެސް ވަނީ އެކުދިންނަށް ފޯރުކޮށްދެވިފަ އެވެ.

ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވިޔަ ނުދިނުމަށް، ބޮޑެތި ޕަމްޕުތައް ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ، ޕަމްޕުތަކުން ފެންހިންދޭ ވަރަށް ވުރެ އަވަހަށް ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ހޮނިހިރު ދުވަހު އެވެ. ނުވަ ދުވަހު 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ހޮހޮޅައިގެ ތެރޭގައި އެތަކެއް ފޫޓަށް ފެންބޮޑުވެފައިވީ ނަމަވެސް، އެ ކުދިން ފެނިފައިވަނީ ހޮހޮޅައިގެ ތެރޭގައި ހުރި އުސް ތަންކޮޅެއްގެ މަތީގައި ތިއްބަ އެވެ.

އެތަކެއް ސަތޭކަ ފުލުހުންނާއި ސިފައިން އަދި ވޮލަންޓިއަރުން އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައިވާއިރު، ފަރުބަދަ މަތިން ހޮހޮޅައަށް ވަދެވޭނެ އިތުރު މަގެއް ފެނޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.