ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރު ކުރަން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ. ހައުސިން އިން މީގެ ކުރިން ނިންމާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އަޅަން ފަށާފައިވާ 7000 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމުތައް ބަލައިގަތުން މި މަހުގެ ނިޔަލާ ހަމަޔަށް ކުރިޔަށް ގެންދިޔުމަށެވެ.
ނަމަވެސް އެކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިޔަށްދާއިރު މިއަދާ ހަމަޔަށް 4767 މީހުން ފްލެޓު ހޯދުމަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރަށް ވެސް ގިނަ ބަޔަކު ފޯމް ނަގާފައިވާ ކަމަށާއި އެހެންކަމުން މަޝްވަރާ ކުރުމަށް ފަހު ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރު ކުރަން މިނިސްޓްރީ އިން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކުރިން އޮތީ 31 ޖުލައިއަށް ފޯމް ހުށަހަޅާ ނިންމަން ޖެހޭނެ ކަމަށް އެހެން ނަމަވެސް 31 އޮގަސްޓަށް ފޯމް ހުށަހެޅުން މިހާރު މިވަނީ އިތުރުކޮށްފައި، އެހެންވެ އިތުރު އެއް މަސް ދުވަސް ލިބިގެން ދާނެ،"
މުއިއްޒު ވިދާޅުވީ ފްލެޓަށް ކުރިމަތިލުމަށް ފޯމް ދޫކުރުމާއި ބަލައިގަތުން މިހާތަނަށް ދަރުބާރުގޭގައި ކުރިޔަށް ދިޔަ ނަމަވެސް އަންނަ އެ މަސައްކަތް ހައުސިން މިނިސްޓްރީގެ ގްރައުންޑް ފްލޯގައި ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އެ މިނިސްޓްރީގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ފޯމް ދޫކުރަން ފަށާފައި ވަނީ މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގަ އެވެ. އެގޮތުން އެ މަސް ނިމުމުގެ ކުރިން 40،000 އަށް ވުރެ ގިން ފްލެޓު ފޯމް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓު ދޫކުރާ ކެޓަގަރީތައް
- ސިވިލް ސާވަންޓުން - 1000 ފްލެޓު
- މާލޭގެ ރަށްވެހިން - 1000 ފްލެޓު
- ދަފްތަރުގައި ހިމެނޭ މީހުން - 1044 ފްލެޓު
- ޑޮކްޓަރުންނާއި ނަރުހުން - 475
- ޓީޗަރުން - 625
- ފުލުހުން - 300
- ސިފައިން - 300
- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ މީހުން - 1،000
- އެކަނިވެރި މައިންނާއި ބަފައިން - 400
- ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ އާއިލާތަކަށް - 200
- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުން - 300
- މާފަންނު ހުޅަނގު ދާއިރާގައި އުޅޭ ބަޔަކަށް ހާއްސަ - 256