ހަބަރު

ދަފްތަރުގައި ޖެހުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީ

މާލޭގައި ދިރިއުޅެމުން އަންނަ ރަށްރަށުގެ މީހުން، މާލޭގެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފެލްޓު ފޯމް ހުށަހަޅާއިރު އެއްވެސް ކެޓަގަރީއަކަށް ނުފެތޭ ބައެއް ފަރާތްތަކެއް އުޅޭ ކަމަށާއި އެ ފަރާތްތަކަށް މާލޭ ދަފްތަރުގެ ކެޓަގަރީ މެދުވެރިކޮށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ ހަފްތާ ބުދަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށާއި އޭރުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އިތުރު ބަޔަކަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ކޮށްދޭން އުޅޭ ކަމަކީ ދަފްތަރުގައި ރަޖިސްޓްރީވާ ފޯމު ލީމާ އެ ބޭފުޅަކަށް ފްލެޓުގެ ކެޓަގަރީތަކުގެ ތެރެއިން ދަފްތަރަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީ އިން ފޯމް ލެވޭގޮތް މި ހަދައިދެނީ، އެހެންވީމަ ފޯމު ލުމުން މަހުރޫމްވާ ފަރާތްތަކަށް އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މިހާތަނަށް ދަފްތަރުގައި ނުޖެހި އެކި ސަބަބުތަކާ ހެދި ތިއްބެވި ބޭފުޅުން އަދި އެއްވެސް ކެޓަގަރީއަކަށް ފޯލް ނުވާ ބޭފުޅުންނަށް މި ފުރުސަތު ހުޅުވާލަނީ ދަފްތަރުގައި ރަޖިސްޓްރީ ވާން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަފްތަރުގައި ރެޖިސްޓާ ވުމަށް ފޯމް ހުށަހެޅުމުން އެ ފަރާތަކަށް މިނިސްޓްރީ އިން ސްލިޕެއް ދޭނެ ކަމަށާއި އެ ސްލިޕްއާއެކު ދަފްތަރުގެ ކެޓަގަރީއަށް ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި ދަފްތަރުގައި ރެޖިސްޓާވުމަށް ހުށަހެޅި ނަމަވެސް ވޯޓުލާ ދުވަހުގެ ކުރިން ދަފްތަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އައިޑީކާޑު ވެސް ބަދަލު ކުރާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭރުން އެއްވެސް ފަރާތަކަށް ވޯޓުލުމުގެ ފުރުސަތެއް ނުގެއްލޭނެ ކަމަށާއި އެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވެސް އެއްބަސްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަލުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ހައުސިން މިނިސްޓްރީ އިން ނިންމާފައި ވަނީ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރު ކުރުމަށެވެ.