ދުނިޔެ

ސައުދީގައި އަނެއްކާ ވެސް އައިއެސްގެ ހަމަލާއެއް، މި ފަހަރު ހަތަރު މަރު

May 30, 2015

ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ޝީއީންނާ ދެކޮޅަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަނެއްކާ ވެސް ވަރުގަދަ ޖާނުން ފިދާވުމުގެ ހަމަލާއެއް ދީ، ހަތަރު މީހުން މަރާލައިފި އެވެ.

ސައުދީގެ ރަސްމީ ނިއުސް އެޖެންސީން ބުނި ގޮތުގައި ގައިގައި ގޮވާތަކެތި ހަރުކޮށްގެން ދިން މި ހަމަލާ އަމާޒުވެފައި ވަނީ އިރުމަތީގެ ސިޓީއެއް ކަމަށްވާ ދައްމާމްގައި ހުންނަ އަލްއަނޫދު މިސްކިތަށެވެ. އެ މިސްކިތުގެ ބޭރުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އިން އެ މީހާ ބޮން ގޮއްވާލާފައި ވަނީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން، އެ ސަރަހައްދުގައި ފޯރިމަރަމުންދިޔަ ފުލުހުން ކާރާ ދިމާއަށް ދާން ފެށުމުން ކަމަށް އެ އެޖެންސީން ބުންޏެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.