ބޮލީވުޑް

ވިދްޔާ ދެން ކުޅޭނީ ބަޔޮޕިކެއް

މަޝްހޫރު ބަތަލާ ވިދްޔާ ބާލަންއަކީ އޭނާ ކުޅޭ ކޮންމެ ފިލްމެއްގައިވެސް ތަފާތު ރޯލެއް ދައްކުވައިދޭ ބަތަލާއެކެވެ. އެންމެފަހުން ނިކުތް އޭނާގެ ފިލްމު "ތުމްހާރީ ސުލޫ" އަކީވެސް ކާމިޔާބު ފިލްމެވެ. ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދިއިރު، އެންމެފަހުން ބޭއްވި އައިފާ އެވޯޑުގައި އެންމެ މޮޅު ފިލްމަށްވެސް ވަނީ ހޮވިފަ އެވެ.

މި ފިލްމުގެ ކާމިޔާބީއަށްފަހު ވިދްޔާ އަނެއްކާވެސް މި ވަނީ ތަފާތު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ. ދެން އޭނާ ފެނިގެންދާނީ ބަޔޮޕިކް ފިލްމެއް ނުވަތަ ދެކުނު އިންޑިއާގެ މަޝްހޫރު ސިޔާސީ ޝަހުސިއްޔަތެއްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމަކުންނެވެ.

މި ބަޔޮޕިކް ފިލްމަކީ ދެކެނު އިންޑިއާގެ މަޝްހޫރު ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ އެންޓީ ރާމާ ރާއޯގެ ހަޔާތައް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ. ވިދްޔާ ފެނިގެންދަނީ ރާމާގެ އަނބިމީހާ، ބަސަވަތަރަކަމްގެ ރޯލުންނެވެ. އިންޑިއާގެ މަޝްހޫރު ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ ޓުވިޓާ މެދުވެރިކޮށް މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.

ތަރަން އަދަޝް ކުރި ޓުވީޓް.

މި ފިލްމުގައި ރާމާގެ ރޯލުން ފެނިގެންދާނީ އޭނާގެ ދަރިފުޅު ބާލާކްރިޝްނާ އެވެ. އެނާ މި ފިލްމު ޕްރޮޑިއުސްވެ ކުރާއިރު، ސައި ކޮރާޕަތީ އާއި ވިޝްނޫ ވަރްދަން އިންދުރޫ މި ފިލްމު ކޯ ޕްރޮޑިއުސްކުރާނެ އެވެ. ޑައިރެކްޓުކުރާނީ ކްރިޝް އެވެ.

ރާމާއަކީ ސިޔާސީ ޝަހުސިއްޔަތެއް އިތުރުން އެކްޓަރެއް، ޕްރޮޑިއުސަރެއް، ޑައިރެކްޓަރެއް އަދި އެޑިޓަރެކެވެ. އޭނާއަށް ވަނީ ތިން ފިލްމެއް ކޯ ޕްރޮޑިއުސްކޮށްގެން ގައުމީ އެވޯޑުވެސް ހޯދާފަ އެވެ. އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އަންދުރަ ޕްރަދޭޝްގައި ހަތް އަހަރު ވަންދެން ޗީފް މިނިސްޓަރެއްގެ މަގާމު އަދާކޮށްފައިވެ އެވެ. އޭނާގެ މަޝްހޫރު ނަމަކީ "އެންޓީއާރް" އެވެ.