ހަބަރު

ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ކުންފުންޏެއް އުވާލަން ކޯޓުން އަމުރުކޮށްފި

ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ޖެހި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ކުންފުންޏެއް އުވާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުވާލަން މިދިޔަ ހޯމަ ދުވަހު ކޯޓުން އަމުރުކުރީ އެ ކުންފުނިން ހިންގާ ގަލޮޅު ބޯޅަ ދަނޑުގެ ހަ ނަމްބަރު ފިހާރައިގެ ކުލީގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކައިގެންނެވެ. އެތަނުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން 2012 ގައި ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް އެއިން އެއްވެސް ފައިސާއެއް އެ ކުންފުނިން ދައްކާފައެއް ނުވެއެވެ.

އެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކުންފުނި އުވާލަން އަމުރުކޮށްފައިވަނީ ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މައްސަލަތަކުގައި އަމަލުކުރާ ގޮތުގެ ގަވާއިދަށް ރިއާޔަތްކޮށް ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެ ފައިސާ ނުދައްކައިގެން ކުރިން ވެސް މީރާއިން އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ.

ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ވަނީ ރަހުނު ނުހިމެނޭ ދަރަނީގެ މައްސަލައެއްގައި ފައިސާ ނުދައްކައިގެން ދެވަނަ ފަހަރު ކޯޓަށް މައްސަލަ ހުށަހަޅައިފި ނަމަ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އެ ކުންފުންޏަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

ކުންފުންޏާ ބެހޭ ގާނޫނުގައިވަނީ ކުންފުންޏެއްގެ ދަރަނި އަދާ ނުކުރެވޭ ނަމަ އެ ކުންފުންޏެއް އުވާލަން ކޯޓަށް އަމުރު ކުރެވިދާނެ ކަމަށެވެ.

ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލައަށް އެ ކުންފުނީގެ ޑިރެކްޓަރުން ނުވަތަ ހިއްސާދާރުންގެ ފަރާތުން ވެސް އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ. އެ މައްސަލަ ނިންމާފައިވަނީ ވެސް އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.